ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި ހޮޅުދޫގެ ގިނަ ބަޔަކު އެއްވެ އަޑު އުފުލަނީ (ފޮޓޯ/އަރީޝާ)
ޒަކިއްޔާގެ މަރު: ހޮޅުދޫން އަދިވެސް ސުވާލު އުފައްދަނީ ކީއްވެ؟
"ސަބަބުތައް ވަރަށް ގިނަ. އެންމެ ބޮޑު މައްސަލައަކީ ޝައްކު އުފެދޭ ގޮތަށް ރަށުގައި މީހަކު މަރުވެފައިވާއިރު، ދެތިން މަސް ވެގެން ދާއިރު ވެސް އަޅުގަނޑުމެންނަށް ކަމެއް ސާފުނުވާތީ،" ނ. ހޮޅުދޫގެ އަންހެނަކު ބުންޏެވެ.
އެ މީހުން ސުވާލު އުފައްދަމުން އެ ދަނީ، މިދިޔަ ސެޕްޓެމްބަރު މަހު ކުރީކޮޅު، ހޮޅުދޫގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު 50 އަހަރުގެ ޒަކިއްޔާ މޫސާގެ މަރާ މެދު އެވެ. ރަށުގެ އެންމެންނާ ވެސް ގުޅޭ ހިތްހެޔޮ މީހެކެވެ. މާމަދަރިން ގޮވައިގެން އަބަދުމެ އުޅޭ، އާއިލީ ގުޅުން ދަމަހައްޓާ އުފާވެރި މީހެކެވެ. ސުންނަތްތަކަށް ވެސް އިސްކަންދޭ އަޅުވެރިއެކެވެ. އެކަމަކު ހެނދުނުގެ ހޫނުކަމާ އެކު ކުއްލިއަކަށް ހޮޅުދުއަށް ފެތުރިގަތީ ޒަހަމްތަކަކާ އެކު ޒަކިއްޔާ މަރުވެފައި އޮތް ހަބަރެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުނީ ދިރިއުޅެމުން އައި ގޭގެ ގުދަނުގެ ތެރެއިންނެވެ. ހަށިގަނޑު ފެނުނީ، ހެނދުނު ކުނި ނަގަން ގޯތިތެރެއަށް ވަން ބިދޭސީ ބަޔަކަށެވެ. އޭނާ ވެއްޓިފައި އޮތް ތަނުގައި ވަޅިއެއް އޮތް އިރު، ތަޅުންގަނޑު މަތި ފޯވެފައިވަނީ ލެއިންނެވެ.
ކުރިން ވާހަކަ ފެތުރުނީ އަދި ފުލުހުން މައުލޫމާތު ދީފައިވަނީ ވެސް، ޒަކިއްޔާ މަރުވެފައި އޮތް އިރު ކަރުން ޒަހަމެއް ފެންނަން ހުރި ކަމަށެވެ. އޭނާއަކީ ނަފްސާނީ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހެއް ކަމާއި ބޮޑަށް ބުރަވެވޭ ގޮތުން މަރުވީ އަމިއްލައަށް ކަމަށް ވެސް އޭރު ބުންޏެވެ. އެކަމަކު ރަށުގެ މީހުންގެ ވާހަކަތަކަށް ބަލާއިރު، އެއީ އާދައިގެ ޒަހަމެއް ނޫނެވެ.
ޒަކިއްޔާގެ އާދަޔާހިލާފު މަރާ ގުޅޭ ސުވާލުތަކަށް ޖަވާބު ނުލިބޭތީ، ހޮޅުދޫ ރައްޔިތުން ވަނީ މިދިޔަ ހޯމަދުވަހު ބޮޑު އެއްވުމެއް ބާއްވައިފަ އެވެ. ރަށުގެ ގިނަ ބަޔަކު، ކަޅު ހެދުމުގައި ތިބެ ގޮވާލީ އެ މަރަށް އިންސާފު ހޯދައިދިނުމަށެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވުމަށެވެ.
"ޒަކިއްޔައްތަ މަރުވެފައި އޮތް ތަން އަޅުގަނޑުގެ ދެ ލޮލުން ދުށިން. ކަރުން ހަމަ ތަންކޮޅެއް ދުއްވާލާފައި އިނީކީ ނޫން. ހަމަ ވަޅި އަޅައި ކަރުކަނޑާލާފައި އޮތީ. މި ވަރުކަމެއް އަމިއްލައަށް ކުރެވޭނެތޯ؟ އަޅެ އަމިއްލައަށް ވެސް ސުވާލުކޮށްލަ ބަލަ،" ޒަކިއްޔާއާ އާއިލީ ގޮތުން ވެސް ގުޅުން އޮންނަ، އެ ރަށުގެ އެހެން އަންހެނަކު ބުންޏެވެ.
"އޭނާ މަރުވީ އަމިއްލައަށް ނޫން ކަމަށްވާ ނަމަ ފުލުހުން އެހެން ވެސް ބުނެދީ. އަދި އެކަން ކުރި މީހަކު ހޯދައިދީ. އަޅުގަނޑުމެން މިތިބީ ބިރުވެރިކަމެއްގައި."
އޭނާ ބުނިގޮތުން މި މަރާ މެދު ސުވާލު އުފެދޭ ވަރަށް ގިނަ ކަންކަން އެބަ ހުއްޓެވެ.
އިހްތިޖާޖުގެ ކުރިން، އެ ރަށުގެ ބަޔަކު ވަނީ، ޒަކިއްޔާގެ މަރާ މެދު ސުވާލު އުފައްދައި ލިޔުންތަކެއް ރަށުތެރެއަށް އަޅައިފަ އެވެ. އޭގައި ބުނެފައިވާ ގޮތުން ޒަކިއްޔާއަށް ލިބިފައިވާ ޒަހަމްތަކާއި މަރުވެގެން ވެއްޓިފައި އޮތް ގޮތުން، މީހަކު އަމިއްލައަށް އޭނާގެ ހަށިގަނޑަށް އެފަދަ އަނިޔާއެއް ދެވޭނެ ކަމަށް ބުއްދި ހުރި އެކަކު ވެސް ގަބޫލެއް ނުކުރާނެ އެވެ.
އޭގައި ބުނެފައިވާ ގޮތުން:
-
އަމިއްލައަށް 'ކަރު ކަނޑާލުމަށް' ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް މީހާ ނުކުޅެދިގެންވޭ
-
ފުރާނަ ހުއްޓާ އަމިއްލަ ކަރުގައި ވަޅި އަޅައިފި ނަމަ، މުޅި ތަނަށް ލޭ ބުރައިގެން ގޮސްދާނެތޯ ސުވާލު އުފެއްދި
-
އަދި މަރުވެގެން ވެއްޓޭނީ ފަހަތަށްތޯ ވެސް ސުވާލު ކުރި
އެ ލިޔުމުގައި، ޒަކިއްޔާގެ މަރާ ގުޅޭ ގޮތުން ތުހުމަތުގެ އިނގިލި އޭނާގެ ގާތް މީހަކަށް ކޮށްފައިވެ އެވެ. އެ މީހުންނަށް އެހެން ޝައްކުވާ ސަބަބުތައް ވެސް ވަރަށް ތަފްސީލުކޮށް ލިޔެފައިވެ އެވެ.
ޒަކިއްޔާގެ އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އޭނާގެ ދައްތަ އެފަދަ ކަމެއް އަމިއްލައަށް ކޮށްފާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ފެންނަ ފެނުމާއި އުޅޭ އުޅުމުގައި ވެސް، އެފަދަ ކަމެއް ކުރާހާ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ކަމަކަށް އެ މީހުންނަކަށް ގަބޫލެއް ނުކުރެވެ އެވެ.
"އެއީ މުޅި ފެމެލީގެ ވެސް ރޫހު. ކޮންމެ ކަމެއް ކުރިޔަސް، ހުރިހާ އެންމެން ގޮވައިގެން، އެންމެންގެ ލީޑަރަކަށް ވެގެން އުޅޭނީ އޭނާ. ދީނީ ގޮތުން ވެސް އަޅުގަނޑުމެންނަށް އަބަދުވެސް ނަސޭހަތް ދޭނެ. އަބަދުވެސް ވަރަށް އުފާވެފައި، ލޯބިން އުޅޭތަން ފެންނާނީ،" އޭނާ ބުންޏެވެ.
އެ ހާދިސާ ހިނގި އިރު، ޒަކިއްޔާގެ ފިރިމީހާ އާއި ފިރިހެން ދަރިފުޅު އަދި އޭނާގެ އަނބިމީހާ އާއި މާމަ ދަރިފުޅު ގޭގައި އުޅެ އެވެ. މަރުގެ ތަހުގީގު ލަސްވެގެން، ހޮޅުދޫ މީހުން ކުރި އިހްތިޖާޖުގައި އެ އާއިލާއިން ވެސް ބައިވެރިވި އެވެ.
ޒަކިއްޔާގެ ހަށިގަނޑު ވަޅުލާފައިވަނީ އޮޓޮޕްސީ ނުހަދަ އެވެ. އެކަމަކު ތަހުލީލު ކުރުމަށް އޭނާގެ ހަށިގަނޑުން ސާމްޕަލްތަކެއް ނެގި އެވެ. ފުލުހުން ފަހުން ބުނެފައިވާ ގޮތުގައި އޮޓޮޕްސީ ނުހެދީ، އެ ސާމްޕަލްތަކުން، ޑޮކްޓަރުންގެ ފަރާތުން ހޯދަން ބޭނުންވާ ރައުޔު ލިބުމުންނެވެ.
މި މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. މި ހަފުތާ ތެރޭގައި މި މަރާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.