ޖައުސާ ކުންފުނިން ހުޅުމާލޭގައި 'ދަ ގާޑެން' އިމާރާތްކުރަމުން އަންނަ ސައިޓުގެ ބޭރު: އެ އެޕާޓްމެންޓް އިމާރާތުގެ މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް މުސާރާ ނުދޭ ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައި. (ދައުރު ފޮޓޯ/އަހުމަދު މިޒްޔާލް)

ޖައުސާގެ ބައެއް މުވައްޒަފުން މުސާރަ ނުދޭ ކަމަށް ބުނެ އިހުތިޖާޖުކޮށްފި

ބައެއް މަސައްކަތްތެރިންނަށް މުސާރަ ނުދޭތާ އެއް އަހަރު ވެފައިވާ ކަމަށް ބައެއް މީހުން ބުނޭ؛ ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި ޖައުސާގެ ކުންފުނިތަކެއް ހިމެނޭ
9 ޑިސެމްބަރު 2022

ޖައުސާ ކޮންސްޓްރަކްޝަން ކުންފުނީގެ ބިދޭސީ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ބުނެ، އެ މައްސަލައިގައި ރޭ ބައެއް މުވައްޒަފުން އިހުތިޖާޖުކޮށްފި އެވެ.

ވީ ކިހިނެއް؟ - އިހުތިޖާޖުކުރީ ހުޅުމާލޭގައި ޖައުސާ ކުންފުނިން އިމާރާތްކުރާ 'ދަ ގާޑެންސް'ގައި މަސައްކަތްކުރާ ބިދޭސީންތަކެކެވެ.

ތަފްސީލު - ޓުވިޓާގައި އާއްމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި 'ދަ ގާޑެންސް'ގެ ބޭރުގައި ކުރި އެ އިހުތިޖާޖުގައި ބިދޭސީ މަސައްކަތްތެރިން ވަނީ އަމިއްލަ ގައިގައި ތަޅައި، މަގު މެދުގައި އޮށޯވެ ހަދައިފަ އެވެ. އެ ގޮތަށް އުޅުނު ދެ މީހަކު ކޮންޓްރޯލްކޮށް، އިމާރާތުގެ ސައިޓު ތެރެއަށް ވައްދަން ދެން ތިބި މުވައްޒަފުން އުޅޭ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި:

  • ޖައުސާގައި މަސައްކަތް ކުރާ އިންޑިއާގެ 70 މީހުންނަށް މުސާރަ ނުދޭތާ އަށް މަސް

  • އެ ކުންފުނީގައި މަސައްކަތްކުރާ އިންޑޮނީޝިއާގެ 20 މީހަކަށް މުސާރަ ނުދޭތާ 12 މަސް

ކުންފުނީގެ ޗެއާމަން ޖައުފަރު އީސާ އާދަމް އަކީ އިންޑޮނީޝިއާގެ އޮނޮރަރީ ކޮންސުލް އެވެ.

މިކަމާ ގުޅޭގޮތުން ޖައުސާގެ ބަހެއް ހޯދަން 'ދައުރު'ން ޖައުފަރަށް ގުޅައި މެސެޖުކުރުމުން އަދި ޖަވާބެއް ނުދެއްވަ އެވެ.

ޖައުސާ ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ 'ދަ ގާޑެން'ގެ އިމާރާތް (ކަނާތްފަރާތުގައި): މި ތަނުގެ މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް މުސާރާ ނުދޭ ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައި. (ދައުރު ފޮޓޯ/އަހުމަދު މިޒްޔާލް)

ހިލޭ ސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާ (ޕީއައިއެލްސީ) އިން އަންނަނީ ޖައުސާގެ އެ މުވައްޒަފުންނާ ބައްދަލުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

ބުނީ ކީކޭ؟ - ޕީއައިއެލްސީގެ ފައުންޑަރު އަދި ރައީސް، ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ މިއަދު 'ދައުރު'އަށް ވިދާޅުވީ މީގެ ދެ ހަފްތާ ކުރިން ޕީއައިއެލްސީއިން ހުޅުމާލޭގައި ބޭއްވި ލީގަލް އެއިޑް ކޭމްޕުގެ ތެރެއިން ޖައުސާ ކުންފުނީގެ ދެ ބިދޭސީ މުވައްޒަފަކާ ބައްދަލުވި ކަމަށެވެ.

"އެ މީހުން ބުނި އިތުރު މީހުން [20 މީހުން] ގޮވައިގެން އެބަ އަންނަމޭ. އެކަމަކު ޖައުސާ ކުންފުނީގެ ބޮޑު މީހަކު ބިރުދައްކައިގެން އެ މީހުންނަށް އަޔަނުދިނީ،" އޭނާ ވިދާޅުވި އެވެ.

ޝުނާނާ ވިދާޅުވީ ރޭގެ އިހުތިޖާޖުގެ ވީޑިއޯ އާންމުވުމާ ގުޅިގެން ވެސް އެ މީހުންނާ ބައްދަލުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަން އަދި ކާމިޔާބު ނުވާ ކަމަށެވެ.

"ޕީއައިއެލްސީއިން އެ މީހުންނަށް ލީގަލް ސަޕޯޓު ފޯރުކޮށްދޭން މަސައްކަތް ކުރަމުން މިދަނީ. އަދި ނުވޭ،" އޭނާ ވިިދާޅުވި އެވެ.

އެނގުން މުހިންމު - ޖައުސާ ކޮންސްޓްރަކްޝަނުން ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާއިރު، ޖައުފަރު އިސްކޮށް ހިންގަވާ ތިން ކުންފުންޏެއް، މީރާއަށް ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި ވަނީ ހިމެނިފަ އެވެ.

އެ ލިސްޓުގައި ހިމެނެނީ 9 އޮކްޓޫބަރު 2022ގެ ނިޔަލަށް 500،000ރ.އަށް ވުރެ ބޮޑެތި އަދަދުތަކުން ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތުހޯލްޑިން ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް