އެގްރޯނެޓް ކުންފުނި ފެށުމަށް މިނިސްޓަރު މާރިޔާ އެ ކުންފުނީގެ މެނޭޖްމަންޓުގެ ބައެއް ބޭފުޅުންނާ އެކު މަޝްވަރާ ބައްދަލުވުމެއްގައި: އެ ކުންފުނި އަލުން ފެށުމަކީ ދަނޑުވެރިންނަށް ބޮޑު އެހީއަކަށް ވާނޭ ކަމަށް މިނިސްޓަރު ވިދާޅުވި (ފޮޓޯ/ސަރުކާރު)

އުވާލަން ނިންމި އެގްރޯނެޓް އާ ރޫހެއްގައި ފަށައި އެގްރި ބޯޓް ދުއްވަން ފަށަނީ

އެގްރޯނެޓް އަލުން ފެށުމަކީ ދަނޑުވެރިންނަށް ބޮޑު އެހީއަކަށް ވާނޭ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި

ދަނޑުވެރިކަން ތަރައްގީ ކުރުމަށް މިދިޔަ ސަރުކާރުން އުފެއްދި އެގްރޯނެޓް ކުުންފުނި އާ ޕްލޭނަކާ އެކު ވަރަށް އަވަހަށް އަލުން ހިންގަން ފަށާނޭ ކަމަށާއި އެ ކުންފުނި ވާނީ ދަނޑުވެރިންނަށް ބޮޑު އެހީއަކަށް ކަމަށް ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ސިޔާސަތުތައް ކަނޑައަޅައި މަސައްކަތްތައް ބަލާ ގޮތަށް އެގްރޯނެޓް ކުންފުނި އަލުން ހިންގަން ފަށަން ވަނީ ވަޒީރުންގެ މަޖިލީހުން ނިންމައިފަ އެވެ. އެއާ އެކު އެ ކުންފުނީގެ މަސައްކަތްތައް އަލުން ފަށައިގަންނަން މިނިސްޓަރު އިސްވެ ހުންނަވާ ވަނީ ބައްދަލުވުންތައް ފަށައިފަ އެވެ. 

ބުނީ ކީކޭ؟ - އެ ކުންފުނި އަލުން ހިންގަން ފެށުމާ ގުޅޭ ގޮތުން 'ދައުރު'އިން މިއަދު ސުވާލުކުރުމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އެގްރޯނެޓް ހިންގާނީ ކުރިއެކޭ ވެސް އެއްގޮތަށް ވަކި ކުންފުންޏެއްގެ ގޮތުގައި ކަމަށާއި އެ ކުންފުނިން ކުރާނޭ މައިގަނޑު މަސައްކަތަކީ ކާބޯތަކެތީގެ ކަށަވަރުކުރަން ޔަގީންކުރަން ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި: 

  • ކުންފުނި ހިންގާނީ މެނޭޖްމަންޓަށް ބޮޑެތި ބަދަލުތަކެއް ނުގެނެސް ކުރީގެ މެނޭޖްމަންޓު އެގޮތުގައި ބާއްވައިގެން 

  • އެ ކުންފުނީގައި ކުރިން ވެސް ތިބި މުވައްޒަފުން ބައިތިއްބާނެ 

"ފުރަތަމަ ވަރަށް ކުޑަކޮށް ނަމަވެސް ވަރަށް ބޮޑަށް ދަނޑުވެރިންނަށް ފަސޭހަ ވާނޭ މަސައްކަތްތަކެއް ފަށައިގަންނަން މި ތައްޔާރުވަމުން ދަނީ. އަޅުގަނޑު ދަންނަވާނީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާމްދަނީ ހޯދަން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ލިބޭނޭ ވަރަށް ބޮޑު އެހީތެރިކަމެކޭ،" މާރިޔާ ވިދާޅުވި އެވެ. 

ތަފްސީލް - އެގްރޯނެޓް އަލުން ފަށާއިރު އިސްކަން ދޭނީ އެ ކުންފުނިން ދަނޑުވެރިންގެ އުފެއްދުންތައް ގަނެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސަޕްލައިކުރަން ބަދެފައިވާ އެގްރި ބޯޓްތައް އޮޕަރޭޝަނަށް ގެންނަން ކަމަށް މާރިޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި އެބޯޓުތަކާ އެކު ދަނޑުވެރިންގެ އުފެއްދުންތައް އެކި ސަރަހައްދުތަކަށް ސަޕްލައިކުރެވޭނެ ކަމަށެވެ. 

"މިހާރު އެބަ އުޅުއްވާ އެކި ސަރަހައްދުތަކުގައި ޒުވާނުން އަންހެން ބޭފުޅުން ދަނޑުވެރިކަން ކުރައްވާ. އެބޭފުޅުންނާ ދިމާވާ ކަމަކީ އެ ހައްދާ ތަކެތި މާކެޓަށް ސަޕްލައިކުރެވޭނެ ރަނގަޅު ގޮތެއް ނެތުން. މި އެގްރި ބޯޓުތަކާ އެކު ވަރަށް ބޮޑަށް އެ މައްސަލައަށް ލުއެއް ލިބޭނެ އަދި ދަނޑުވެރިންނަށް ފުރުސަތެއް މި ހުޅުވުނީ،" މާރިޔާ ވިދާޅުވި އެވެ. 

ޔޫއެންޑީޕީ އަދި ޖަޕާން ސަރުކާރުގެ އެހީގައި ބަދެފައިވާ އެގްރިބޯޓް (ފޮޓޯ/ޕީއެސްއެމް)

އޭނާ ވިދާޅުވި ގޮތުގައި އާންމުކޮށް ދަނޑުވެރިކަން ކުރާ ރަށްރަށުގައި ދަނޑުވެރިންނަށް ތަމްރީން ދޭނޭ ބަޔަކު ތަމްރީންކޮށް އެފަދަ ޔުނިޓެއް އެ ކުންފުނީގެ ތެރޭގައި އުފައްދާނޭ އެވެ. އެކަން ކުރުމުގެ ބޭނުމަކީ ގަސްގަހަށް ޖެހޭ ބަލިތަކާއި އެކަމުން ސަލާމަތްވާން ދަނޑުވެރިންނަށް އެހީތެރިވެދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"މިހާރު ވަރަށް ބޮޑަށް ދަނޑުވެރިންނަށް ނުއެއް އެނގޭ ގަހަށް ބައްޔެއް ޖެހުނީމާ ބޭނުން ކުރަވީ އެއްޗިއްސަކީ ކޮބައިކަމާ މި އެއްޗިއްސެއް. އަދި ދަނޑުވެރިކަން ފަށަން ބޭނުންވާ ފަރާތްތަކަށް ވެސް މައުލޫމާތުދީ އެ މީހުން ތަމްރީންކޮށްދޭން ހުރި ފުރުސަތުތައް ވެސް މަދު،" މިނިސްޓަރު ވިދާޅުވި އެވެ. 

ފާހަގަކޮށްލެވޭ - އެގްރޯނެޓް އަލުން ފަށާއިރު މިދިޔަ ސަރުކާރުގެ ތެރެއިން ފެށިގެން އެގްރޯނެޓުން ހިންގި ވަރަށް ގިނަ ކަންކަމުގެ ތެރޭ އިސްރާފާއި ހިޔާނާތް ފަދަ ކަންކަން ހުރި ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. އަދި އެ ކުންފުނިން ފެށި ވަރަށް ގިނަ މަސައްކަތްތައް ބޮޑު ހަރަދުތަކެއް ކުރުމަށް ފަހު ކާމިޔާބު ނުވެ ވަނީ ހުއްޓިފަ އެވެ. 

ކޮމެންޓް (2)

ސލަމް

13 މާރިޗު 2025
ބޯޓުގެ އިންޖީނެއް ނެތޭ.. ދެން ކިހިނެއް ބޯޓު ދުވާނީ..
0 0

ސިކުނޑި

12 މާރިޗު 2025
ރާއްޖޭގައި އުފައްދާ ބާވަތްތައް ކަނޑައަޅައި އެބާވަތްތަކުން އިމްޕޯޓް ޑިއުޓީ ބޮޑުކޮށްލާ! އޭރުން މައްސަލަ ހައްލުވީ! މަސްވެރިކަމުގެ ސިނާއަތުން އިބުރަތް ހާސިލު ކުރުން ވަރަށްމުހިންމު!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް