ޖާހު އިންވެސްޓްމަންޓުގެ 'ދަ ގާޑެންސް'އިން އެޕާޓްމަންޓު ގަތް ބައެއް މީހުން އިއްޔެ އެ ތަނުގެ ކުރިމަތީގައި ކުރި އިހުތިޖާޖު.

ޖާހުގެ ދަ ގާޑަންސް: އެންމެ މީހެއްގެ ވާހަކައިން ވެސް ކިހާ ބޮޑު މައްސަލައެއްކަން އެނގޭ

ދަ ގާޑަންސް މަޝްރޫއު ހުއްޓިފައި އޮތްއިރު، އެޕާޓްމަންޓް ގަތް މީހުން ދިން ފައިސާ އެ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރޭ

"ޖައުސާއަށް އިތުބާރު ކޮށްފައި ގަތީ. އެކަމަކު މިހާރު އެއީ ހުސްކޮށް އޮތް ތޮށިގަނޑެއް. މީހުން ދިން ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކޮށްލީ،" ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހު އިންވެސްޓްމަންޓްސް އިން ހުޅުމާލޭގައި ހަދާ 'ދަ ގާޑަންސް'އިން ސުއީޓްއެއް ގަތް ތައުފީގު މުހައްމަދު ބުންޏެވެ.

އޭނާގެ ޝަކުވާއަކީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ފައިސާ ދައްކައި ހަލާސްކުރި ނަމަވެސް، އެ ތަނަށް އަދިވެސް ދިރިއުޅުން ބަދަލު ނުކުރެވުމެވެ. އެކަމަށް ނެގި ބޮޑު ލޯނަށް ކޮންމެ މަހަކު ފައިސާ ދައްކަން ޖެހުމެވެ.

ތައުފީގު ހެއްލުނީ ފޭސްބުކުން ފެނުނު ޕޯސްޓަކަށެވެ. ޖާހު ކުންފުނިން ހުޅުމާލޭގައި އޭރުވެސް ތަރައްގީކުރަމުންދިޔަ 'ދަ ގާޑަންސް'ގެ ނުވިކި އެންމެ ފަހަށް ހުރި ސުއީޓްގެ އިޝްތިހާރެކެވެ. ބަލާބެލުމަށް ވަރަށް ވެސް ފުރިހަމަ އެވެ. އެ ތަނުގައި ޖާގަ ތަނަވަސް ތިން ކޮޓަރި އާއި މެއިޑް އޭރިއާއެއް ހުރެ އެވެ. ސުއީޓްގެ އެތެރޭގައި ޕްރައިވެޓް ސުވިމިން ޕޫލަކާއި ގާޑަން ޓެރަހެކެވެ. މޮޅެތި ޑިޒައިނަރުންނާއި އާކިޓެކްޓުންނާ އެކު ފަރުމާކުރި އެ ތަން، ފޮޓޯތަކުން ވެސް ފުރިހަމަވުމުން ތައުފީގު ނިންމީ ބޭންކުން ލޯނެއް ނަގައި، އެ ސުއީޓް ގަތުމަށެވެ.

އޭގެ ބަރާބަރު ދެ މަސް ފަހުން އެ ތަނަށް ވަދެވޭނެކަމަށް ޖާހުން ބުނިއިރު އެއީ ބޮޑު އޮޅުވައިލުމެއް ކަމަށް އޭނާ ކުޑަކޮށް ވެސް ހިއެއްނުކުރެ އެވެ. އޭރު ބުނި ދެ މަސް، ދެ އަހަރަށް ވުރެ ގިނަ ދުވަހަށް ދިގުދެމިގެން ދިޔައީ އެވެ. ބޮޑު އަގު ދީފައި ގަތް އެޕާޓްމަންޓަށް ވަދެވޭނެ ދުވަހެއް، ހަމަ އެއްގޮތަކަށް ވެސް ނޭނގެ އެވެ.

"އަޅުގަނޑު ލޯނެއް ނަގައިގެން 7.5 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިގެން ގަތީ. އެއީ ދަ ގާޑަންސްގެ [ނަންބަރު] 801 ސުއީޓް،" ތައުފީގު ބުންޏެވެ.

"ސުއީޓު ގަތީ ސެޕްޓެމްބަރު 2020 ގައި. އޮކްޓޫބަރުގައި އެ ތަނަށް ގޮސް ބެލިއިރު، ތަނުގެ %95 މަސައްކަތް ހުރީ ނިމިފައި. އެއްބަސްވީ 31 ޑިސެމްބަރު 2020 އަށް މަސައްކަތް ނިންމައި ހަވާލުކުރަން."

  • ޖާހު އިންވެސްޓްމަންޓްސްއިން ތަރައްގީކުރާ 'ދަ ގާޑެންސް'ގެ 801 ލަގްޒަރީ ސުއީޓްގެ ކޮޓަރިއެއް ހުންނާނެ ގޮތް
  • 'ދަ ގާޑެންސް'ގެ 801 ލަގްޒަރީ ސުއީޓްގެ ލިވިން ރޫމްގެ ޑިޒައިން
  • ޖާހު އިންވެސްޓްމަންޓްސްއިން ތަރައްގީކުރާ 'ދަ ގާޑެންސް'ގެ 801 ލަގްޒަރީ ސުއީޓްގެ ފްލޯ ޕްލޭން

ނަމަވެސް އެ ތާރީހު ފާއިތުވިއިރު ވެސް ތައުފީގަށް، އަދި ދަ ގާޑަންސްއިން އެޕާޓްމަންޓު ގަތް އެއްވެސް މީހަކަށް ތަނަށް ވަދެވޭ ވަރެއް ނުވި އެވެ. ވަކި ހިސާބަކުން މަސައްކަތް ހުއްޓުނީ އެވެ.

މާ ބޮޑަށް ލަސްވާން ފެށުމުން އޭނާ ޖާހު ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު ޖައުފަރު އީސާ އާދަމަށް އެކި ފަހަރު މަތިން ސިޓީ ފޮނުވި އެވެ. ޖައުފަރާ ބައްދަލުކުރެވުނީ ވަރަށް އުނދަގުލުން، ނޮވެމްބަރު 2021 ގަ އެވެ.

"އެ ފަހަރު ޖައުފަރު ބުނީ ކޮވިޑް އައިމަ ފައިސާގެ ދަތިކަން އެބަ އޮތޭ. އެކަމަކު ކޮވިޑޭ ކިޔައިގެން ނޫނީ ކޮވިޑުގެ ހާލަތު މި ޕްރޮޖެކްޓަށް ވެއްދޭނެ އެއްވެސް ގޮތެއް އޮވެގެން ނުވާނެ،" ތައުފީގު ބުންޏެވެ.

'ދެ ފަހަރު ގުޅައިފިއްޔާ ބުލޮކު ކުރާނަން؛ ހައްގު ހޯދަން ކޯޓަށް ދޭ'

އެހާ އުނދަގުލުން ޖައުފަރާ ބައްދަލުކުރެވުނުއިރު، ތައުފީގު ބުނީ އޭނާގެ ފަރާތުން އެއްވެސް އުންމީދީ ޖަވާބެއް ނުލިބުނު ކަމަށެވެ.

"ކިހިނެއް ބައްދަލުކުރާނީ. ޖައުފަރު އޮންނަނީ [އެޕާޓްމަންޓުތައް ގަތް] އެންމެން ބުލޮކްކޮށްފައި. އަޅުގަނޑު ގާތުގައިވެސް ބުނީ ދެ ވަނަ ފަހަރު ގުޅައިފިއްޔާ ބުލޮކު ކުރާނަމޭ،" އޭނާ ބުންޏެވެ.

"ދެން މި ބުނަނީ ހައްގު ހޯދަން ދާށޭ ކޯޓަށް. ވަކީލުން އޮތީ ބުނެފައޭ މަސައްކަތް ނުކުރިޔަސް ޕްރޮގްރެސް ރިޕޯޓު ލިޔުނީމަ ނިމުނީއޭ. ވަކީލުން ބުނާ ގޮތަކަށޭ ތިމަންނާމެން މަސައްކަތް ކުރާނީ."

ޖާހު ކުންފުނި ގޮވައިގެން ތައުފީގު ސިވިލް ކޯޓަށް މައްސަލަ ވެއްދި ނަމަވެސް، ޝަރީއަތުން ވެސް އޭނާއަށް އަދި އަލި މަގެއް ނުފެނެ އެވެ. ސަބަބަކީ ޖާހުގެ ވަކީލުން އަޑުއެހުންތަކަށް ހާޒިރުނުވާތީ އެވެ.

"5-6 ވަރަކަށް އަޑުއެހުން ބާއްވައިފި މި މައްސަލައިގައި. އެކަމަކު އެ މީހުންގެ ވަކީލުން ކޮންމެވެސް އުޒުރެއް ދައްކައިގެން ގިނަ ފަހަރު ކޯޓަކަށް ނާދޭ،" އޭނާ ބުންޏެވެ.

"އެ މީހުންގެ މަގުސަދަކީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން މި ކަން ދިގުދަންމާލުން."

'އެންމެން ދިން ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކޮށްލީ'

ތައުފީގު ބުނި ގޮތުގައި މިއީ ކޮވިޑުގެ މާ ކުރިން، 2017 ގައި، ފެށި އަދި ދެ އަހަރުން ނިންމާ ގޮތަށް އޮތް ޕްރޮޖެކްޓެކެވެ. އެކި ސަބަބުތަކާ ހުރެ މަޑުޖެހުނު އެ ޕްރޮޖެކްޓުން ތައުފީގު ސުއީޓެއް ގަތީ ކޮވިޑްގެ ފަހުންނެވެ. އަދި ގަތްއިރު އެއްބަސްވި ގޮތަށް، ދެ މަހުގެ ތެރޭގައި އެ ތަން ނުނިމެންވީ އެއްވެސް ސަބަބެއް އޭނާއަކަށް ނުވިސްނެ އެވެ.

"ހުޅުމާލޭގައި ހެދި ތަންތަނުން އެންމެ އަގުބޮޑީ ދަ ގާޑަންސް. ހުރިހާ އެންމެން ތިބީ ފައިސާ ދައްކައިގެން. އަޅުގަނޑު އެހިން ހަވާލުކުރި ފައިސާ ކޮބާ ހެއްޔޭ ވެސް. އެ ތަނުގެ އެޕާޓްމަންޓެއް ހަދަން [ލަފާކުރެވޭ ގޮތުގައި] ނުދާނެ ހަތަރު މިލިއަން ރުފިޔާ ވެސް،"

"ކޮވިޑުގެ ބަހަނާ ދެއްކޭކަށް ނެތް. އެހެން ތަންތަނުގެ މަސައްކަތް އެބަ ކުރިއަށްދޭ. މާ ފަހުން ފެށި ތަންތަން ވެސް އެ ނިންމާލަނީ."

ތައުފީގު ބުނީ އޭނާއަށް އެނގިފައިވާ ގޮތުގައި ޖާހުގެ އެޕާޓްމަންޓު ގަތް މީހުންގެ ފައިސާ، އެ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްލީ ކަމަށެވެ.

"ކޮންމެވެސް ރިސޯޓެއްގެ މަސައްކަތް ނިންމަން އެ ފައިސާ ބޭނުންކޮށްލީ. ޖައުސާ ކުންފުނީގައި ކުރިން އިންޖިނިއަރަކަށް މަސައްކަތް ކުރި މީހަކު އަޅުގަނޑު ގާތުގައި ބުނީ،" އޭނާ ބުންޏެވެ.

މަސައްކަތް ހުއްޓިފައި، ގާޑަންސްއަކީ މިހާރު ގުދަނެއް

ތައުފީގު ބޮޑު އަގުގައި ގަތް އެޕާޓްމަންޓް އެންމެ ފަހުން ހަމަ ލޮލަށް ފެނުނީ އިއްޔެ އެވެ. ދަ ގާޑަންސް ކުރިމަތީގައި އިއްޔެ ހަވީރު ކުރި އިހުތިޖާޖުގައި ބައިވެރިވުމުގެ ކުރިން އެ ތަނަށް ވަދެ ބެލިއިރު އަދިވެސް ހުރީ ހުރި ގޮތަށެވެ.

"ސެޕްޓެމްބަރު 2020ގައި ގަތީ. ގަތްއިރު ހުރި ގޮތަށް އަދިވެސް ހުރީ. އެ މީހުން ބުނާ ގޮތުން އިމާރާތުގެ މަތިން ތިރިއަށް މަސައްކަތް ކުރަނީ. [މިހާރު] 10 ވަނަ ފްލޯގައި މަސައްކަތް ކުރަނީ އެކަމަކު އެ ތަނުގެ ވެސް ފިނިޝިން ނެތް އެއްވެސް ވަރަކަށް،" ތައުފީގު ބުންޏެވެ.

"ދެން މި ހަދާ ގޮތަކީ އެޕާޓްމަންޓް ބަލަން ދާ ގަޑިއަށް، މަސައްކަތް ކުރާ ކަމަށް ދައްކަން ވެގެން ފަސް ވަރަކަށް މީހުން ޖެކެޓު ލައްވާފައި ބައިތިއްބަނީ."

އޭނާ ބުނީ މިހާރު އެ ބިން މުޅިން ކަހަލަ ގޮތަކަށް ބޭނުންކުރަނީ ޖައުސާގެ އެހެން ވިޔަފާރިތަކުގެ ގުދަނެއްގެ ގޮތުގައި ކަމަށެވެ. 

"އަހަރެމެން އިއްޔެ ވެސް އެ ތަނުގައި ތިއްބާ ޖައުސާގެ ލޮރީ އައިސް ޓައިލްސް ބަރުކޮށްގެން ގެންދިޔައީ،" އޭނާ ބުންޏެވެ.

ދަ ގާޑަންސް ތެރެއިން ޖައުސާގެ ފިހާރަތަކަށް މުދާ ގެންދާ ލޮރީއެއް

ތައުފީގު ބުނި ގޮތުގައި މާލެއިން 1،000 އަކަފޫޓުގެ ގުދަނެއް ލިބޭނީ ބައި ލައްކަ ވަރަކަށް ރުފިޔާއަށެވެ. އަދި 2،000 އަކަފޫޓުގެ ގުދަނެއް ލައްކައަކަށް ވުރެ ކުޑަ އަގެއްގައި ލިބުން ވަރަށް ނާދިރުވާނެ އެވެ. އެހެންކަމުން ދަ ގާޑަންސް ވަރުގެ ބޮޑު ބިމެއް ގުދަނެއްގެ ގޮތުގައި ބޭނުންކުރުމުން، ކުލީގެ ގޮތުގައި ބޮޑު އެއްޗެއް ޖައުސާއަށް ސަލާމަތް ކުރެވޭނެ އެވެ.

މިއީ ޖާހުން ލަނޑު ލިބިފައި ހުރި އެންމެ މީހެއްގެ ވާހަކަ އެވެ. އެ ތަނުން އެޕާޓްމަންޓު ގަތް ކޮންމެ މީހަކު ވެސް ކިޔައިދެނީ ހަމަ މިފަދަ ވާހަކަތަކެވެ. ބޮޑު އަގުގައި ގަތް އެޕާޓްމަންޓަށް ނުވަދެވިގެން އުޅޭއިރު، ބައެއް މީހުން އެ ތަނަށް ދެއްކީ އުމުރު ދުވަހުން ރައްކާކޮށްފައި ހުރި ފައިސާ އެވެ. ތައުފީގު ގޮތަށް ބައެއް މީހުން ނެގީ ބޭންކު ލޯނެވެ. ހައްގު ނުލިބިއްޖެ ނަމަ އެ މީހުންނަށް އޮތީ އެއަށް ފައިސާ ދައްކާލަ ދައްކާލަ ތިބުމެވެ. އެކި މީހުން އެކި ވަރުވަރުންނެވެ. ތައުފީގު ދައްކަން ޖެހެނީ މަހަކު 60،000ރ. އެވެ. މުޅި ލޯނު، 20 އަހަރުން ނިމޭއިރު އޭނާ އަތުން 14.4 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

އިއްޔެ ކުރި އިހުތިޖާޖުގެ ބައިވެރިން ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ލިޔެފައި ހުރި މެސެޖުތަކުން ވެސް ފެންނަނީ އެފަދަ ޝަކުވާތަކެވެ. އެކަކު ކުރި ސުވާލަކީ އުމުރު ދުވަހު އެއްކުރި ފައިސާކޮޅު ނެގިއިރު ފްލެޓު ކޮބައިތޯ އެވެ. އެ ކުންފުންޏާ މެދު ހަރުކަށި ފިޔަވަޅު އަޅައިދިނުމަށް އެ މީހުން އެދުނެވެ. ޖައުފަރަށް ވަގަށް ގޮވައި، އޭނާގެ ލަދު ކޮބައިތޯ ވެސް ސުވާލުކުރި އެވެ. ދަ ގާޑަންސްއަކީ ހައުސިން ސްކޭމެއް ކަމަށް ވެސް ބުންޏެވެ.

ޖާހު އިންވެސްޓްމަންޓުގެ 'ދަ ގާޑެންސް'އިން އެޕާޓްމަންޓު ގަތް ބައެއް މީހުން އިއްޔެ އެ ތަނުގެ ކުރިމަތީގައި ކުރި އިހުތިޖާޖު
ބޮޑު ހޭދައެއް ކޮށްގެން ގަތް އެޕާޓްމަންޓްތަކަށް ނުވަދެވި، އެތައް ބަޔަކު ވަނީ މާޔޫސްވެފައި

ދަ ގާޑަންސްގެ މައްސަލައިގައި ޖާހު ކުންފުންޏަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެ ތަނުގެ މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ މުސާރަ ނުދީ އަދި ޕާސްޕޯޓު ހިފަހައްޓައިގެން، އެ މީހުން ކުރި ސިލްސިލާ އިހުތިޖާޖުތަކުގައި ވެސް ދެއްކީ ހަމަ އެފަދަ ވާހަކަތަކެވެ. ބޭރުން ބަލާއިރު ގާތްގަނޑަކަށް ނިމިފައި ހުރިހެން ހީވިޔަސް، އެތެރެ ހުރީ ނަހަދާ ކަމަށް އެ މީހުން ވެސް ބުނެ އެވެ.

ކުންފުނީގެ ނަމަށް 'ޖާހު' ކިޔަސް ކަމުން ފެންނަނީ ގޯހެވެ. އެތައް ބައެއްގެ އަތުން ބޮޑެތި އަދަދުތަކުން ނެގި ފައިސާއަށް ވީނުވީއެއް ނޭނގުނެވެ. އެޕާޓްމަންޓު ގަތް މީހުންގެ ތުހުމަތުތަކާއި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ޖައުފަރުގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން އޭނާއަށް ގުޅުމުން ފޯނެއް ނުނަންގަވަ އެވެ. މެސެޖުތައް ބެއްލެވުމަށް ފަހު، އެއަށް ޖަވާބެއް ނުދެއްވަ އެވެ.

ދަ ގާޑަންސްއާ ބެހޭ މައުލޫމާތެއް ޖާހު ކުންފުނިން އެންމެ ފަހުން އާންމުކުރީ 14 ފެބްރުއަރީ 2023 ގަ އެވެ. އެޕާޓްމަންޓް ގަތް ބައެއް މީހުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނީ، 18 ފެބްރުއަރީގައި ތަނުގެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ. އަދި ނިމެމުންދާ ފަންގިފިލާތަކުގެ އެޕާޓްމަންޓުތައް، ނިމޭވަރަކުން ހަވާލުކުރާނެ ކަމަށް ވެސް އޭގައި އޮތެވެ. އެކަމެއް ވެސް އަދި ނުވެ އެވެ.

އެނގޭ އެއް ކަމަކީ، ދައުލަތަށް ޓެކްސް ނުދައްކާ ކުންފުނިތަކުގެ ތެރޭގައި ވެސް، ޖާހު އިންވެސްޓްމެންޓްސް ހިމެނޭ ގޮތަށް، ޖައުފަރު އިސްވެ ހިންގަވާ ތިން ކުންފުންޏެއް މީގެ ކުރިން އޮތް ކަމެވެ. އެންމެ ފަހުން، 2 އޭޕްރީލް 2023ގައި މީރާއިން އާންމުކުރި އެ ލިސްޓުގައި އޮތީ ޖާހު އިންވެސްޓްމަންޓްސް އެކަންޏެވެ. އަނެއް ދެ ކުންފުނިން ޓެކުހުގެ ދަރަނި ފިލުވައިލީ އެވެ.

'ދަ ގާޑަންސް' އިން އެޕާޓްމަންޓް ގަތް މީހުން ދެކޭ ގޮތުގައި ބޭރަށް ރީތިކޮށް ފެނުނަސް، އިމާރާތުގެ އެތެރެ އޮތީ ހުހަށެވެ. ބަގީޗާ ވެސް އޮތީ ގުދަނަކަށް ވެފަ އެވެ.

ކޮމެންޓް (14)

ފަހީމް

24 މޭ 2023
ބަލަ މިސަރުކާރުގެ 30 އެނދުގެ ހޮސްޕިޓަލަށްވެސް ބިޑްކުރި ބައެއް މިއީ. ނޭނގެ ދިން ކަމެއް ނުދޭ ކަމެއް. އަނެއްކާ ތިތަނުން ލިބުނު ފައިސާކޮޅު މިކަމަށް ޚަރަދުކުރީބާ؟ ހުސް ވަގުން އުޅޭ ގައުމެއްތަ މިއީ. ކީއްކުރާނީ.
1 0

ނައިކީ23

22 މޭ 2023
ތިޔަ ފެބުރުއަރީ 18 ގަ މަސައްކަތް ހަވާލުކުރި، ނޭޕާލު ކުުންފުނިވެސް މަސައްކަތް ހުއްޓާލާފަ ހިނގައްޖެ.. ލާރި ނުުދޭތީ..
2 0

ދެދެދެ

22 މޭ 2023
ދުނިޔެ އޮތީ ސްކޭމަރުންނާ ވަގުންނާ ބޯމީހުނަށް
3 0

އިބިރަހިމާ

21 މޭ 2023
ތިމަތިމާމެނަށް މިކެވެނީ އަލިފާންކަން ހަމަ ނުދެނަހުރި ދޯ؟
7 0

މަޑިސީލަ

21 މޭ 2023
އިހަށް ދުވަހު ވެސް ލަންކާ އެއަރޕޯޓު ލައުންޖުން ނިކުތް ތަން ފެނޭ.
5 0

ޖޭޖޭ

21 މޭ 2023
ވަރަށް އަވަހަށް ހަވާލުކުރާނަން، ކުޑަ މަޑު ބޭނުން
2 1

ހިތައްއަރާ

21 މޭ 2023
ޖައުފަރު އަދި އޭނާގެ ދަރިފުޅު ޖާހުއަކީ ޕްރޮފެޝަނަލް ކޮންމޭންތަކެއް! ސިޔާސީ ބާރުވެރިންގެ ފަހަތުގައި ފިލައިގެން އެއުޅެނީ. އެއިރަކު އޮތް ވެރިކަމަކަށް ސަނާކިޔައިގެން އުޅެނީ މީހުންގެ ހައްޤުތައް ކައިގެން. ރަނގަޅަށް ދިރާސަކޮށްލަބަލަ އެސްޓީއޯއިން ކްރިޑިޓް ނަގާފަ ތިތާ ފައުންޑޭޝަން ކޮންކްރީޓް އަޅާފަ ކިތައް މިލިއަނުން އެތަނަށްވެސް ދަރާފަ އެބައޮތްތޯ. އެބައުޅޭ އިންޑޯގެ ހޮނަރަރީ ކައުންސިލްކަން ހޯދައިގެން އަރާމުގަ އެތައް ރައްޔިތުން ލާރި ކާލައިގެން ޓެކްސް ނުދައްކާ! މި މީހުންނާ އިންސާފު އަރާ ހަމަކުރާނީ ކޮންދުވަހަކުން ބާ!
19 1

ކޮސް

22 މޭ 2023
@ހިތައްއަރާ އިންޑޯގެ އޮނަރަރީ ކައުންސިލްކަންވެސް އަތުލައިފިޔޯ މަ އަޑު އެހީ. މުވައްޒަފުންނަށް މުސާރަ ނުދޭކަން ފަޅާއަރައިގެން. ދިވެހި ސަރުކާރަށް އެވަރުވެސް ކޮށްލަން ނުކެރިގެން މިއުޅެނީ
4 0

ރައީސާ

21 މޭ 2023
ރައީސް އޮފީހުގަ އޮންނާނެ ބަދަލުދޭ ކޮމިޓީއެއް... ނިކަން އެންމެންވެގެން އެޕްލައިކޮށްލަބަލަ، އަރިސްމީހުނަށް ޔަޤީން ބަދަލުގެ ގޮތުގައި ތިޔަ ދެއްކި ފައިސާގެ ހަ ގުނަ އިތުރަށްވެސް ލިބޭނެ
8 0

ވިސްނާމީހާ

21 މޭ 2023
ޖައުޒާ ޖައުފަރު އެއީ ހަމަ މަކަރުވެރިއެއް. ހިޔާގެ 8 ޓަވަރުގެ ލިފްޓް ހުންނަ ވެއިޓިންގ އޭރިއާގައި ހުރި އެލުމިނިއަން މަސައްކަތް ބަޔަކު ލައްވާ ކުރުވާފާ އެންމެ ލާރިއެއް ވެސް ނުދީ އެއުޅެނީ ފިލައިގެން. އެކަމަކު ޖައުޒާއަށް މސައްކަތްދިން އެޗްޑީސީ އިން ޕްރޮޖެކްޓަށް ދޭންވާ ލާރި ވާނީ ދީފައި.
9 0

ސަމީލު

21 މޭ 2023
95 ޕަސެންޓު ނިމިފަ ހުރި ތަނަކަށް ތޮށިގަނޑެކޭ ތި ބުނަނީ ؟
2 11

އޯކޭ

21 މޭ 2023
@ސަމީލު ތޮށިގަނޑެއްނޫން ވަށިގަނޑެކޭ ކިޔަސް ބަލަ ބަޔަކާ ހަވާލުކުރީމަ ދޯ އެއްޗަކަށްވާނީ! ނުވާވަރުން ކަންތައްކުރަން އުޅޭތީ މައްސަލައަކީ! އާއްމުން ފެލައިގެން ތިހެން ތިއްބާ ފަހުދުވަހުވެސް ޖަވާބަކަށް ބުނާނީ 95% ނިންމީމޭތަ؟؟
15 0

ހިމާރުލްގައުމު

21 މޭ 2023
ހިންނަވަރު އިބްރާހިމަށް ބައިއަތު ހިފާލާށޭ ބުނޭ ޖައުފަރު ގާތު. އޭރުން ކޯޓުންވެސް ކާމިޔާނު ލިބި ބަދަލަށްވެސް ލާރި ލިބޭނޭ.
8 0

އަންބަރާ

21 މޭ 2023
@ހިމާރުލްގައުމު އިބޫއާ އެލެކްސް ދެމީހުންކުރެ ކޮންމެމީހެއްގެ ކޮޅަށްވެސް ނަގިއްޔެއް ވައްޓައިލައިގެން ޖޭޖޭހުރީ.
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް