ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި ހޮޅުދޫގެ ގިނަ ބަޔަކު އެއްވެ އަޑު އުފުލަނީ (ފޮޓޯ/އަރީޝާ)

ޒަކިއްޔާ މަރުގެ ތަހުގީގުގައި ގޯހެއް ހަދާފައިވޭތޯ އެންއައިސީން ބަލަނީ

އެންއައިސީން ބުނީ އެ ކޮމިޝަނުން ބަލާނީ ފުލުހުންގެ ތަހުގީގު ހިންގުމުގައި ގާނޫނާއި ގަވާއިދު އަދި ފުލުހުން އަމަލުކުރަން ޖެހޭ އެއްވެސް އުސޫލަކާ ހިލާފަށް އެއްވެސް އަމަލެއް ކޮށްފައިވޭތޯ ކަމަށް
23 ފެބްރުއަރީ 2025

ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގު ފުލުހުން ހިންގަމުން އަންނައިރު އެކަން ގާތުން ބަލަމުން އަންނަ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ޒަކިއްޔާ މުސާ، 50، މާރަނގަ، ނ. ހޮޅުދޫ، މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަން ތެރޭގަ އެވެ. ޒަކިއްޔާގެ މަރާ މެދު ޝައްކުތަކެއް އުފެދުނީ:

  • އޭނާ މަރުވެފައި އޮތްއިރު ކަރުގައި ޒަހަމްތަކެއް ހުރުމުން 

  • ކައިރީގައި ވަޅިއެއް އޮތް

  • ޒަކިއްޔާ މަރާލީ ކަމަށް ރަށުގެ ގިނަ ބަޔަކު ތުހުމަތުކުރާއިރު އެފަދަ ހެއްކެއް އަދި ނުލިބޭ ކަމަށް ފުލުހުން ބުނޭ

ވީ ކިހިނެއް؟ - ފުލުހުންގެ ތަހުގީގާ މެދު ވެސް ރަށުގެ ގިނަ ބަޔަކު ސުވާލު އުފައްދަމުން ދާއިރު އެ ކަން ބަލަން އެންއައިސީން ނިންމީ މިދިޔަ ބުރާސްފަތިދުވަހު އެވެ.

ތަފްސީލް - އެންއައިސީން ބުނީ އެ ކޮމިޝަނުން ބަލާނީ ފުލުހުންގެ ތަހުގީގު ހިންގުމުގައި ގާނޫނާއި ގަވާއިދު އަދި ފުލުހުން އަމަލުކުރަން ޖެހޭ އެއްވެސް އުސޫލަކާ ހިލާފަށް އެއްވެސް އަމަލެއް ކޮށްފައިވޭތޯ ކަމަށެވެ.

ފާހަގަކޮށްލެވޭ - މި މައްސަލަ ތަހުގީގުކުރަން ފުލުހުން އަންނަނީ އެމެރިކާގެ އެފްބީއައިގެ އެހީތެރިކަން ވެސް ހޯދަމުންނެވެ. އެނގިފައިވާ ގޮތުގައި އެފްބީއައިގެ އެހީތެރިކަން ހޯދަނީ ވެސް ރަށު މީހުންގެ ޝަކުވާ ބޮޑުވެފައި ވާތީ ފުލުހުންގެ ތަހުގީގު ހިނގި ގޮތުގެ ރިވިއުއެއް ހެދުމަށެވެ.

އެނގުން މުހިންމު - ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި،ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވެފައިވަނީ މިހާތަަނަށް ބެލި ބެލުމުން އެ މަރުގައި އެހެން މީހެއްގެ ބައިވެރިވުން ފާހަގަ ނުކުރެވޭ ކަމަށެވެ. އެގޮތުން:

  • ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް، ޕެތޮލޮޖިސްޓް ޑޮކްޓަރަކަށް ވަނީ ދައްކާފައި

  • ޑޮކްޓަރު ބެލި ބެލުމުން އެހެން މީހެއްގެ ފުށުން ލިބޭ ޒާތުގެ އަނިޔާއެއް ނުފެންނަ ކަމަށް ޑޮކްޓަރު ލަފާ ދިން

  • ހަށިގަނޑުން ހެސިޓޭޝަން މާކްސް ނުވަތަ އަޅަން ނުކެރިގެން ވަޅި އަޅާފައި ހުންނަ ޒާތުގެ ނިޝާންތަކެއް ފެނުނު

  • އެކަން ހިނގި ތަނުގައި އިތުރު މީހެއް އުޅެފައިވާކަން ފާހަގަވާ ފަދަ ކަމެއް ނޫނީ ނިޝާނެއް ނުފެނޭ

  • ޒަކިއްޔާގެ ކަރުގެ ދެ ފަރާތުގައި ގިނަ ޒަހަމްތަކެއް ހުރި؛ ވާތު ފަޅީގައި ފުން ތިން ޒަހަމެއް، ކަނާތު ފަޅީގައި ފުން ދެ ޒަހަމެއް

  • މޭ މަތީ ވަތްކެއްގެ ނިޝާން ފާހަގަވި؛ ނަމަވެސް ޑޮކްޓަރު ލަފާ ދިނީ އެއީ މީހެއްގެ ފުށުން ލިބޭ އަނިޔާއަކާ އެއްވަރުގެ ވަތްކެއް ނޫން ކަމަށް

ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދައިފައެއް ނުވެ އެވެ. ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އޭރު މާލޭގައި ޕެތޮލޮޖިސްޓެއް ހުރުމުން ބޭރަށް ފޮނުވައިގެން އޮޓޮޕްސީއެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"ޕެތޮލޮޖިސްޓަކު ހަށިގަނޑު ބެލުމުން މަރުވި ސަބަބާއި މަރުވި ގޮތް ދެނެގަނެވެން އެބައޮތް. އޮޓޮޕްސީއަކުން ދެނެގަނެވޭނީ ހަމަ އެ މިންވަރަށް. އެއަކުން އިތުރަކަށް ހޯދޭނެ ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޒަކިއްޔާ މަރުވީ އަމިއްލައަށް ކަން ނުވަތަ މީހަކު މަރާލީ ކަމަށް ފުލުހުން އަދި މުޅީން ނުނިންމަ އެވެ. މައްސަލަ ހިނގި ގޮތް ސާފުވާ ވަރަށް އަދި ތަހުގީގު ފުރިހަމަ ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް