13 ފެެބްރުއަރީ 2024 - ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު. (ދައުރު ފޮޓޯ/މުހައްމަދު އަމާން)
ފްލެޓު ހަވާލުކުރާނީ ލިސްޓު މުތޯލިޔާ ކުރުމަށް ފަހު: ހައިދަރު
ޝަރުތު ހަމަވާ މީހުންނަށް ފްލެޓު ދިނުމަށް، ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ލިސްޓް މުތޯލިއާ ކުރަން ޖެހޭ ކަމަށާއި ފްލެޓުތައް ހަވާލުކުރާނީ އެއަށް ފަހު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ފެށުމަށް މިއަދު ހިޔާ ޓަވަރު 2ގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގައި ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ހޯދައިދެއްވާނެ ކަމަށެވެ.
ތަފްސީލް - ހައިދަރު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ޝަރުތުތައް ކަނޑައެޅީ ކުރީ ސަރުކާރުން ކަމަށާއި ނަމަވެސް ފްލެޓް ލިސްޓް އެކުލަވާލާފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.
"މިހާރު އިމާރަތް ކުރެވެމުންދާ 4،000 ފްލެޓުގައި ދިރިއުޅޭނެ ރައްޔިތުން ހޮވުމުގައި ވެސް ކުރީ ސަރުކާރުން ނިންމަވާފައިވާ ލިސްޓުތައް އަޅުގަނޑުމެން އެބަޖެހޭ ކޮންމެވެސް ވަރެއްގެ މުތޯލިޔާތަކެއްކޮށް، އެ ލިސްޓުތަކަކީ ކަނޑައެޅިގެން ކުރީ ސަރުކާރުން ކަނޑަޅާފައިވާ ޝަރުތުތަކަށް ފެތޭ ބަޔެއްތޯ ކަނޑައަޅަން،" ހައިދަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޝަރުތު ހަމަނުވެގެން ލިސްޓުން އުނިކުރެވޭ މީހުންނަށް ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކުން ފުރުސަތު ހޯދައިދެއްވާނެ ކަމަށާއި އެ ޔަގީންކަން ދެއްވާ ކަމަށެވެ.
"އެއީ މި ސަރުކާރުގެ މަގުސަދަކީ ފަސް އަހަރު ތެރޭގައި ހުރިހާ އެންމެންނަށް، އެއްވެސް އިސްތިސްނާ އެއް ނެތި ބޯހިޔާވަހިކަން ޔަގީންކޮށްދިނުން." މިނިސްޓަރު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ވިދާޅުވީ ލިސްޓުތައް ރިވިއުކުރުމުގެ މަސައްކަތަށް ސަރުކާރުގެ ނުފޫޒެއް ނުވަންނާނެ ކަމަށާއި ބޯހިޔާވަހިކަމުގެ ކަންތައް ބެލުމަށް ކަނޑައަޅާފައިވަނީ މިނިވަން މުސްތަގިއްލު ކޮމެޓީ އެއް ކަމަށެވެ.
"އަޅުގަނޑުމެން ބަލާނީ ވީހާވެސް ބޮޑަކަށް ކުރީ ސަރުކާރުން އެކުލަވާލާފައިވާ އުސޫލުތަކާ ޝަރުތުތަކަށް ފައްތައިގެން މަސައްކަތް ކުރިއަށް ގެންދާނި،" ހައިދަރު ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ -މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓު މި ސަރުކާރުން އެކުލަވާލާ ކޮމިޓީއަކުން މުރާޖައާ ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.
ފަސްމަންޒަރު - ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން އިއުލާންކުރި 4،000 ފްލެޓް، ކުރީ ސަރުކާރުގެ ފަހުކޮޅުގައި "އުސޫލާ ހިލާފަށް ލިސްޓެއް އިއުލާންކޮށް" ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލަތަކެއް ތަހުގީގުކުރާތީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އޭސީސީ އިން، އެ ފްލެޓްތައް ހަވާލުކުރުން ހުއްޓުވި އެވެ.
އޭސީސީ އިން ބުނެފައިވާ ގޮތުގައި ތަހުގީގުގައި ބެލި ފޯމުތަކުގެ ތެރެއިން:
-
ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތީ %20.7 ފޯމުތަކުގައި
-
ޝަރުތު ހަމަވި ނަމަވެސް، %19.7 ފޯމުގައި މައްސަލަ ހުރި
-
ފޯމުތަކުގެ %59.6 ޝަރުތު ހަމައެއް ނުވޭ
ކޮމެންޓް (2)
ނައިބު
ފިކުރީ