ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި ހޮޅުދޫގެ ގިނަ ބަޔަކު އެއްވެ އަޑު އުފުލަނީ: (ފޮޓޯ/އަރީޝާ)
ޒަކިއްޔާގެ މަރު މައްސަލާގައި ހޮޅުދޫގައި މާރާމަރީއަކާއި ހަމަނުޖެހުންތަކެއް
ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާ އެކު އެ ރަށު މާރަނގަގެ ޒަކިއްޔާ މޫސާގެ ހަށިގަނޑު ފެނުނު ފަހުން އެ ރަށަށް އަދިވެސް ހިމޭން ކަމެއް ނުލިބެ އެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުނީ ދިރިއުޅެމުން ދިޔަ ގޭގެ ގުދަނުގެ ތެރެއިންނެވެ. ހަށިގަނޑު ފެނުނީ، ހެނދުނު ކުނި ނަގަން ގޯތިތެރެއަށް ވަން ބިދޭސީ ބަޔަކަށެވެ. އޭނާ ވެއްޓިފައި އޮތް ތަނުގައި ވަޅިއެއް އޮތް އިރު، ތަޅުންގަނޑު މަތި ފޯވެފައިވަނީ ލެއިންނެވެ.
ރަށު ތެރޭގައި ހިނގަނީ ބޮޑު ބަހުސެކެވެ. އެއް ބަޔަކު ދެކެނީ މީހަކު ޒަކިއްޔާ މަރާލީ އެވެ. ޒަކިއްޔާ އަމިއްލައަށް މަރުވީއޭ ކިޔައިގެން ވެސް ވާހަކަ ދެކެވެ އެވެ. އެކަމަކު އެ ވަރުގެ ކަމެއް އަމިއްލައަށް ވާނެ ކަމަކަށް ރަށުގެ ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ.
މި ބަހުސް އެންމެ ބޮޑަށް ހޫނުވީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ. އެ ދުވަހު ހަވީރުގެ ވަގުތެއްގައި ރަށުގެ އިރުމަތީ އަވަށު ހުންނަ "ބިސް ސުފުރާ ކެފޭ"ގައި ބަޔަކު އެ މަރުގެ ވާހަކަ ދައްކަމުން ދަނިކޮށް މީހަކު ގޮސް ވަނީ އެއިން އެކަކަށް ހަމަލާދީ، މާރާމާރީއެއް ހިންގައިފަ އެވެ.
އެ މާރާމާރީގައި އަނިޔާ ލިބުނު އަހުމަދު ޝުޖާއު ކަން ހިނގައިދިޔަ ގޮތް ކޮންމެ ވެސް ވަރަކަށް 'ދައުރު'އަށް ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި ކެފޭގައި ހަމައެކަނި ދައްކަމުން ދިޔަ ވާހަކައަކީ ރަށު އެންމެން ވެގެން، މުއައްސަސާތަކުގެ ފެންވަރުގައި ވެސް މަރުގެ ހަގީގަތް ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ދެކޭ ދެކުމެއްގެ ވާހަކަ އެވެ.
"އެ މީހަކު އައީ ފަހަތުން. ކެފޭ ތެރޭގައި އަޅުގަނޑު އިންދައި. ފަހަތުން އައިސްއަޅުގަނޑު ކަނާތު ކަނދުރާގައި ޖަހާފައި ދަމާފައި ގެންގޮސް ވައްޓާލީ. އެ ވަގުތު ކެފޭގައި އަޅުގަނޑާ އެކީގައި ތިބި ފަސް ވަރަކަށް މީހުންނަށް އެ މަންޒަރު ވަރަށް ސާފުކޮށް ފެންނާނެ،" އޭނާ ބުންޏެވެ.
އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނައި ނަމަވެސް މަނަދޫން ޗީފް އިންވެސްޓިގޭޝަން އޮފިސަރެއް ނުވަތަ އައިއޯއެއް އައުން ލަސްވެގެން ކަމަށް ބުނެ މައްސަލަ މަޑުޖެހިފައި އޮތް ކަމަށް ޝުޖާއު ބުންޏެވެ.
"ފުލުހުންގެ ބެލުމުގެ ދަށުގައި ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ. މައްސަލަ ނުޖައްސާނަމޭ ބުނެފައެއް ނޯންނާނެ. އަޅުގަނޑު ފުރަތަމަ ފުލުހަށް ހާޒިރުވެފައި ވެސް ބުނީ، އަޅުގަނޑު ތުހުމަތު މި ކުރާ މީހާ. ހަމަލާ ދިން މީހާ ވެސް ގެންނާށޭ. އަޅުގަނޑުގެ ހިތްވަރު އެބަހުއްޓޭ ކަންވީ ގޮތް ކިޔައިދޭން. އޭނާގެ ވެސް ހިތްވަރު ހުންނާނޭ ވާހަކަ ދައްކަން. ދެން މައްސަލަ ބަލަމުންދާ ކަމުގެ ޔަގީންކަން ރަށުގެ މީހުންނަށް ދޭށޭ،" ޝުޖާއު އިތުރަށް ކިޔައިދިނެވެ.
ހޮޅުދޫގައި ބަޔަކު އެ ރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް ރޭ އެއްވި އެވެ. ފޭސްބުކްގައި ބައެއް މީހުން އެ މަންޒަރުތައް ލައިވްކޮށްފައި ވެސްވެ އެވެ. ޝުޖާއު ބުނި ގޮތުގައި ޕޮލިސް ސްޓޭޝަނަށް މީހުން އެއްވީ އޭނާއަށް ހަމަލާ ދިންތާ ދެ ދުވަސް ވެގެން ދިޔައިރު ވެސް މައްސަލަ ބަލަމުންދާ ކަމުގެ ޔަގީންކަން ނުލިބިގެނެވެ.
ނަމަވެސް މިހާރު މައްސަލަ ބަލަމުންދާ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ޝުޖާއު ބުންޏެވެ. އެ ގޮތުން ރޭގެ ވަގުތެއްގައި މައްސަލަ ވެސް ރަޖިސްޓާކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. ފުލުހަށް ހާޒިރުވެ ބަޔާން ދިނުމާއި މަންޒަރު ދުށް މީހުންގެ ބަޔާން ނެގުން ވެސް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މިހާރު ފުލުހުންގެ ފަރާތުން ލިބިފައިވާ ކަމަށް ބުންޏެވެ.
"މިއަދު ހަވީރުގެ ވަގުތެއްގައި ފެރީން އައިއޯ އަންނާނެ. މިހާރު އަޅުގަނޑަށް ޗިޓު ވެސް އެބައިން ލިބިފައި. މައްސަލަ ރަޖިސްޓްރީކުރި ކަމުގެ ވެސް. ދެން ހަމަ ކުރިއަށް ދާނެ ކަމަށް މި ބަލަނީ. ފުލުހުން އެބަ ބުނޭ އަޅުގަނޑާއި ހެކިންގެ ބަޔާން ނަގައިގެން މައްސަލަ ކުރިއަށް ގެންދާނެ ކަމަށް،" އޭނާ ބުންޏެވެ.
ފުލުހުންގެ ބަސް - މި މަރާމާރީއާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ހޮޅުދޫގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީއެއް ހިނގި ކަމުގެ ރިޕޯޓް މިދިޔަ ހުކުރު ދުވަހު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެގޮތުން:
-
މި މާރާމާރީގައި އެއްވެސް މީހަކަށް ބޭރުފުށުން އަނިޔާއެއް ލިބިފައެއް ނުވޭ
-
މި މައްސަލަ ތަހުގީގު ކުރުން ލަސްވާ ކަމަށް ބުނެ ރޭ ހޮޅުދޫގައި ބަޔަކު އިހުތިޖާޖުކޮށްފައިވޭ
-
މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ
އެނގުން މުހިންމު - ޒަކިއްޔާގެ މަރު މައްސަލާގައި ފުލުހުން ކުރި ތަހުގީގުން މިހާތަނަށް އޭނާ މަރާލީ ކަމުގެ ހެއްކެއް ފެނިފައިނުވާ ކަމަށް ފުލުހުން މި މަހު 3ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެ އެވެ. އެ ގޮތުން:
-
ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް، ޕެތޮލޮޖިސްޓް ޑޮކްޓަރަކަށް ވަނީ ދައްކާފައި
-
ޑޮކްޓަރު ބެލި ބެލުމުން އެހެން މީހެއްގެ ފުށުން ލިބޭ ޒާތުގެ އަނިޔާއެއް ނުފެންނަ ކަމަށް ޑޮކްޓަރު ލަފާ ދިން
-
ހަށިގަނޑުން ހެސިޓޭޝަން މާކްސް ނުވަތަ އަޅަން ނުކެރިގެން ވަޅި އަޅާފައި ހުންނަ ޒާތުގެ ނިޝާންތަކެއް ފެނުނު
-
އެކަން ހިނގި ތަނުގައި އިތުރު މީހެއް އުޅެފައިވާކަން ފާހަގަވާ ފަދަ ކަމެއް ނޫނީ ނިޝާނެއް ނުފެނޭ
-
ޒަކިއްޔާގެ ކަރުގެ ދެ ފަރާތުގައި ގިނަ ޒަހަމްތަކެއް ހުރި؛ ވާތު ފަޅީގައި ފުން ތިން ޒަހަމެއް، ކަނާތު ފަޅީގައި ފުން ދެ ޒަހަމެއް
-
މޭ މަތީ ވަތްކެއްގެ ނިޝާން ފާހަގަވި؛ ނަމަވެސް ޑޮކްޓަރު ލަފާ ދިނީ އެއީ މީހެއްގެ ފުށުން ލިބޭ އަނިޔާއަކާ އެއްވަރުގެ ވަތްކެއް ނޫން ކަމަށް