އައްޑޫގައި މީގެކުރިން ބޭއްވި ހިތަދޫ މެދުދާއިރާގެ ކެންޑިޑޭޓް މުހައްމަދު އަޒާންގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް މުހައްމަދު މުއިއްޒު(ފައިލް ފޮޓޯ/ޕީއެންސީ)

އަޒާންއާ ދެކޮޅަށް އެ ދާއިރާގެ ޕީއެންސީގެ ސްޓިއަރިން ކޮމިޓީން ބަޔާނެއް ނެރެފި

އެ ބަޔާނުގައި އަޒާނަށް ގޮވާލީ ވިޕްލައިނާ ހިލާފުވުން ތަކުރާރުނުކޮށް، ޕާޓީގެ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަކިކުރަން ގާނޫނު އިސްލާހު ކުރަން ދެކޮޅު ހެއްދެވި ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އާޒާންއާ ދެކޮޅަށް އެ ދާއިރާގެ އެ ޕާޓީގެ ސްޓިއަރިން ކޮމިޓީން މިއަދު ބަޔާނެއް ނެރެފި އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން މަގާމުން ވަކިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރަން ޕީއެންސީގެ މެންބަރެއް މަޖިލީހަށް މިދިޔަ ހޯމަ ދުވަހު ހުށަހެޅި ބިލު މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

އެ ބިލު ބަލައިގަތުމަށާއި ފާސް ކުރުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރުނު ނަމަވެސް، އެ ދެ ދުވަހު ވެސް ޖަލްސާއަށް ހާޒިރުވެވަޑައިގަތުމަށް ފަހު، އެ ވޯޓުގައި އާޒާން ބައިވެރިވަޑައިނުގަންނަވަ އެވެ. އަޒާން ބިލާ ދެކޮޅު ހެއްދެވީ އެއީ 'ގާނޫނުއަސާސީއާ ހިލާފު' ބިލެއް ކަމަށް ވިދާޅުވެ އެވެ.

ތަފްސީލު - މިކަމާ ގުޅިގެން އަޒާން ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ ސްޓިއަރިން ކޮމިޓީން މިއަދު ވަނީ ބައްދަލުވުމެއް ބާއްވައި އޭނާއާ ދެކޮޅަށް ބަޔާނެއް ނެރަފަ އެވެ. އެ ބަޔާން ނެރެފައި ވަނީ އެ ކޮމިޓީގެ 14 މެންބަރުންގެ ތެރެއިން ނުވަ މެންބަރުންގެ ސޮޔާ އެކު އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި:

  • އާޒާން އެ ބިލާ ދެކޮޅު ހަދަން ނިންމީ ދާއިރާގެ ރައްޔިތުންނާ މަޝްވަރާ ނުކުރައްވާ

  • ޕާޓީގެ ވިޕްލައިންއާ އެއްގޮތަށް މަޖިލިސް މެންބަރުން ވޯޓު ދޭން ޖެހޭ ގޮތަށް ގެނެވުނު ބަދަލަކީ އަޒާންގެ ވޯޓާ އެކު ވެސް ފާސްކުރެވުނު ބަދަލެއް؛ ނަމަވެސް އެ ނިންމުމާ ދެކޮޅަށް އާޒާން އެ ވަނީ އަމިއްލައަށް ވިޕާ ހިލާފުވެފައި

"އަޅުގަނޑުމެން އުންމީދު ކުރަނީ އިއްޒަތްެތެރި މެންބަރު އަހްމަދު އަޒާން މަރުޒޫގް މިފަދަ އަމަލުތައް ތަކުރާރު ނުކުރައްވާނެ ކަމަށެވެ. އަދި ޕާޓީގެ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަކަށެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، ބަޔާނުގައި ބުނީ "ޖުޑީޝަރީ އިސްލާހު ކުރުމަށް" ރައީސް މުހައްމަދު މުއިއްޒު އާއި މަޖިލީހުން ފަށާފައިވާ މަސައްކަތަކީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރުން ތާއީދު ކުރާ "ގައުމީ މަސައްކަތެއް" ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެ ބިލާ މެދު އާޒާން ހިމެނޭހެން ޕިއެންސީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވީ ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗަކުން ބަލަމުން ދަނިކޮށް، އެ ކޯޓުގެ ދެ ފަނޑިޔާރުން ވަކިވާނެ ގޮތަށް އިސްލާހު ހުށަހެޅުމުންނެވެ. ކަންބޮޑުވި މެންބަރުންގެ ތެރެއިން ވިޕާ ދެކޮޅު ހައްދަވައި އެކަމާ ދެކޮޅަށް ފާޅުގައި ބަސް އިއްވެވީ އަޒާން އެކަންޏެވެ.

ވިޕްލައިންއާ ހިލާފުވި މައްސަލައިގައި ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކޮށްލާފައިވެ އެވެ. އަދި ވިޕާ ހިލާފުވި މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށް ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް (2)

އަމީ

27 ފެބްރުއަރީ 2025
މަޖިލިހުގަތިބި މެމްބަރުން ޒިންމާދާރުކުރުވަން ރައްޔިތުން އެބަޖެހޭ ނިކުންނަން. މިނިވަން ކޮމިޝަންތައް ހާމަކަން ބޮޑުކޮށް މަސައްކަތް ކުރުވަން ރައްޔިތުން އެބަޖެހޭ ނިކުންނަން. އެއްވެސް ސިޔާސީ ޕާރޓީ އަކާ ނުލާ އާއްމު ޕްރޮފެޝަނަލް މީހުން އެބަޖެހޭ ގައުމަށްޓަކައި ތެދުވާން. ސިޔާސީ ޕާޓީ ތަކަށް އިތުބާރެއް ނެތް.
0 0

ދައްކަވަންހުރި ތަން

27 ފެބްރުއަރީ 2025
ކުރާނެކަމެއްނެތް. ޑރ. މުއިއްޒަކީ އިންސާފެއް ގަބޫލުކުރާ މީހެއް ނޫން. ދޮގާއި މަކަރާއި ހީލަތް ފެށުމުގައި ވެސް އޮތީ ނިމޭނީ ވެސް އެ ގޮތުގައި.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް