ޕީއެންސީން ބޭއްވި ސިޔާސީ ހަރަކާތެއްގެ ތެރެއިން (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)
ޕިއެންސީ މެންބަރުންގެ އަދަދު 68،000އަށް؛ އެމްޑީޕީ 43،000އަށް ދަށްވެއްޖެ
މިވަގުތު އެންމެ ވާދަވެރި ދެ ޕާޓީ ކަމުގައިވާ، ވެރިކަމުގައި އޮތް ޕީއެންސީގެ މެންބަރުންގެ އަދަދު 68،000އަށް އަރައި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު 43،000އަށް ދަށްވެއްޖެކަން އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - މެމްބާޝިޕް 'ވަގު ފޯމު'ގެ މައްސަލަ ފެންމަތިވެފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ މިދިޔަ އަހަރުގެ ނިޔަލަށް އެ ކޮމިޝަނަށް ލިބިފައިވާ ފޯމުތައް ޕްރޮސެސްކޮށް ނިންމައި އެ ކޮމިޝަންގެ ވެބްސައިޓުގައި ޕާޓީތަކުގައި މިހާރު މެންބަރުން ތިބި އަދަދުތައް ހާމަކޮށްފަ އެވެ.
ތަފްސީލު - ކޮންމެ ހަމަހަކުން އަދާހަމަކޮށް ޝާއިއު ކުރާ އީސީގެ ދަފްތަރުން އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ، ސަރުކާރަށް އެއް އަހަރު ފުރުމާ ދިމާކޮށް 75،000 މެންބަރުން ހަމަ ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ހަރަކާތެއް ހިންގި ޕީއެންސީއަށެވެ. އެގޮތުން:
-
އެ އަދަށް ޕީއެންސީއަށް މެންބަރުން ހަމަވެފައިވާ ކަމަށް އީސީގެ ދަފްތަރުން އަދި ނުދެއްކި ނަމަވެސް، މިދިޔަ އަހަރުގެ ނިޔަލަށް އެ ޕާޓީގައި ތިބީ 68،968 މެންބަރުން
-
މީގެ ހަ މަސް ކުރިން، މިދިޔަ ޖުލައިގައި ޕީއެންސީގައި ތިބީ 28،000އެއްހާ މެންބަރުން
-
ހަ މަސް ތެރޭ އެ ޕާޓީއަށް އިތުރުވެފައި ވަނީ 39،000އެއްހާ މެންބަރުން
-
މި އަދަދުތަކާ އެކު، ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް މެންބަރުން ހަމަކުރި ޕާޓީއަށް ވެފައި ވަނީ ޕީއެންސީ
އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ އަދަދު ދަށްވީ 43،755 އަށެވެ. އޭގެ ކުރިން އެ ޕާޓީގައި 50،000އަށް ވުރެ ގިނަ މެންބަރުން ތިބިއިރު، މަދުވެފައި ވަނީ 7،000އެއްހާ މެންބަރުންނެވެ. އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި އެ ޕާޓީގެ 3،000 މެންބަރުން 'ވަގަށް' ޕީއެންސީއަށް ވައްދާފައިވެ އެވެ.
ޕީއެންސީއަށް 39،000 މެންބަރުން އިތުރުވިއިރު، އެއް ކޯލިޝަނެއްގެ ދަށުން ހިންގަމުން އައި އަދި މިހާރު އުވާލަން ނިންމާފައިވާ ޕީޕީއެމްގެ މެންބަރުން 34،000 އިން 12،000އަށް ވަނީ ތިރިވެފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެން އުފެއްދެވި ޕީއެންއެފްގެ މެންބަރުން އަދަދު މިހާރު 3،000އަށް ވުރެ ތިރިވެފައިވެ އެވެ. ޕީއެންއެފްގެ މެންބަރުންގެ އަދަދަކީ 2،822 އެވެ.
އެހެން ޕާޓީތަކުގެ މެންބަރުންގެ އަދަދުތައް:
-
ޖުމްހޫރީ ޕާޓީ: 13،826 (ކުރިން ތިބީ 17،300 މެންބަރުން)
-
އެމްޑީއޭ: 9،210 (ކުރިން ތިބީ 8،200 މެންބަރުން)
-
އަދާލަތު ޕާޓީ: 9،049 (ކުރިން ތިބީ 8،500 މެންބަރުން)
-
އެމްއެންޕީ: 6،050 (ކުރިން ތިބީ 7،519 މެންބަރުން)
-
ޑިމޮކްރެޓްސް: 3،667 (ކުރިން ތިބީ 4،300 މެންބަރުން)
-
އެމްޓީޑީ: 2،359 (ކުރިން ތިބީ 3،100 މެންބަރުން)
-
އެމްއާރުއެމް: 1،867 (ކުރިން ތިބީ 2،200 މެންބަރުން)
ވަގު ފޯމު މައްސަލަ:
ޑީއެންއާރުގެ ވެރިން ދެއްވީ އިއުތިރާފުގެ ބަޔާނެއްތަ؟
22 ޖެނުއަރީ 2025
3،000 މެންބަރުން ޕީއެންސީއަށް 'ވަގަށް' ވައްދާފައިވޭ: އެމްޑީޕީ
19 ޖެނުއަރީ 2025
ރިޝްވަތު، ފޯޖަރީ، ވައްކަން: ޕާޓީތަކުން ހިންގާ ބޮޑު ޖަރީމާތައް
16 ޖެނުއަރީ 2025
ވަަގު ފޯމުތޯ ބެލޭކަށް ނެތް؛ އެކަން ކުރަން ޖެހޭނީ އީސީން: ޕީއެންސީ
14 ޖެނުއަރީ 2025
ކޮމެންޓް (1)
ތެފައާސާ.