ޕެޓިޝަންސް ކޮމިޓީގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު. (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)

ފްލެޓް ލިބޭ މީހުންގެ ލިސްޓު އޮކްޓޫބަރުގައި އާންމުކުރާނަން: ހައިދަރު

ހައިދަރު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުން ފްލެޓު ދޫކުރާ 32 ޓަވަރުގެ ތެރެއިން ފުރަތަމަ ހަ ޓަވަރު އޮކްޓޫބަރުގެ ފަހުކޮޅަށް ނިމޭނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް؛ މި ސަރުކާރުން ރިވިއުކުރާ ލިސްޓު އާންމުކުރާނީ ވެސް އެހާ ތަނަށް

ނިމިދިޔަ އެމްޑީޕީ ސަރުކާރުން މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ހިންގި 'ގެދޮރުވެރިޔާ' ސްކީމުގެ ފައިނަލް ލިސްޓު މި ސަރުކާރުން އަލުން ރިވިއުކުރުމަށް ފަހު އެންމެ ލަސްވެގެން އޮކްޓޫބަރަށް އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކުރީގެ ސަރުކާރުން މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ހިންގި 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ދައުރުގެ ފަހުކޮޅުގައި ވަނީ ގެޒެޓުކޮށްފަ އެވެ.

ދައުރު ހަމަވީ ފްލެޓު ލިބުނު ބައެއް މީހުންނާ އެކު ފްލެޓު ކަނޑައަޅާ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.

ނަމަވެސް ދާއިމީ ލިސްޓަށް ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމާ އެކު އޭސީސީއިން ތަހުގީގެއް ފަށައި އެ ތަހުގީގުގައި ބެލި ފޯމުތަކުގެ %59.6 ފޯމަކީ ޝަރުތު ހަމަނުވާ ފޯމުތަކެއް ކަމަށް ވަނީ ބުނެފަ އެވެ.

ބުނީ ކީކޭ؟ - ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަންސް ކޮމެޓީގައި ހައިދަރު ވިދާޅުވީ 'ގެދޮރުވެރިޔާ'ގެ ފުރަތަމަ ޓަވަރުތައް ނިމެންވާއިރަށް މިހާރު އާންމުކޮށްފައިވާ ލިސްޓު އަލުން ރިވިއުކުރުމަށް ފަހު ފައިނަލް ލިސްޓެއް އާންމުކުރާނެ ކަމަށެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި 32 ޓަވަރުގެ ތެރެއިން ފުރަތަމަ ހަ ޓަވަރު ނިމޭނީ އޮކްޓޫބަރު ނިމޭހާ ތަނުގައި. އިރާދަކުރެއްވިއްޔާ އެހާ ތަނަށް އަޅުގަނޑުމެން ފައިނަލް ލިސްޓު އާންމުކުރާނަން،" ހައިދަރު ވިދާޅުވި އެވެ.

ޕެޓިޝަންސް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން. (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)

ތަފްސީލު - މި ސަރުކާރުން ނިންމާފައިވަނީ ކުރީގެ ސަރުކާރުން ގެޒެޓުކުރި ދާއިމީ ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، އަލުން ރިވިއުކުރުމަށެވެ.

މިއަދުގެ ކޮމެޓީގައި ވެސް ހައިދަރު ވިދާޅުވީ ކުރިން އާންމުކުރި ލިސްޓު ބާތިލު ނުކުރާނެ ކަމަށާއި، ނަމަވެސް ލިސްޓު ރިވިއުކުރާނެ ކަމަށެވެ. އެކަން ކުރާނީ، އޭނާ ވިދާޅުވި ގޮތުގައި، ލިބެންހުރި ހެކިތަކަށް ބިނާކޮށްގެންނެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަކީ އެންމެ ބޮޑަށް އޮޅުވާލުން އައުމުގެ ފުރުސަތު އޮތް ދާއިރާ. އެކަންތައް އަޅުގަނޑުމެން ބަލާނީ އެހެނިހެން ގޮތްގޮތުން ލިބެންހުރި ރަސްމީ މައުލޫމާތަށް ބިނާކޮށް،" ހައިދަރު ވިދާޅުވި އެވެ.

ގުޅުންހުރި ކަމެއް - ފްލެޓުތަކާ ގުޅިގެން އާންމު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ހުށަހެޅި މައްސަލަ ދިރާސާކޮށް ރިޕޯޓެއް ވަނީ އެކުލަވާލައިފަ އެވެ.

އެ ރިޕޯޓުގައި ކޮމެޓީން ފާހަގަކުރި މައިގަނޑު ތިން ކަމަކީ:

  • ގެދޮރުވެރިޔާ ސްކީމުން ދޫކުރަން ކަނޑައެޅި ފްލެޓުތައް ހަވާލުކުރުން ލަސްވެފައިވާކަން

  • ފްލެޓު ހަވާލުކުރުން ލަސްވުމުގެ ސަބަބުން އެކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އޮތްކަން

  • އެ ސްކީމުން ދޫކުރަން ކަނޑައަޅާފައިވާ ފްލެޓުތައް ލިބުނު މީހުންނާ ފްލެޓު ހަވާލުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތްކަން

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ލިސްޓަށް އުނިއިތުރެއް ނުގެނެސް، އެ މީހުންނަށް ފްލެޓު ދިނުން އަވަސް ކުރުމަށް 27 މާޗުގައި ކޮމެޓީން ނިންމި ނިންމުން ވަނީ މަޖިލީހުގެ ތަޅުމުން ފާސްކޮށްފަ އެވެ.

މަޖިލީހުން އެ ގޮތަށް ނިންމި ނަމަވެސް ފްލެޓުތައް ދޭނީ އޭސީސީގެ ރިޕޯޓުގައި ފާހަގަކުރި މައްސަލަތަކަށް ބެލުމަށް ފަހު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް