އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ސަރުކާރުން ސިލްސިލާކޮށް ބާއްވާ 'އަހާ ފޯރަމް'ގައި ރައީސް މުހައްމަދު މުއިއްޒު މިރޭ ސުވާލަކަށް ޖަވާބު ދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ފްލެޓް ލިސްޓު ރިވިއުކުރާނީ ރައްޔިތުން ބަސް ގަބޫލުކުރާ ވަރުގެ ކޮމިޓީއަކުން: ރައީސް
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓު މި ސަރުކާރުން އެކުލަވާލާ ކޮމިޓީއަކުން މުރާޖައާ ކުރުމަށް ފަހު އާންމުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ތަފްސީލް - އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ސަރުކާރުން ސިލްސިލާކޮށް ބާއްވާ 'އަހާ ފޯރަމް'ގައި ބައިވެރިވެވަޑައިގެން ރައީސް ވިދާޅުވީ ފްލެޓްތަކާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމުމެއް ނިންމައި، ހައުސިން މިނިސްޓްރީއަށް ފޮނުވި ނަމަވެސް، އެޕްލިކޭޝަންތައް ހުރި ޕޯޓަލްގެ އެކްސެސް މިނިސްޓްރީއަށް އަދިވެސް ނުލިބޭ ކަމަށެވެ.
ލިސްޓުގައި ހުރި މައުލޫމާތުތައް ބެލުމަށް ފަހު އާންމުކުރަން ސަރުކާރުން ބޭނުންވި ނަމަވެސް، ރައީސް ވިދާޅުވީ، ޕޯޓަލްގެ އެކްސެސް ނުލިބޭތީ މައުލޫމާތު ވެސް ބަލައިނުލެވޭ ކަމަށެވެ.
ބުނީ ކީކޭ؟ - "މިހާރު ކަނޑައަޅާފައި އޮތީ މުޖުތަމައު ތެރޭގައި މީހުން ބަލައިގަންނަ، އިތުބާރު ކުރާ ފިގާސް ހިމެނޭ ގޮތަށް ނޫނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރަނގަޅު ބޭފުޅުންކޮޅެއްގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ވެސް އުފައްދަން،" ރައީސް ވިދާޅުވި އެވެ.
"ރައްޔިތުން ވެސް އެބައެއްގެ ބަސް ގަބޫލުކުރާ ކަހަލަ ބޭފުޅުންކޮޅެއްގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ހަދާފައި އޭސީސީ އިން އެ ނިންމި ނިންމުން، އެ ލިސްޓު ކޮމެޓީ ލައްވާ ބަލާނީ، މުރާޖައާ ކުރާނީ. ކުރާއިރުގައި ހަގީގަތުގައި ވެސް ގޯސްކޮށް މީހަކަށް ފްލެޓެއް ދީފައި އޮތްތޯ ނޫންތޯ ވެރިފައިވެގެންދާނެ."
ފަސްމަންޒަރު - ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން އިއުލާންކުރި 4،000 ފްލެޓް، ކުރީ ސަރުކާރުގެ ފަހުކޮޅުގައި "އުސޫލާ ހިލާފަށް ލިސްޓެއް އިއުލާންކޮށް" ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ ހުށަހެޅި މައްސަލަތަކެއް ތަހުގީގުކުރާތީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އޭސީސީ އިން، އެ ފްލެޓްތައް ހަވާލުކުރުން ހުއްޓުވި އެވެ.
އޭސީސީ އިން ބުނެފައިވާ ގޮތުގައި ތަހުގީގުގައި ބެލި ފޯމުތަކުގެ ތެރެއިން:
-
ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތީ %20.7 ފޯމުތަކުގައި
-
ޝަރުތު ހަމަވި ނަމަވެސް، %19.7 ފޯމުގައި މައްސަލަ ހުރި
-
ފޯމުތަކުގެ %59.6 ޝަރުތު ހަމައެއް ނުވޭ
ރައީސް މުއިއްޒު މިރޭ ވިދާޅުވީ އެންމެ ގޯސް ހާލަތުގައި ވެސް އެއްވެސް މީހެއްގެ ގެދޮރުވެރިކަން ނެތިގެންދާނެ ގޮތެއް ނުވާނެ ކަމަށެވެ.
"މިސާލަކަށް، މިފަހަރު ފްލެޓް ނުލިބޭ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން، ވޯސްޓް ކޭސްގައި، މާނައަކީ އަޅުގަނޑުމެންގެ ކޮމިޓީން ބަލައިގެން ވެސް ހަމަ ހަގީގަތުގައި ވެސް ނުލިބޭ މީހެއް ކަމަށް ކަނޑައެޅުނީޔޯ. އެހިސާބަށް ދިޔަޔަސް އެމީހެއްގެ ހައްގު އެއްކޮށް ގެއްލޭ ގޮތް ވިޔަކަ ނުދޭނަން. އަދި އަޅުގަނޑުމެން ބައިވަރު ހައުސިން މަޝްރޫއުތައް ވެސް ހިނގަން އެބަހުރި، މި އަހަރު ތެރޭގައި ވެސް ފަށަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ނިންމާފައިވަނީ ކޮމިޓީއަށް ހުރިހާ ނަންތަކެއް ގެންދިއުމަށް ފަހު ލިސްޓު އާންމުކުރުމަށެވެ.
"އިތުބާރު ކުރެވޭ ކަހަލަ ކޮމިޓީއެއް ހަދައިގެން، އެ ކޮމިޓީއަށް އެ ހުރިހާ ނަންތަކެއް ގެންގޮސް، އަޅުގަނޑުމެން އަމިއްލައަށް ވެރިފައި ކޮށްފައި، ޝަރުތުތަކާ ދިމާވޭތޯ، ޕޮއިންޓުތައް ހަމަވޭތޯ ނޫންތޯ ޗެކްކޮށްފައި އަޅުގަނޑުމެން އިއުލާން ވެސް ކުރާނަން، ލިސްޓު ވެސް ނެރޭނަން،" ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - ރައީސްއާ ސުވާލުކުރި މީހާގެ ސުވާލަކީ ކުރީގެ ސަރުކާރުން ނެރުނު ދާއިމީ ލިސްޓުގައި ހިމެނި، ފްލެޓު ލިބޭ ތަން ވެސް އެނގި، ނަމަވެސް ފަހުން ލީކުވި ކަމަށް ބުނާ ލިސްޓުގައި ފްލެޓު ނުލިބޭ ކަމަށް ކަނޑައަޅާފައި އޮތުމުން ދެން ވާނެ ގޮތަކާ ބެހޭގޮތުންނެވެ.
ސޯޝަލް މީޑިއާގައި ލީކުވި ލިސްޓަކީ ހަގީގަތާ ހިލާފު ލިސްޓެއް ކަމަށް އޭސީސީ އިން ވަނީ ބުނެފަ އެވެ. ރައީސް އެކަމާ މެދު ވަކި އެއްޗެއް ވިދާޅެއްނުވެ އެވެ.
"އެންމެ ނުރަނގަޅު ހާލަތުގައި، މިސާލަކަށް ތިޔަ ބޭފުޅާ އޮތީ އެންމެ ފުރަތަމަ ލިބިފައި މިހާރު ނުލިބޭ ކަމަށޭ. ދެން އަނެއްކާވެސް ނުލިބެނީއޭ މިސާލަކަށް. އެހިސާބަށް ދިޔަޔަސް ވެސް އަޅުގަނޑުމެން ތިޔަ ބޭފުޅާގެ ހައްގު ހޯދައިދޭނަމޭ ވީހާވެސް އަވަހަކަށް ހިންގާ މަޝްރޫއެއްގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.
ކޮމެންޓް (4)
ސިކުނޑި
ވާހިދު
ައްޤާނީ
ކޮމެޓީ ހަސަން