ޖާހް އިންވެސްޓްމަންޓްސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައިގައި އެ ބިދޭސީން އިއްޔެ އިހްތިޖާޖްގައި (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
ޖާހުގެ މުވައްޒަފުންގެ އުދާސް: 'މި ތިބީ ވަރަށް ހާލުގައި'
އެ މީހުންގެ ޝަކުވާތަކަށް އެތައް މަހެކެވެ. މާޔޫސްވެ އިހުތިޖާޖުގައި އުޅޭތާ އެތައް ދުވަހަކެވެ. ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހު އިންވެސްޓްމަންޓްސްގައި މަސައްކަތްކުރާ އެ ބިދޭސީންނަށް ކުރިމަތިވެގެން އުޅެނީ އެންމެ މައްސަލައެއް ނޫނެވެ. މުސާރަ ނުދިނުމެވެ. ޕާސްޕޯޓު ހިފެހެއްޓުމެވެ. ރަނގަޅު ކާނާ އާއި ބޭސްފަރުވާ ނުލިބުމެވެ.
ޖާހު އިން ހުޅުމާލޭގައި އިމާރާތްކުރާ 'ދަ ގާޑެންސް' ހެދުމުގެ މަސައްކަތްކުރާ މުވައްޒަފުންގެ މި ހާލަތާ މެދު ކުންފުނީގެ ޖަވާބެއް އެ މީހުންނަކަށް ވެސް އަދި މީޑިއާއަކަށް ވެސް ނެތެވެ. އޭގެ ބަދަލުގައި މުވައްޒަފުންނަށް އެންމެ ފަހުން ދިނީ އިންޒާރެކެވެ — ދެން އިހުތިޖާޖަށް ނުކުމެއްޖެ ނަމަ ކާންނުދޭނެ ކަމާއި ސައިޓުން ބޭރުކޮށްލާނެ ކަމެވެ. އެކަމަކު ވެސް އެ މީހުން އިއްޔެ ތިބީ އިހުތިޖާޖަށް ނުކުމެ އެވެ.
ދަ ގާޑެންސް ހަދަމުން އަންނަ ސައިޓުގެ ބޭރުގައި 'ދައުރު'އާ އިއްޔެ ވާހަކަ ދެއްކި ބިދޭސީ މަސައްކަތްތެރިން ބުނީ ޖާހު އިން އިންޑިއާގެ 47 މީހަކާއި އިންޑޮނީޝިއާގެ 15 ނުވަތަ 16 މީހެއްގެ މުސާރަ ނުދީ ހިފަހައްޓާފައިވާ ކަމަށެވެ. އަދި، އެ މީހުން ކިޔައިދިންގޮތުގައި، މުސާރަ ނުލިބުމަކީ އެ ކުންފުނީގެ ފަރާތުން އެ މީހުންނަށް ކުރިމަތިވަމުންދާ ބައިވަރު މައްސަލަތަކުގެ ތެރެއިން އެންމެ ކަމެކެވެ.
އެ ތަނުން ވާހަކަ ދެއްކި އިންޑިއާގެ ރޯޖު މުހައްމަދު ބުނީ އިންޑިއާގައި ތިބި އޭނާގެ އާއިލާގެ މެމްބަރުން ވެސް ކައިބޮއެ ހަދަނީ އޭނާ ފޮނުވާ ފައިސާއަކުން ކަމަށާއި ނަމަވެސް މިހާރު އެ މީހުން ވެސް ހާލުގައިޖެހި ގޮތް ހުސްވެފައިވާ ކަމަށެވެ. އޭނާ ބުނިގޮތުގައި މަސައްކަތްތެރިން މިހާރު އެދެނީ، ކޮންމެ ހާލެއްގައި ވެސް، އެ ތަނުން ސަލާމަތްވެ، އަނބުރާ ގައުމަށް ދިއުމަށެވެ. އެކަމަކު އޭނާ ދާން އުޅޭތާ ތިން މަސްވީ އިރު ވެސް އެ ފުރުސަތު ނުދިން ކަމަށް މުހައްމަދު ބުންޏެވެ.
"އަހަރެންގެ ބައްޕަ މަރުވެގެން ދާން އެދުނީމަ ވެސް ނުފޮނުވި. ރަނގަޅު ކާއެއްޗެއް ދެނީއެއް ނޫން، ސިއްހީ ފަރުވާ ވެސް ދެނީއެއް ނޫން. އަހަރެމެންގެ ހާލަތު ވަރަށް ގޯސް،" މުހައްމަދު ބުންޏެވެ.
"މުސާރަ ނުދޭތާ ތިން މަސް ވެއްޖެ. ކައިގެން ތިބިކަން ނުވަތަ ނުކައި ތިބިކަން ވެސް އަހަރެމެންނަށް އެނގޭނީ."
'އަހަރެމެން މި ތިބީ ތާށިވެފައި'
އިހުތިޖާޖުގައި އިއްޔެ ތިބި އެންމެންގެ ވާހަކަތައް ވެސް ހުރީ އެއް ގޮތަކަށެވެ. މައިގަނޑު ޝަކުވާތަކަކީ:
-
ޕާސްޕޯޓު ހިފަހައްޓާފައި އޮތުން
-
ބައެއް މީހުންނަށް 3-6 މަސް ވަންދެން މުސާރަ ނުދިނުން
-
ރަނގަޅު ކާނާ ނުދިނުން
-
ބޭސްފަރުވާގެ ހިދުމަތް ނުލިބުން
"އަމިއްލަ ހަރަދުގައި އިންޑިއާއަށް ދާން ވެގެން އަހަރެމެންގެ ތެރެއިން ތިން މީހުން ޓިކެޓު ވެސް ނެގިން. ޓިކެޓު ހިފައިގެން ދިޔައިމަ ބުނަނީ ޕާސްޕޯޓުގައި ކުންފުނިން ސްޓޭމްޕު ނުޖަހައޭ. އެއް ލައްކަ އިންޑިއާ ރުޕީސްގެ ގެއްލިއްޖެ އެކަމަށް،" އެ ތަނުން ވާހަކަ ދެއްކި، މުރާލީ ނަމަކަށް ކިޔާ މީހަކު ބުންޏެވެ.
"އަހަރެމެން ތާށިވެފައި މި ތިބީ. ދެން ކީއްކުރާނީ؟ ކުންފުނިން އެއްވެސް ޖަވާބެއް ނުދޭ."
މުރާލީ އިންޑިއާއަށް ދާން ކޮށްފައި ހުރި މަސައްކަތް ސާބިތުކޮށްދޭން، ޓިކެޓުތައް 'ދައުރު'އަށް ދެއްކި އެވެ. އެއީ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު ނަގާފައި ހުރި ޓިކެޓުތަކެކެވެ. އޭގެ ތެރޭގައި އިންޑިގޯއިން ސީދާ އިންޑިއާއަށް ދާން ނަގާފައިވާ ޓިކެޓަކާއި ސްރީލަންކަންއިން ލަންކާ މަގުން އިންޑިއާއަށް ދާން ނަގާފައިވާ ޓިކެޓެއް ވެސް ހިމެނެ އެވެ.
ޖާހުގެ މަސައްކަތްތެރިން އެމީހުންގެ މުސާރަ ނުލިބިގެން މިދިޔަ ހުކުރު ދުވަހު ވެސް އިހުތިޖާޖުކޮށްފައިވެ އެވެ. ބައެއް މީހުން އަމިއްލަ ގައިގައި ތަޅައި، މަގު މެދުގައި އޮށޯވެ ހެދި މަންޒަރު ވެސް އެ އިހުތިޖާޖުން ފެނުނެވެ.
އިންޑިއާ ހައި ކޮމިޝަނުގެ ސިޓީއެއް
ބިދޭސީންގެ ފަރާތުން މި މައްސަލައިގެ ކަންބޮޑުވުން އިންޑިއާގެ ހައި ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ ފޮރިން މިނިސްޓްރީ، ލޭބާ ރިލޭޝަންސް އޮތޯރިޓީ އަދި އިމިގްރޭޝަނަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި:
-
ޖާހު ކުންފުނިން ގަވާއިދާ ހިލާފަށް އެ މީހުންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައި
-
އެމީހުންގެ ވިސާ ޕްރޮސެސް ނުކޮށްދޭ
-
3-4 މަހުގެ މުސާރަ ނުދީ އެބަހުރި
-
އެކަށީގެންވާ ކާބޯތަކެއްޗާއި ސިއްހީ ހިދުމަތްތައް ކުންފުނިން ނުދޭ
-
މީގެ ކުރިން ވެސް އެ ކުންފުނީގެ 19 މުވައްޒަފެއްގެ ފަރާތުން މިފަދަ ޝަކުވާތައް ލިބުނު
އެ ސިޓީގައި ހައި ކޮމިޝަނުން އެދިފައިވަނީ މި މައްސަލަ ވީހާ ވެސް އަވަހަށް ބަލައިދީ، ނުދީ ހިފަހައްޓާފައި ހުރި މުސާރަ ހޯދައިދިނުމަށާއި އެމީހުންނަށް އަނބުރާ އިންޑިއާއަށް ދެވޭނެ ގޮތް ފަހިކޮށްދިނުމަށެވެ.
އެޕާޓްމެންޓްތައް ނުނިމި 2 އަހަރު؛ ކުންފުނިން ޓެކުހެއް ނުދައްކާ
މަސައްކަތްތެރިންގެ ހާލަތާ ގުޅޭގޮތުން ޖާހު ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު ޖައުފަރު އީސާ އާދަމްއާ 'ދައުރު' އިން ސުވާލުކުރި ނަމަވެސް އޭނާގެ ބަހެއް ނުލިބުނެވެ. އިންޑޮނީޝިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ އޮނަރަރީ ކޮންސުލްގެ މަގާމުގައި ހުންނެވި ޖައުފަރު ފޯނު ނުނަންގަވާތީ މެސެޖު ކުރުމުން، މެސެޖު ބެއްލެވުމަށް ފަހު ވެސް އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.
ޖާހު ކުންފުނީގެ އޮތީ، މަސައްކަތްތެރިންނާ މެދު އިހާނެތިވުމުގެ މައްސަލަ އެކަންޏެއް ވެސް ނޫނެވެ.
ދަ ގާޑްންސްގެ މަސައްކަތް ހުއްޓި، އެ ތަނުން އެޕާޓްމެންޓް ގަތް މީހުންނަށް ބޮޑު ގެއްލުމެއް ވަނީ ކުރިމަތިވެފަ އެވެ. އެތައް ބަޔަކު ލޯނު ނަގައިގެން އަދި އުމުރު ދުވަހު އެއްކުރި ފައިސާ ހަރަދުކޮށްގެން އެޕާޓްމަންޓް ގަތް ނަމަވެސް އެ ތަނުގެ މަސައްކަތް ނިމޭނެ އިރެއް އަދި އެޕާޓްމެންޓަށް ވަދެވޭނެ ދުވަހެއް ނޭނގެ އެވެ. އިހުތިޖާޖުގައި ތިބި ބިދޭސީ މުވައްޒަފުން އިއްޔެ ބުނިގޮތުގައި ބޭރުން ބަލާއިރު ދަ ގާޑްންސް ގާތްގަނޑަކަށް ނިމިފައި ހުރިހެން ހީވިޔަސް، އެތެރެ ހުރީ ނަހަދަ އެވެ.
ދަ ގާޑަންސް އިމާރާތްކުރަން ޖާހުއާ ހަވާލުކުރީ 2017 ވަނަ އަހަރު އެވެ. އެއީ ދެ އަހަރުން ނިންމާ ގޮތަށެވެ. އެހެންކަމުން ތަން ނިންމަން ދިން ތާރީހު ފަހަނަޅައިދިޔަ ފަހުން ވެސް ދެ އަހަރު ވޭތުވީ އެވެ. ލަސްވާ ސަބަބުތަކުގެ ގޮތުގައި ކޮވިޑް-19ގެ ހާލަތާއި މުވައްޒަފުންނާއި މަސައްކަތަށް ބޭނުންވާ ތަކެތި ނުލިބުން ފަދަ އެކި ބަހަނާތައް އެ ކުންފުނިން ދައްކާފައި އެބަހުއްޓެވެ.
ދައުލަތަށް ޓެކްސް ނުދައްކާ ކުންފުނިތަކުގެ ތެރޭގައި ވެސް، ޖާހު އިންވެސްޓްމެންޓްސް ހިމެނޭ ގޮތަށް، ޖައުފަރު އިސްވެ ހިންގަވާ ތިން ކުންފުންޏެއް ހިމެނެ އެވެ.
'މި މީހުން އުޅޭ ހާލެއް ނޭނގޭނެ'
ހާލުގައި ޖެހިފައިވާ ޖާހުގެ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދެވޭތޯ އެކި ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އަމިއްލަ ދެ ޖަމްއިއްޔާއެއް ކަމަށްވާ އެކްސްޕެޓްރިއޭޓް ފްރެންޑްޝިޕް ކްލަބް އާއި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު ހިމެނެ އެވެ. އެފަދަ ބައެއް މަސައްކަތްތަކަށް ޖާހު ކުންފުނިން މީގެ ކުރިން ހުރަސް އަޅާފައި ވެސް އެބަހުއްޓެވެ.
މުވައްޒަފުންގެ ކަންކަން އޮޅުންފިލުވައި، އެހީތެރިވާން އިއްޔެ މަސައްކަތްކުރި އެކްސްޕެޓްރިއޭޓް ފްރެންޑްޝިޕް ކްލަބްގެ އޮފިޝަލަކު 'ދައުރު'އަށް ބުނީ އިހުތިޖާޖުގައި ބައިވެރިވި މީހުން އަނބުރާ ސައިޓަށް ނުވައްދާނެ ކަމުގެ އިންޒާރު ކުންފުނިން ދިން ކަމަށް އެމީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އެމީހުން ކައިރީގައި ބުނެފައި އޮތީ [އިހުތިޖާޖު ކުރަން] ބޭރަށް ނުކުމެއްޖެ ނަމަ ދެން ނުވައްދާނެ ކަމަށާއި ކާން ނުލިބޭނެ ކަމަށް. އެކަމަކު އެ މީހުންނަށް ކެތްނުވެގެން މިއަދު ނުކުމެ އިހުތިޖާޖު ކުރީމަ ދެން ނުވައްދާނަމޭ އެމީހުން ގާތުގައި ބުނެފައި އޮތީ،" އޭނާ ބުންޏެވެ.
އޭނާ ބުނީ އެއީ ހަމައެކަނި ބުނި ބުނުމެއްކަން ނުވަތަ އެ ގޮތަށް އަމަލުކުރާނެކަން ނޭނގުނު ނަމަވެސް، އެހެން ބުނެގެން ނުވާނެ ކަމަށެވެ. އަދި ޖާހު ކުންފުނިން އެގޮތަށް އަމަލުކޮށްފި ނަމަ ދެން އެންމެ މުހިންމު ވާނީ އެ މީހުންނަށް ކާންދޭނެ ގޮތަކާއި ބައިތިއްބާނެ ތަނެއް ހޯދުން ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ޖާހުގައި މަސައްކަތްކުރާ ބިދޭސީން އަނބުރާ ގައުމަށް ދާން އެދެމުން އަންނައިރު، އެ މީހުން ރާއްޖެއަށް ގެންނަނީ، އެއްކޮޅު ޓިކެޓަށްވާ ވަރުގެ އަގެއް ޑިޕޮސިޓުގެ ގޮތުގައި ވެސް ނަގައިގެން ކަމަށާއި ދާން ބޭނުންވާ މީހުން ފޮނުވާނުލާންވީ ސަބަބެއް ނޭނގޭ ކަމަށެވެ.
އިންޑިއާ ހައި ކޮމިޝަނާއި ލޭބަ ރިލޭޝަންސް އޮތޯރިޓީ އަދި ފޮރިން މިނިސްޓްރީ ގުޅިގެން، ޖާހު ކުންފުނިން ހިފަހައްޓާފައިވާ މުސާރަ އަނބުރާ ދިނުމަށް ބާރުއަޅަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ވިސާގެ ކަންކަން އަވަސް ކޮށްދޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެކަމަކު ވެސް، އޭސީ ކޮޓަރީގައި ތިބޭ ބަޔަކަށް ނޭނގޭނެ މި މީހުން އުޅޭ ހާލެއް. މި މީހުންނަކަށް ނޭނގޭނެ އޮފީސްތަކުން ކުރާނެ މަސައްކަތްތައް. އެއީ އަބަދުވެސް ކަން ހިނގާ ގޮތް،" އޭނާ ބުންޏެވެ.
ކޮމެންޓް (9)
ޥަނަވަރު
މަހާޖާހް
ޖައުފަރު
އައްދު
ޖިލްވާ
ދޮން އަލީ
ހިއުމަންރައިޓްސް
ސްލޭވަރުޖައުފަރު
ދދދދދދދދ