3 ޑިސެމްބަރު 2024: ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ތަނުގެ ސީން: އެ ތަހުގީގުގައި އެފްބީއައި ބައިވެރިކޮށް އެ އެޖެންސީގެ އެހީ ހޯދަން ފަށައިފި - (ފޮޓޯ: އަބްދުﷲ އަނޫފް ޖުނައިދު)

ޝައްކުތައް ގިނަވެފައިވާ ޒަކިއްޔާގެ މަރުގެ ތަހުގީގުގައި އެފްބީއައި ބައިވެރިކޮށްފި

ފުލުހުން ހިންގި ތަހުގީގާ މެދު، ޒަކިއްޔާ މޫސާގެ އާއިލާއާއި ހޮޅުދޫގެ ގިނަ ބަޔަކު ސުވާލު އުފައްދާ. ތަހުގީގުގެ ފެންވަރު ރަނގަޅުކުރަން އެފްބީއައިގެ އެހީ ވަނީ ހޯދަން ފަށާފައި
23 ޖެނުއަރީ 2025

ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ޒަކިއްޔާ މޫސާ ފެނުނު މައްސާލަގައި ކަން ހިނގި ގޮތާ މެދު ޝައްކުތައް ގިނަވެފައިވަނިކޮށް އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ އެހީ ފުލުހުން ހޯދަން ފަށައިފި އެވެ.

މައްސަލައިގެ ފެށުން - ޒަކިއްޔާ މުސާ، 50، މާރަނގަ، ނ. ހޮޅުދޫ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަން ތެރޭގަ އެވެ. ޒަކިއްޔާގެ މަރާ މެދު ޝައްކުތަކެއް އުފެދުނީ:

  • އޭނާ މަރުވެފައި އޮތްއިރު ކަރުގައި ޒަހަމްތަކެއް ހުރުމުން 

  • ކައިރީގައި ވަޅިއެއް އޮތް

  • ޒަކިއްޔާ މަރާލީ ކަމަށް ރަށުގެ ގިނަ ބަޔަކު ތުހުމަތުކުރާއިރު އެފަދަ ހެއްކެއް އަދި ނުލިބޭ ކަމަށް ފުލުހުން ބުނޭ

ވީކިހިނެއް؟ - ހޮޅުދޫގައި ފުލުހުންގެ އިސް ބޭފުޅުންގެ ޓީމެއް، އެފްބީއައިގެ ޓީމަކާ އެކީ ހަރަކާތްތެރިވި ކަމަށް އެ ރަށުގެ ބައެއް މީހުން ކިޔައިދިނެވެ.

ތަފްސީލް - އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "ދައުރު" އަށް ވިދާޅުވީ އެ ތަހުގީގަށް އެފްބީއައިގެ އެހީތެރިކަން ހޯދަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ އެ މައްސަލާގައި އެފްބީއައިގެ އެސިސްޓެންސް (އެހީތެރިކަން) ހޯދަމުން،" ޝިފާން ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެފްބީއައިގެ އެހީތެރިކަން ހޯދަނީ، ރަށު މީހުންގެ ޝަކުވާ ބޮޑުވެފައި ވާތީ ފުލުހުންގެ ތަހުގީގު ހިނގި ގޮތުގެ ރިވިއުއެއް ހެދުމަށެވެ. މިނިވަން ތަހުގީގީ އިދާރާއެއް ތަހުގީގުގައި ބައިވެރިކޮށް، ޝައްކުތައް ސާފުކުރުމަކީ ވެސް ބޭނުމެއް ކަމަށް އެނގިފައިވެ އެވެ.

އެނގުން މުހިންމު - ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި،ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވެފައިވަނީ މިހާތަަނަށް ބެލި ބެލުމުން އެ މަރުގައި އެހެން މީހެއްގެ ބައިވެރިވުން ފާހަގަ ނުކުރެވޭ ކަމަށެވެ. އެގޮތުން:

  • ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް، ޕެތޮލޮޖިސްޓް ޑޮކްޓަރަކަށް ވަނީ ދައްކާފައި

  • ޑޮކްޓަރު ބެލި ބެލުމުން އެހެން މީހެއްގެ ފުށުން ލިބޭ ޒާތުގެ އަނިޔާއެއް ނުފެންނަ ކަމަށް ޑޮކްޓަރު ލަފާ ދިން

  • ހަށިގަނޑުން ހެސިޓޭޝަން މާކްސް ނުވަތަ އަޅަން ނުކެރިގެން ވަޅި އަޅާފައި ހުންނަ ޒާތުގެ ނިޝާންތަކެއް ފެނުނު

  • އެކަން ހިނގި ތަނުގައި އިތުރު މީހެއް އުޅެފައިވާކަން ފާހަގަވާ ފަދަ ކަމެއް ނޫނީ ނިޝާނެއް ނުފެނޭ

  • ޒަކިއްޔާގެ ކަރުގެ ދެ ފަރާތުގައި ގިނަ ޒަހަމްތަކެއް ހުރި؛ ވާތު ފަޅީގައި ފުން ތިން ޒަހަމެއް، ކަނާތު ފަޅީގައި ފުން ދެ ޒަހަމެއް

  • މޭ މަތީ ވަތްކެއްގެ ނިޝާން ފާހަގަވި؛ ނަމަވެސް ޑޮކްޓަރު ލަފާ ދިނީ އެއީ މީހެއްގެ ފުށުން ލިބޭ އަނިޔާއަކާ އެއްވަރުގެ ވަތްކެއް ނޫން ކަމަށް

ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދައިފައެއް ނުވެ އެވެ. ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އޭރު މާލޭގައި ޕެތޮލޮޖިސްޓެއް ހުރުމުން ބޭރަށް ފޮނުވައިގެން އޮޓޮޕްސީއެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"ޕެތޮލޮޖިސްޓަކު ހަށިގަނޑު ބެލުމުން މަރުވި ސަބަބާއި މަރުވި ގޮތް ދެނެގަނެވެން އެބައޮތް. އޮޓޮޕްސީއަކުން ދެނެގަނެވޭނީ ހަމަ އެ މިންވަރަށް. އެއަކުން އިތުރަކަށް ހޯދޭނެ ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޒަކިއްޔާ މަރުވީ އަމިއްލައަށް ކަން ނުވަތަ މީހަކު މަރާލީ ކަމަށް ފުލުހުން އަދި މުޅީން ނުނިންމަ އެވެ. މައްސަލަ ހިނގި ގޮތް ސާފުވާ ވަރަށް އަދި ތަހުގީގު ފުރިހަމަ ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެ މަރުގެ ވާހަކަ ރަށު ތެރޭގައި ހޫނުވެ ބައެއް ހަމަނުޖެހުންތައް ވެސް ވަނީ ހިނގައިފަ އެވެ. އެފަދަ ކަމެއްގައި ޒަކިއްޔާގެ ދޮށީ ދަރިފުޅު މޫސާ ރިމްޒީ ހައްޔަރުކޮށް ފަހުން ދޫކޮށްލާފައި ވެސް ވެ އެވެ. ޒަކިއްޔާގެ އާއިލާ ބައެއް މީހުންނަށް ވެސް އާއިލާގެ އެހެން މީހުން އެކި ތުހުމަތުކޮށް ގިނަ ވާހަކަތަކެއް ރަށު ތެރޭގައި ދަނީ ފެތުރެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް