15 ޖޫން 2023 - ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ‘އަމާން’ ހައުސިން މަޝްރޫއުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު ނޫސްވެރިންނަށް ދައްކާލުން. (ދައުރު ފޮޓޯ/ހުސައިން ސުނައިން) އެފްޑީސީ، ބޯހިޔާވަހިކަން
މަޖިލީހުގެ ލަފާ ސަރުކާރަށް: ލިސްޓަށް އުނިއިތުރު ނުގެނެސް ފްލެޓުތައް ދީ
ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ކުރީގެ ސަރުކާރުން ގެޒެޓުކުރި ދާއިމީ ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، ފްލެޓުތައް ހަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ލަފާދީފި އެވެ.
ވީ ކިހިނެއް؟ - ކުރީގެ ސަރުކާރުން މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ހިންގި 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ދައުރުގެ ފަހުކޮޅުގައި ވަނީ ގެޒެޓުކޮށްފަ އެވެ.
ދައުރު ހަމަވީ ފްލެޓު ލިބުނު ބައެއް މީހުންނާ އެކު ފްލެޓު ކަނޑައަޅާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނިކޮށެވެ.
އެހެން ނަމަވެސް ދާއިމީ ލިސްޓަށް ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމާ އެކު އޭސީސީއިން ތަހުގީގެއް ފަށައި، އެ ތަހުގީގުގައި ބެލި ފޯމުތަކުގެ %59.6 ފޯމަކީ ޝަރުތު ހަމަނުވާ ފޯމުތަކެއް ކަމަށް ވަނީ ބުނެފަ އެވެ.
އެއާ އެކު މި ސަރުކާރުން ނިންމާފައިވަނީ ލިސްަޓު މުތޯލިޔާ ކުރުމަށް ފަހު ފްލެޓު ހަވާލުކުރުމަށެވެ.
ތަފްސީލު - ފްލެޓުތަކާ ގުޅިގެން އާންމުން ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ހުށަހެޅި މައްސަލަ ދިރާސާކޮށް ރިޕޯޓެއް ވަނީ އެކުލަވާލާފަ އެވެ.
އެ ރިޕޯޓުގައި ކޮމެޓީން ފާހަގަކުރި މައިގަނޑު 3 ކަމަކީ:
-
1-
ގެދޮރުވެރިޔާ ސްކީމުން ދޫކުރަން ކަނޑައެޅި ފްލެޓުތައް ހަވާލުކުރުން ލަސްވެފައިވާކަން
-
2-
ފްލެޓު ހަވާލުކުރުން ލަސްވުމުގެ ސަބަބުން އެކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އޮތްކަން
-
3-
އެ ސްކީމުން ދޫކުރަން ކަނޑައަޅާފައިވާ ފްލެޓުތައް ލިބުނު މީހުންނާ ފްލެޓު ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތްކަން
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ފްލެޓު ލިބޭނެ ކަމަށް ގެޒެޓުކުރި ލިސްޓަށް އުނިއިތުރެއް ނުގެނެސް، އެ މީހުންނަށް ފްލެޓު ދިނުން އަވަސް ކުރުމަށް 27 މާޗުގައި ކޮމެޓީގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ.
ކޮމެޓީގެ ރިޕޯޓާ މެދު ގޮތެއް ނިންމުމަށް މިއަދުގެ މަޖިލިސް ޖަލްސާގައި ހުށަހެޅުމުން، އެ ރިޕޯޓު ފާސްވީ 29 ވޯޓާއެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.