ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަޅަމުންދާ ފްލެޓްތައް މިއީ 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން އަޅާ ފްލެޓްތަކެއް. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ފްލެޓުތައް ހަވާލުކުރެވޭނީ މިނިސްޓްރީން އެންގުމުން: އެފްޑީސީ

މިދިޔަ ސަރުކާރުން ގެޒެޓު ކުރި ފްލެޓް ލިސްޓުގައި ޝަރުތު ހަމަނުވާ ފޯމު ގިނަ ކަމަށް އޭސީސީން ބުނުމުން، މި ސަރުކާރުން ނިންމާފައިވަނީ ލިސްޓު އަލުން ބެލުމަށް ފަހު ފްލެޓް ހަވާލުކުރަން
26 އޯގަސްޓު 2024

'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން މިދިޔަ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަން ފަށާފައިވާ 4،000 ހައުސިން ޔުނިޓާ ބެހޭ އެއްވެސް މުއާމަލާތެއް ކުރިއަށް ގެންދެވޭނީ ހައުސިން މިނިސްޓްރީން އެކަމުގައި ވަކި ގޮތެއް އެންގުމުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.

ފަސްމަންޒަރު - ކުރީ ސަރުކާރުން މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ހިންގި 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ދައުރުގެ ފަހުކޮޅުގައި ވަނީ ގެޒެޓުކޮށްފަ އެވެ. އަދި ދައުރު ހަމަވި އިރު، ފްލެޓު ލިބުނު ބައެއް މީހުންނާ އެކު ފްލެޓު ކަނޑައަޅާ އެއްބަސްވުމެއްގައި ވަނީ ސޮއި ވެސް ކޮށްފަ އެވެ.

ނަމަވެސް ދާއިމީ ލިސްޓަށް ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމާ އެކު އޭސީސީއިން ތަހުގީގެއް ފަށައި އެ ތަހުގީގުގައި ބެލި ފޯމުތަކުގެ %59.6 ފޯމަކީ ޝަރުތު ހަމަނުވާ ފޯމުތަކެއް ކަމަށް ވަނީ ބުނެފަ އެވެ. އެއާ އެކު، މި ސަރުކާރުން ނިންމާފައިވަނީ ލިސްޓު އަލުން ބެލުމަށް ފަހު ފްލެޓް ހަވާލުކުރުމަށެވެ.

ގޯއްޗާއި ފްލެޓުތަކުގެ ރަޖިސްޓްރީ ނުލިބިގެން އޭސީސީ ދޮށުގައި ކުރިން ކުރި މުޒާހަރާއެއް. (ދައުރު ފައިލސް ފޮޓޯ/އިބްރާހިމް އިފާޒު)

ވީ ކިހިނެއް؟ - ފްލެޓުތަކުގެ އެއްބަސްވުމާއި ފްލެޓްތައް ހަވާލުކުރުމާ ބެހޭ ގޮތުން ގިނަ ފަރާތްތަކުން މައުލޫމާތު ހޯދަން ހުށަހަޅަމުންދާތީ، އެކަމާ ގުޅިގެން އެފްޑީސީން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

ބުނީ ކީކޭ؟ - އެ ބަޔާނުގައި އެ ކޯޕަރޭޝަނުން ބުނީ:

  • 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ފަރާތްތަކާއި އެ ފަރާތްތަކަށް ލިބޭނެ ފްލެޓު ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ގެންދަނީ ހައުސިން މިނިސްޓްރީން؛ އެފްޑީސީން ވެސް އަމަލުކުރަމުން ދަނީ މިނިސްޓްރީން އަންގާ ގޮތަށް

  • މިނިސްޓްރީން މީގެ ކުރިން ވަނީ ފްލެޓް ހަވާލުކުރުމާ ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް މަޑުޖައްސާލަން އެފްޑީސީއަށް އަންގާފައި

"އެހެންކަމުން، [ހައުސިން] ޔުނިޓު ހަވާލުކުރުމާ ގުޅޭގޮތުން ކުރެވޭ އެންމެހާ މުއާމަލާތްތައް ކުރިއަށްގެންދެވޭނީ އެ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީން ވަކިގޮތެއް އެންގުމުން ކަމުގައި ދަންނަވަމެވެ،" އެފްޑީސީގެ ބަޔާނުގައިވެ އެވެ.

ފާހަގަކޮށްލެވޭ - ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަންސް ކޮމިޓީގައި ވިދާޅުވެފައިވަނީ، 'ގެދޮރުވެރިޔާ'ގެ ފުރަތަމަ ޓަވަރުތައް ނިމެންވާއިރަށް މިހާރު އާންމުކޮށްފައިވާ ލިސްޓު އަލުން ރިވިއުކުރުމަށް ފަހު ފައިނަލް ލިސްޓެއް އާންމުކުރާނެ ކަމަށެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި 32 ޓަވަރުގެ ތެރެއިން ފުރަތަމަ ހަ ޓަވަރު ނިމޭނީ އޮކްޓޫބަރު ނިމޭހާ ތަނުގައި. އިރާދަކުރެއްވިއްޔާ އެހާ ތަނަށް އަޅުގަނޑުމެން ފައިނަލް ލިސްޓު އާންމުކުރާނަން،" ހައިދަރު ވިދާޅުވެފައިވެ އެވެ.

އެނގުން މުހިއްމު - މި ސަރުކާރުން ނިންމާފައިވަނީ ކުރީގެ ސަރުކާރުން ގެޒެޓުކުރި ދާއިމީ ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، އަލުން ރިވިއުކުރުމަށެވެ. އެހެންކަމުން، ކުރިން އާންމުކުރި ލިސްޓު ބާތިލެއް ނުކުރާނެ އެވެ. އަދި ލިސްޓު ރިވިއުކުރާނީ ލިބެންހުރި ހެކިތަކަށް ބިނާކޮށް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ކަމެއް - ފްލެޓުތަކާ ގުޅިގެން އާންމު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ހުށަހެޅި މައްސަލަ ދިރާސާކޮށް ރިޕޯޓެއް ވަނީ އެކުލަވާލައިފަ އެވެ.

އެ ރިޕޯޓުގައި ކޮމެޓީން ފާހަގަކުރި މައިގަނޑު ތިން ކަމަކީ:

  • ގެދޮރުވެރިޔާ ސްކީމުން ދޫކުރަން ކަނޑައެޅި ފްލެޓުތައް ހަވާލުކުރުން ލަސްވެފައިވާކަން

  • ފްލެޓު ހަވާލުކުރުން ލަސްވުމުގެ ސަބަބުން އެކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އޮތްކަން

  • އެ ސްކީމުން ދޫކުރަން ކަނޑައަޅާފައިވާ ފްލެޓުތައް ލިބުނު މީހުންނާ ފްލެޓު ހަވާލުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތްކަން

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ލިސްޓަށް އުނިއިތުރެއް ނުގެނެސް، އެ މީހުންނަށް ފްލެޓު ދިނުން އަވަސް ކުރުމަށް 27 މާޗުގައި ކޮމެޓީން ނިންމި ނިންމުން ވަނީ މަޖިލީހުގެ ތަޅުމުން ފާސްކޮށްފަ އެވެ.

މަޖިލީހުން އެ ގޮތަށް ނިންމި ނަމަވެސް ފްލެޓުތައް ދޭނީ އޭސީސީގެ ރިޕޯޓުގައި ފާހަގަކުރި މައްސަލަތަކަށް ބެލުމަށް ފަހު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް