އެގްރޯނެޓުގެ އެމްޑީ އާއި ބައެއް އޮފިޝަލުން ބައްދަލުވުމެއްގައި (ފޮޓޯ/އެގްރޯނެޓް)
އެގްރޯނެޓު ކުންފުނި އުވާލުމުގެ މަސައްކަތް 'ވާނުވާ'ގައި
ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންގެ އުފެއްދުުންތައް މާކެޓުކޮށް ވިއްކުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އުފެއްދި އެގްރޯނެޓު ކުންފުނި އުވާލަން ނިންމާފައި ނުވާ ކަމަށާއި އެ ކުންފުނީގެ މަސައްކަތްތައް ބަދަލުކުރަނީ އެހެން ކުންފުންޏަކަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ. އެހެން ނަމަވެސް، އެގްރޯނެޓް އުވާލުމައި އެ ކުންފުނީގެ މަސައްކަތްތައް އެހެން ކުންފުންޏަކަށް ބަދަލު ކުރުމުގެ މަސައްކަތުގައި ކުރިއެރުމެއް ނުލިބޭ މައްސަލަތަކާ ގުޅޭ ލިޔެކިއުންތައް ވަނީ 'ދައުރު'އަށް ލިބިފަ އެވެ.
ވީ ކިހިނެއް؟ - އެގްރޯނެޓު ކުންފުނި އުވާލައި އެ ކުންފުނިން ކުރަމުންދާ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުންޏަށް ބަދަލު ކުރަން ނިންމާ އެކަން އިއުލާނު ކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެއާ އެކު، އެ ކުންފުނި އުވާލުމުގެ މަސައްކަތް ފަށައި 'ކަޓް އޮފް ތާރީހަކީ' މިދިޔަ 30 ނޮވެމްބަރު ކަމަށް ކަނޑައަޅައި އެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ތަފްސީލް - އެގްރޯނެޓް އުވާލަން ނިންމައި އެކަން އިއުލާނުކޮށްފައި ވަނިކޮށް، ގއ. ނިލަންދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އެ ކުންފުނި އުވާ ނުލައްވާ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ އެގްރޯނެޓް އުވާނުލައި މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކުންފުނީގެ ދަށުން ހިންގާ ކުންފުންޏަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެގްރޯނެޓް ކުންފުންޏެއް އުވައެއްނުލަން. އެއީ ކޮންމެވެސް ވަރަކަށް ބައެއް މީހުން އެކަމުގައި ހަގީގަތަކަށް ނޫން ވާހަކަ ދައްކަމުން އެ ގެންދަނީ. އެގްރޯނެޓް، އަޅުގަނޑުމެން އެސްޓީއޯއާ އެކީގައި އުފައްދާފައި އޮތް ކުންފުންޏެއް އޮންނާނެ. މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކިޔާ ކުންފުންޏެއް. ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏެއް. އެ ކުންފުނިން ހިންގާ ކުންފުންޏެއްގެ ގޮތުގައި، ސަބްސިޑަރީ ކުންފުންޏެއް ގޮތަށް މި ބަދަލުކުރީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ، އެގްރޯނެޓެއް ނުއުވޭ. އެގްރޯނެޓް އޮންނާނެ."
ރައީސް ވިދާޅުވީ އެގްރޯނެޓްގެ މަސައްކަތް ހިނގާ ގޮތް ހަރުދަނާކޮށް، ފުޅާކުރަން ނިންމާފައިވާ ކަމަށެވެ.
ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށް އެގްރޯނެޓު ނުވަތަ އެހެން އިންތިޒާމެއްގެ ތެރެއިން ވެސް ކަންތައް ހަމަޖައްސައިދިނުމަކީ ނިލަންދޫގެ ރައްޔިތުން އެދޭ ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
"އެގްރޯނެޓްގެ މެކޭނިޒަމްގެ ތެރެއިން ނުވަތަ އެ ނޫން ގޮތަކުން ވިޔަސް، ރޯދަ މަސް އަންނަން ވާއިރަށް ރަނގަޅު ހައްލެއް ހޯދައިދިނުމަކީ، ތިޔަބޭފުޅުން ވަރަށް އެދިވަޑައިގަންނަވާ ކަމެއް. އަދި ޖުމްލަކޮށް ވެސް ދާއިމީ ހައްލެއް އެ ކަމަށް ލިބެން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ، އެގްރޯނެޓުގެ ތެރެއިން ނޫނީވިއްޔާ އެ ނިޒާމުގެ ތެރެއިން ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމަކީ، އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް. ދަނޑުވެރިކަމަކީ މި ރާއްޖޭގެ އިގްތިސޯދު ޑައިވަސިފައި ކުރުމަށް ބަލާއިރު، އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދޭ ދާއިރާއެއް. އެހެންވީމާ، އެކަން މިހާރަށްވުރެ މާބޮޑުތަނުން ރަނގަޅުކުރުން އަޅުގަނޑުމެންގެ ވިސްނުމަކީ."
އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި:
-
ރާއްޖޭގައި އެކި ސަރަހައްދުތަކުގައި، ރާއްޖެއަށް ބޭނުންވާ ވަރަށް އުފެއްދޭ ކާބޯތަކެތީގެ ބާވަތްތައް އުފެއްދުމަށް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށާފައި
-
އޭގެ އިންވެސްޓްމަންޓްތަކަށް ފުރުސަތުދީ، އެކަހަލަ އިންވެސްޓްމަންޓްތައް ރާއްޖޭގައި ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދޭ
"އެހެންވީމާ، ދަނޑުވެރިންނަށް އޮތީ އުފާފާގަތިކަން ރާއްޖޭގައި. ދަނޑުވެރިކަމުގެ ސިނާއަތް މިއަދާ ހަމައަށް އޮތް ހިސާބަށް ވުރެ އެތައް ގުނައަކުން ރަނގަޅުކޮށް، ދަނޑުވެރިކަން އެއީ ރާއްޖޭގައި ވަރަށް ރަނގަޅަށް ހިންގޭ، ފުޅާކުރެވޭ ސިނާއަތަކަށް ހެދުން އެއީ އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތެއް،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ، އާންމުކޮށް އޮންނަ ގޮތާ ތަފާތުކޮށް، ދަނޑުވެރިކަމަށް ހާއްސަކޮށް މަސައްކަތްކުރަން ސަރުކާރުގެ ވުޒާރާއެއް ވެސް އެ ވަނީ ހާއްސަ ކުރެވިފައި. އެ ވުޒާރާއިން އެދަނީ އެ މަސައްކަތްތަކުގައި އަވަދިނެތި ވަރަށް ބާރަށް މަސައްކަތްކުރަމުން."
އެނގުން މުހިއްމު - އެގްރޯނެޓު އުވާ ނުލާ ކަމަށާއި އެ ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ދަށުން ހިންގާ ސަބްސިޑަރީއެއްގެ ގޮތަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، އެގްރޯނެޓުގެ ހުރިހާ މާލީ މުއާމަލާތްތައް އޮތީ މިދިޔަ ނޮވެމްބަރުގެ ނިޔަލަށް ވަނީ ހުއްޓާލައިފަ އެވެ.
އެގްރޯނެޓު މިހާރު ހިންގަނީ މޯލްޑިވްސް ފަންޑު މެނޭޖުމެންޓު ކޯޕަރޭޝަނުގެ ދަށުންނެވެ. އެ ކުންފުނި އުވާލުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ފަންޑު މެނޭޖުމެންޓު ކޯޕަރޭޝަނާ އެކު ކުރިއަށް ގެންގޮސްފައިވާ ބައެއް މުއާމަލާތްތަކުގެ ކޮޕީ 'ދައުރު'އަށް ވަނީ ލިބިފަ އެވެ. އެގޮތުން:
-
މިދިޔަ 27 ނޮވެމްބަރުގައި ފިނޭންސް މިނިސްޓްރީން ފަންޑު މެނޭޖުމެންޓު ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ފޮނުވާފައިވާ ސިޓީގައިވާ ގޮތުން، އެގްރޯނެޓު ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފްރީ ޒޯނު ކުންފުންޏަށް ބަދަލު ކުރެވެން ނެތް މުވައްޒަފުން ވަޒީފާ އިން ވަކިކުރުމަށް ނޯޓިސް ދޭން ވަނީ އަންގާފައި
-
އެގްރޯނެޓުގެ ވިޔަފާރި މުއާމަލާތްތައް ހުއްޓާލާފައި އޮތް ނަމަވެސް މިހާތަނަށް އެ ކުންފުނީގެ މުވައްޒަފުންނާ ގުޅޭ ގޮތުން ރަސްމީކޮށް ވަކި އެއްޗެއް އަންގަންދެން މުވައްޒަފުންނަށް މުސާރަ ދޭން ވަނީ ނިންމާފައި
އެގްރޯނެޓު ހިންގުމަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ވަނީ ހަރަދުކޮށްފަ އެވެ. އެގޮތުން، އެ ކުންފުނި އުވާލަން ނިންމިކަން އިއުލާނު ކުރި ސެޕްޓެމްބަރާ ހަމައަށް ކެޕިޓަލްގެ ގޮތުގައި 40 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
ކޮމެންޓް (2)
ސިކުނޑި
ތެފައާސާ.