ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފައިލް ފޮޓޯ/ މަޖިލިސް)

ސަރުކާރުގެ ނުފޫޒުން ސުޕްރީމް ކޯޓުގައި މަރުތަޅު އަޅުވާފައިވާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

މިވޯޓުގައި ޕީއެންސީގެ އަޒާން ވަކިކޮޅަކަށް ވޯޓު ނުދެއްވިއިރު، އަނާރާ އާއި އެމްއެންޕީގެ ނާޒިމް ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވަޑައިގެންފައެއް ނުވޭ

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، އެ ކޯޓުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ގޮތަށް 'މަރުތަޅު އަޅުވާފައި ވަނީ' ސަރުކާރުން ކަމަށް ތުހުމަތުކޮށް، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވާލައި އިދިކޮޅުން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީގެ ފަރާތުން މައްސަލަ ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ 75 މެންބަރުންނާ އެކު އެ ޕާޓީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން އެ މައްސަލަ ބޭރުކޮށްލާފައި ވަނީ 46 މެންބަރުންގެ ވޯޓާ އެކު އެވެ. އެއްކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެންބަރުންނެވެ.

ތަފްސީލު - މި މައްސަލައިގެ ވޯޓުގައި:

  • ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން ވަކިކޮޅަކަށް ވޯޓު ނުދެއްވާ 

  • ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހުރާ ދާއިރާގެ ޑރ. އަނާރާ ނައީމް އާއި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ އެމްއެންޕީގެ ލީޑަރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް (ކާނަލް ނާޒިމް) މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި ނަމަވެސް، މި ވޯޓުގައި ބައިވެރިވެވަޑައެއްނުގަންނަވާ

ބުނީ ކީކޭ؟ - ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި އޭނާ ވިދާޅުވީ، ގާނޫނުއަސާސީއަށް ގެނައި މެންބަރުންގެ ގޮނޑީގެ އިސްލާހު ބާތިލުކުރުމާ ގުޅޭ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ނިންމުމާ އެކު އެ ކޯޓަށް ނުފޫޒު ފޯރުވުމަށް އެކި ކަންކަން ހިންގި ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • އެ ކޯޓުގެ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ގޮތުންނާއި ނުފޫޒު ފޯރުވުމަށް ސްލޫކީ މައްސަލަ ބަލައި މަގާމުން ވަކިކުރުމުގެ އަޑުތައް ފެތުރިފައިވަނިކޮށް، ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރާ ގޮތަށް ޕީއެންސީގެ މަޖިލިސް މެންބަރަކު ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވި

  • އެ ބިލުގެ މަސައްކަތް ވެސް އަވަސް އަރުވާލައިގެން ނިންމައި މަޖިލީހުން ފާސް ކުރި

  • ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައި ވަނިކޮށް، ހަމަ އެ ދުވަހު އެ ކޯޓުގެ ތިން ފަނޑިޔާރުން މަގާމުން ސަސްޕެންޑް ކުރި؛ އެކަން ކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް

"ހައްސާސް މައްސަލައެއް ރާއްޖޭގެ ސުޕްރީމް ކޯޓުން ބަލަމުންދާ ދަނޑިވަޅެއްގައި އެ ކޯޓު އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށް މަސައްކަތްކޮށް، ވުޖޫދުގައި ނެތް ސުލޫކީ މައްސަލަތަކެއް އުފައްދައިގެން، އެ ކޯޓުގެ ފަނޑިޔާރުން މަގާމުގެ މަސައްކަތުން އެކަހެރި ކުރުމަކީ ސުޕްރީމް ކޯޓުން ބަލަމުންދިޔަ މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރި އަމަލެއް،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު (ފޮޓޯ/ މަޖިލިސް)

ސުޕްރީމް ކޯޓަށް ހުށަހެޅޭ މުހިންމު ބޮޑެތި މައްސަލަތައް ބެލެނީ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު މިވަގުތު ސަސްޕެންޑްކުރުމާ އެކު ހަތަރު ފަނޑިޔާރުން ތިއްބެވުމުން އެފަދަ ބޮޑެތި މައްސަލަތައް ވެސް އެ ކޯޓުގައި ކުރިއަށްގެންދެވޭނެ ގޮތެއް މިވަގުތު ނެތް ކަމަށެވެ.

"ގާނޫނުއަސާސީން އެކަށައަޅާފައި އޮތީ ތިން ބާރު ވަކިވެފައި އޮތް ނިޒާމެއް ކަމަށް ވާއިރު، ގާނޫނުއަސާސީން އަދުލުއިންސާފު ގާއިމްކުރުމުގެ ބާރާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ގޮތަށް، އެ ކޯޓުގައި މަރުތަޅުއެޅުވިފައި އޮތުމުގެ ސަބަބުން ރާއްޖޭގައި [މިވަނީ] ދުސްތޫރީ ހުސްކަމެއް ކުރިމަތިވެފައި،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް އުނިކަން އަންނަ ގޮތަށް "ސަރުކާރުގެ ބައިވެރިވުމާ އެކު ހިންގަމުންދާ މިފަދަ ހުދުމުހުތާރު އަމަލުތައް" ކުށްވެރި ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުއައްސަސާތައް ބޭނުންކޮށްގެން ޝަރުއީ ދާއިރާށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް، އެކަން ހުއްޓާލުމަށް ސަރުކާރަށާއި މުއައައްސަސާތަކަށް އޭނާ ގޮވާލައްވާފައިވެ އެވެ.

ކޮމެންޓް (1)

ސިކުނޑި

4 މާރިޗު 2025
ކާނަލް ނާޒިމު ފެއަށް ޖެހުމަކީ ސަރުކާރުން ވިސްނަންޖެހޭ ކަމެއް! ވަރަށް ވާހަކަމީ!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް