ލަމްހާ

މޭރީގެ މަރު

ލަމްހާ ދޫކޮށްލި މައްސަލަ ބަލަން ސުޕްރީމް ކޯޓުން އަންގައިފި

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އިން ލަމްހާ ދޫކޮށްލީ މިދިޔަ 12 ނޮވެމްބަރުގައި
15 ޖެނުއަރީ 2025

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުގެ މައްސަލާގައި ދައުވާކޮށްފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ބަންދުން ދޫކޮށްލި މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން މިއަދު ހައި ކޯޓަށް އަންގައިފި އެވެ.

ވީ ކިހިނެއް؟ - ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އިން ލަމްހާ ދޫކޮށްލީ މިދިޔަ 12 ނޮވެމްބަރުގަ އެވެ. ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް މައްސަލަ ރަޖިސްޓްރީ ނުކުރުމަށް ހައި ކޯޓުން ނިންމި އެވެ.

ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ތާއީދު ކުރުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ގެންދިޔައީ އެވެ. ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށް ފަހު ނިންމީ ހައި ކޯޓުން މައްސަލަ ނުބެލުމަށް ނިންމީ ގޯސްކޮށް ކަމަށެވެ.

އެނގުން މުހިންމު - ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ ފުރަތަމަ ބަންދުން ދޫކޮށްލާފައިވަނީ ނޮވެމްބަރު 2023ގަ އެވެ. އެކަމަކު އޭނާ އަލުން ބަންދުކުރަން އެ އަހަރުގެ ޑިސެމްބަރު މަހު ހައި ކޯޓުން އަމުރުކުރުމާ ގުޅިގެން މިދިޔަ 12 ނޮވެމްބަރާ ހަމައަށް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. 

ފަސްމަންޒަރު - 19 އޮކްޓޯބަރު 2021ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުންގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިޔަ އެވެ. 

ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރު ކުރީ އެ އަހަރުގެ 27 އޮކްޓޯބަރުގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން، އެ އަހަރުގެ 16 ޑިސެމްބަރުގަ އެވެ.

ފާހަގަކޮށްލެވޭ - މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިން އާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ލަމްހާއަކީ މާވިންގެ ސިއްރު ލޯބިވެރިޔާ ކަމަށް ވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް