ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި (ފޮޓޯ/ރައީސް އޮފީސް)
މިނިވަން މުއައްސަސާއެއްގެ ތެރެއަށް ނުފޫޒު ފޯރުވާކަށް ނޫޅެން: ރައީސް
މިނިވަން މުއައްސަސާއެއްގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެއްވެސް އިރަކު ކުރެއްވި ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ތަފްސީލް - ރައީސް އެކްސް ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ އެއްވެސް ބާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ ނުވަތަ އިންތިހާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު ކުރެއްވި ކަމެއް ނޫން ކަމަށާއި އަދި މުސްތަގުބަލުގައި ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނު މަސައްކަތް ކުރައްވާނީ އެފަދަ ފަރާތްތަކުން އަދުލުވެރިކަމާއި އިންސާފާއި ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި ހަލުވި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރެއްވުމަށެވެ.
"އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ގާނޫނާއި ގަވައިދަށް ގެންނަންޖެހޭ އިސްލާހެއް ވާނަމަ އެ އިސްލާހެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ްދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އަޅުގަނޑު މިއަދާ ހަމަޔަށްވެސް ކުރިކަމެއްނޫން އަދި ކުރިޔަށް އޮތް ތާނގައިވެސް ކުރާނޭކަމެއްނޫން!. އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން…
— Dr Mohamed Muizzu (@MMuizzu) October 29, 2024
ފަސްމަންޒަރު - އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް އޭސީސީގެ ގާނޫނާއި އީސީގެ ގާނޫނަށް އިސްލާހު ގެނައުމަށް ދެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.
އޭސީސީގެ ރައީސް އާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް ގެންނަ އިސްލާހުގެ އިބްތިދާއީ ބަހުސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފަށައިފަ އެވެ.
އެ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އިސްލާހަށް ފާޑުވިދާޅުވެފަ އެވެ.
ބަހުސްގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ މިނިވަން މުސްތަގިއްލު ކޮމިޝަންތަކެއްގެ ގޮތުގައި އޭސީސީ އާއި އީސީ ހިމަނާފައިވަނީ މަގުސަދެއް އޮތުމުން ކަމަށެވެ.
އޭސީސީގެ ރައީސް އައްޔަންކުރާ ފަރާތަކީ ރައީސަށް ވެއްޖެ ނަމަ، މައްސަލަތައް ބަލާއިރު ރައީސަށް "ބަލައިލަން" ޖެހޭ ކަހަލަ ގޮތަކަށް ބަދަލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ އޭސީސީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ސަރުކާރުގެ ހިޔާނާތުގެ ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭން ގެންނަ ބަދަލެއް ކަމަށެވެ.
އެ ބިލަށް ވާހަކަ ދައްކަވަމުން ޕީއެންސީއަށް ނިސްބަތްވެވަޑައިގަންވާ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވަނީ މިނިވަން އެހެން މުއައްސަސާތަކަށް ވެސް އަދި އަތޮޅު ކައުންސިލްގެ ރައީސުން ވެސް ރާއްޖޭގެ ރައީސް އައްޔަންކުރައްވާ ގޮތަށް ހަދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް (1)
ސިކުނޑި