އެޓާނީ ޖެނަރަލް އަހުމަދު އުޝާމް މީޑިއާ ބައްދަލުވުމެއްގައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ދެކުނުގެ ކަނޑު ހޯދަން ސަރުކާރުން ގެންގުޅޭ ސްޓްރެޓެޖީތައް ބަދަލުކުރަން ޖެހިއްޖެ: އޭޖީ
ޗާގޯސްއާ މެދު ރާއްޖޭގެ ދައުވާކުރުންތަކެއް ހުއްޓައި އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސިވިލާތުން ނިންމި ނިންމުމާ ގުޅިގެން، ދެކުނުގެ ކަނޑު ހޯދަން ދިވެހި ސަރުކާރުން ކުރާ މަސައްކަތުގެ ސްޓެރެޓެޖީ ބަދަލުކުރަން ޖެހިއްޖެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
މައްސަލަައިގެ ފެށުން - މޮރިޝަސްގެ ބައެއް ކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޗާގޯސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ވަނީ ހުކުމްކޮށްފަ އެވެ.
އެއާ އެކު، ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެކުނުން އިން ވަކިކޮށް، ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދު (އީއީޒެޑް) ވަނީ ރަސްމީކޮށް ކަނޑައަޅާފަ އެވެ.
ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ދެކުނީ އޭރުގެ ސަރުކާރުން ވަކާލާތުކުރީ ރާއްޖޭގެ މަސްލަހަތު އިސްކޮށްގެން ނޫން ކަމަށެވެ. އަދި ދެކުނު ކަނޑުން ބައެއް ގެއްލުނު ކަމަށް ބުނެ، އެ ބައި ހޯދުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ވީ ކިިހިނެއް؟ - އިނގިރޭސި ވިލާތުން މޮރިޝަސްއަށް ޖަޒީރާގެ ރަށްތައް ދިނުމަށް އެއްބަސްވުމުން ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްވެސް ކަހަލަ ހުރަހެއް ކުރިމަތިވެފައިވޭތޯ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލުކުރި އެވެ.
ބުނީ ކީކޭ؟ - އެ ސުވާލުގެ ޖަވާބުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އިނގިރޭސިވިލާތުން އެ ނިންމުން ނިންމީ، އިޓްލޮސްގެ ނިންމުން ރިވިއުކުރަން ބޭރުގެ ތަޖުރިބާކާރުން ދީފައިވާ އެޑްވައިޒަރީ ރިޕޯޓުް ކެބިނެޓަށް ހުށަހަޅަން ތައްޔާރު ވެފައިވަނިކޮށް ކަމަށެވެ.
"އިންޓަނޭޝަނަލް އެކްސްޕާޓުންގެ ރިޕޯޓުގެ މަސައްކަތް ވެސް ނިމިގެން ކެބިނެޓަށް ހުށަހަޅަން އަޅުގަނޑުމެން ތައްޔާރުވަމުން ދަނިކޮށް، މި ކަމެއް މި ދިމާވީ ވެސް. ގޮންޖެހުންތަކެއް އެބަހުރި. އަޅުގަނޑުމެންގެ ސްޓްރެޓެޖީ ބަދަލުކުރަން ޖެހޭ ކަހަލަ ނިންމުމެއް އެ ނިންމުމަކީ،" އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ ބޭރުގެ ތަޖުރިބާރުންގެ ލަފާ އަނެއްކާ ވެސް ހޯދަން ޖެހުނީ އެހެންވެގެން ކަމަށެވެ. މީގެ ކުރިން މި ސުވާލުކުރުމުން އުޝާމް ވިދާޅުވެފައި ވަނީ ލަފާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ދެން އެ މަސައްކަތް ނިމޭނެ ތާރީހެއް ވިދާޅުވާން ދަތި ކަމަށް ވެސް އޭނާ މިއަދު ވިދާޅުވި އެވެ.
"އެހެން ބަޔަކަށް ވެސް ބަރޯސާވެގެން ކުރަމުންދާ މަސައްކަތެއް ވީމައި، ދެން އަނެއްކާ ވެސް ކިހާ މުއްދަތެއް ނަގާނެ ކަމަށް ބުނަން ދަތި." އުޝާމް ވިދާޅުވި އެވެ.
ޗާގޯސް މައްސަލާގައި ފާހަގަކޮށްލެވޭ ކުރީގެ ހަބަރުތައް
ފަސްމަންޒަރު - އައްޑޫގެ ދެކުނުން 400އެއްހާ މޭލު ދުުރުގައި އޮންނަ ޗާގޯސް ޖަޒީރާ އިސްތިއުމާރުކޮށްގެން އުޅޭތާ 50 އަހަރު ފަހުން އެކަން ނިމުމަކަށް ގެންނަން އިނގިރޭސިން އެއްބަސްވާކަން ހާމަކޮށްފައި ވަނީ އިނގިރޭސިވިލާތާއި މޮރިޝަސްގެ ބޮޑުވަޒީރުން މި މަހުގެ 3 ވަނަ ދުވަހު ނެރުއްވި ގުޅިފައިވާ ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ޗާގޯސް ޖަޒީރާއަކީ މޮރިޝަސްގެ ފުރިހަމަ ބާރު ހިނގާ ތަނެއްގެ ގޮތުގައި ބަލައިގަންނަން އެއްބަސްވީ އެ ޖަޒީރާގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ މައްސަލަ ހައްލުކުރަން ދެ ގައުމުގެ ދެމެދުގައި ކުރިއަށް ގެންދިޔަ އަހަރެއްހާ ދުވަހުގެ މަޝްވަރާތަކަށް ފަހުގަ އެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި:
-
މޮރިޝަސްއަށް ޗާގޯސް އަނބުރާ ދެނީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމްކޮށްފައިވާ ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވައްސާ ވެސް އެއްކޮށް
-
ޗާގޯސް މޮރިޝަސްގެ ދަށަށް ދިޔަ ނަމަވެސް ފޯޅަވަހީގައި ހަދާފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒު މިހާރު ވެސް ހިންގާ ގޮތަށް ހިންގަން އެ ރަށް ހާއްސަކޮށްފައި ބާއްވަން ދެ ފަރާތުން ވަނީ އެއްބަސްވެފައި
-
ޑިއޭގޯ ގާސިއާ ފިޔަވައި ޗާގޯސް ޖަޒީރާގެ އެހެން ރަށްތަކުގައި މީހުން ވަޒަންވެރިކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ
މޮރިޝަސް ސަރުކާރުން ޒަމާނުއްސުރެ ބުނަމުން އަންނަނީ 1968 ވަނަ އަހަރު އިނގިރޭސިވިލާތުން އެ ގައުމަށް މިނިވަންކަން ދިނީ ޗާގޯސް ޖަޒީރާ އިނގިރޭސިންނާ ހަވާލުކުރަން ޝަރުތުކޮށް މަޖުބޫރުތައް ކުރިމަތިކުރުވައިގެން ކަމަށެވެ.
އެމެރިކާއަށް ކުއްޔަށް ދީގެން ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ހެދުމަށްޓަކައި ޗާގޯސްގައި އުޅެމުން ދިޔަ 1،000އެއްހާ ވަޒަންވެރިން ގަދަކަމުން އެ ރަށްތަކުން ބާލާފައި ވަނީ 1960ގެ ފަހުކޮޅާއި 1970ގެ ކުރީކޮޅުގަ އެވެ.
ކޮމެންޓް (2)
ވޯލް
ހައްދުންމަތިން ހައްޕުނޑު