އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު: އޭނާއާ ފުލުހުން ސުވާލު ކުރުމުން ވިދާޅުވީ، ގޯތި ލިބުނު ކަމުގެ ލިޔުން ލިބުނީ ކުރީގެ ސަރުކާރުގައި ކަމަށް
ފަޒީލް ވިދާޅުވީ ގޯތީގެ ރަޖިސްޓްރީ ދިނީ ކުރީ ސަރުކާރުން ކަމަށް: ފުލުހުން
'ބިންވެރިޔާ' ސްކީމުން ގޯތި ލިބުނު ލިސްޓުގައި ނެތް ނަމަވެސް ގޯތި ލިބުނު ކަމުގެ ރަޖިސްޓްރީ ދިނީ ކުރީގެ ސަރުކާރުން ކަމަށް، އެ މައްސަލައިގައި ޝަމިލުވާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިއުއެސްއީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ތަހުގީގުގައި ވިދާޅުވި ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - ފަޒީލް ހިމެނޭހެން އަދި 'ބިންވެރިޔާ' ސްކީމުުން ބިން ނުލިބޭ ބަޔަކަށް ވަގު ލިޔުންތަކެއް ހުށަހަޅައިގެން ބިން ލިބުނު ކަމަށް ބުނާ ލިޔުންތަކެއް މިދިޔަ ބުދަ ދުވަހު ސޯޝަލް މީޑިއާގައި އާންމުވުމާ އެކު ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ. އެ ތަހުގީގާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ފުލުހުން ރޭ އިސްކަންދަރު ކޮށީގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
ތަފްސީލު - އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އިސްބޭފުޅަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، މި ތަހުގީގާ ގުޅިގެން ހަ ފަރާތަކާ މިހާތަނަށް ސުވާލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން، ގޯތި ލިސްޓުގައި ނުހިމެނުނަސް ގޯތި ލިބުނު ކަމަށް ބުނާ އެންމެންނާ ވެސް ފުލުހުން ސުވާލު ކުރުމުން ބުނެފައިވަނީ، ގޯތީގެ ރަޖިސްޓްރީ އާއި އެގްރިމަންޓް ދީފައި ވަނީ ކުރީގެ ސަރުކާރުން ކަމަށެވެ.
"އަޅުގަނޑުމެން [ތަހުގީގުގައި] މި ކުރި މަސައްކަތުން އަދި ސުވާލު ކުރި މީހުންގެ ފަރާތުން ވެސް އަޅުގަނޑުމެންނަށް ފާހަގަވެފައިވާ ހުރީ، މި ފަރާތްތަކަށް ލިބިފައި ހުރި [ގޯތީގެ ރަޖިސްޓްރީ އާއި އެއްބަސްވުމުގެ] ޑޮކިއުމަންޓްތަކަކީ ކުރީ ދައުރުގައި [ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި] ލިބިފައި ހުރި ޑޮކިއުމަންޓްތަކެއް ކަމަށް، މިހާ ހިސާބަށް ތަހުގީގަށް ފާހަގަ ކުރެވެނީ،" 24 ގަޑިއިރުވީ ތަހުގީގާ ގުޅޭ ގޮތުން ޝަރީފް ފުރަތަމަ ވިދާޅުވީ މިގޮތަށެވެ.
ނަމަވެސް ފަހުން އޭނާ އެ ވާހަކަ ބަދަލުކުރައްވައި ވިދާޅުވީ، ކުރީ ސަރުކާރުގައި ދިން ލިޔުންތަކެއް ކަމަށް ބުނަނީ ސުވާލު ކުރި މީހުން ކަމަށެވެ. އޭގެ ތެރޭގައި ފަޒުލްގެ ބޭބެ ފަޒީލް ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތަހުގީގުގެ ތެރެއިން ރޫލްއައުޓެއް ނުކުރަން މިއީ ކޮން އިރަކު ދޫކޮށްފައި ހުރި ލިޔުންތަކެއް ކަމެއް، ނޫނީ ކޮން ބައެއް ދުކޮށްފައި ހުރި ލިޔުންތަކެއް ކަމަށް ނުވަތަ ފޯޖްކޮށްފައި ހުރި ލިޔުންތަކެއް ކަމަށް،" ނޫސްވެރިން މިކަމާ ގުޅޭ ގޮތުން އިތުރަށް ސުވާލު ކުުރުމުރުން، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ސުޕްރިންޓެންޑެންޓް ރަޖިނީ ޝުއައިބް ވިދާޅުވި އެވެ.
ރަޖިނީ ވެސް އަދި ޝަރީފް ވެސް ވިދާޅުވީ، މި މައްސަލައިގައި އެއްވެސް މީހަކަށް އަދި އެއްވެސް ތުހުމަތެއް ނުކުރާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އޭރުގެ ގޯތި ދިނުމުގެ ކަންކަމުގައި އިސްކޮށް އުޅުއްވި ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުދީންއަށް ތުހުމަތު އަމާޒުވާ މޭރުމަކުން އޭނާ ވާހަކަ ދެއްކެވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:
-
މައްސަލައިގައި ސުވާލު ކުރި މީހަކާއި އަކްރަމްއާ ދެ ބޭފުޅުން ބައްދަލުވި ކަމަށް އޭނާ ބުނި
-
އަކްރަމް ބައްދަލު ކުރި އެ މީހަކީ ގޯއްޗަށް ކުރިމަތިލީ މީހަކަށް ގޯތި ނުލިބިގެން ޝަކުވާ ކުރަންވެގެން ބޭއްވި ބައްދަލުވުމެއް
އަކްރަމްއާ ބައްދަލުވީ ކޮން ފަރާތަކުން ކަމެއް އަދި އެ ބައްދަލުވުމުގެ އިތުރު ތަފްސީލެއް ޝަރީފް އޭރު ވިދާޅެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން އިތުރަށް ސުވާލު ކުރުމުން ޝަރީފް ވިދާޅުވީ، ގޯތި ނުލިބިގެން އަކްެރަމްއާ ބައްދަލުކުރެއްވީ ފަޒީލް ކަމަށެވެ. އަދި އެ ވާހަކަ އޭނާ ތަހުގީގުގައި ވިދާޅުވިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ފަޒީލްއަކީ ގޯއްޗަށް ކުރިމަތީލީ ފަރާތެއް. ޝަރުތު ހަމަނުވާތީ އޭނާ [ގޯތި ނުލިބޭ މީހުންގެ] ލިސްޓުން ވަކިވެފައި އިން ކަމަށް. އެ ޝަކުވާ ހިފައިގެން ބައްދަލު މި ކުރަނީ އަކުރަމްއާ. އަކުރަމްއާ ބައްދަލުކޮށްފައި އެ ޝަކުވާ ހުށަހެޅީ. އެ ބޭނުމުގައި ފަޒީލް، އަކްރަމްއާ ބައްދަލުކުރި ކަމަށް ފަޒީލް މައުލޫމާތު ދެއްވީ،" އެ ދެ ބޭފުޅުން ބައްދަލުވީ ކޮން ބޭނުމަކުތޯ 'ދައުރު'ން ސުވާލު ކުރުމުން ޝަރީފް ވިދާޅުވި އެވެ.
އެ ބައްދަލުވުމާ އެކު، އެ ސަރުކާރުގައި ފަޒީލްއަށް ގޯއްޗެއް ދިނީތޯ އެހުމުން ޝަރީފް ވިދާޅުވީ، ފަޒީލްއަށް ލިބުނު ކަމަށް ބުނާ ބިމުގެ ރަޖިސްޓްރީ އާއި އޭގެ އެއްބަސްވުން ހައުސިން މިނިސްޓްރީގައި އޮތްތޯ މިހާރު ބަލަމުންދާ ކަމަށެވެ.
ކޮމެންޓް (2)
ސާދާ
ވިނަންދު