ގޯއްޗާއި ފްލެޓުތަކުގެ ރަޖިސްޓްރީ ނުލިބިގެން އޭސީސީ ދޮށުގައި ކުރިން ކުރި މުޒާހަރާއެއް (ދައުރު ފައިލް ފޮޓޯ/އިބްރާހިމް އިފާޒު)
މަޖިލީހުން ނިންމިޔަސް ފްލެޓުތައް ދޭއިރު އޭސީސީގެ ރިޕޯޓަށް ބަލާނެ: ހީނާ
ކުރީގެ ސަރުކާރުން ގެޒެޓުކުރި ދާއިމީ ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، ފްލެޓުތައް ހަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ލަފާދިން ނަމަވެސް، ފްލެޓު ލިސްޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރެފައިވާ ރިޕޯޓަށް ބަލާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ފަސްމަންޒަރު - ކުރީ ސަރުކާރުން މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ހިންގި 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ދައުރުގެ ފަހުކޮޅުގައި ވަނީ ގެޒެޓުކޮށްފަ އެވެ.
ދައުރު ހަމަވީ ފްލެޓު ލިބުނު ބައެއް މީހުންނާ އެކު ފްލެޓު ކަނޑައަޅާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނިކޮށެވެ.
ނަމަވެސް ދާއިމީ ލިސްޓަށް ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމާ އެކު އޭސީސީއިން ތަހުގީގެއް ފަށައި، އެ ތަހުގީގުގައި ބެލި ފޯމުތަކުގެ %59.6 ފޯމަކީ ޝަރުތު ހަމަނުވާ ފޯމުތަކެއް ކަމަށް ވަނީ ބުނެފަ އެވެ.
އެއާ އެކު މި ސަރުކާރުން ނިންމާފައިވަނީ ލިސްޓު މުތޯލިޔާ ކުރުމަށް ފަހު ފްލެޓު ހަވާލުކުރުމަށެވެ.
ތަފްސީލް - ފްލެޓުތަކާ ގުޅިގެން އާންމު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ހުށަހެޅި މައްސަލަ ދިރާސާކޮށް ރިޕޯޓެއް ވަނީ އެކުލަވާލައިފަ އެވެ.
އެ ރިޕޯޓުގައި ކޮމެޓީން ފާހަގަކުރި މައިގަނޑު 3 ކަމަކީ:
-
ގެދޮރުވެރިޔާ ސްކީމުން ދޫކުރަން ކަނޑައެޅި ފްލެޓުތައް ހަވާލުކުރުން ލަސްވެފައިވާކަން
-
ފްލެޓު ހަވާލުކުރުން ލަސްވުމުގެ ސަބަބުން އެކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އޮތްކަން
-
އެ ސްކީމުން ދޫކުރަން ކަނޑައަޅާފައިވާ ފްލެޓުތައް ލިބުނު މީހުންނާ ފްލެޓު ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތްކަން
ރައީސްގެ ވައުދުފުޅާ އެއްގޮތަށް ލިސްޓަށް އުނިއިތުރެއް ނުގެނެސް، އެ މީހުންނަށް ފްލެޓު ދިނުން އަވަސް ކުރުމަށް 27 މާޗުގައި ކޮމެޓީ އިން ނިންމި ނިންމުން މިއަދު ވަނީ މަޖިލީހުގެ ތަޅުމުން ފާސްކޮށްފަ އެވެ.
ބުނީ ކީކޭ؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުވުމުގައި މަޖިލީހުގެ އެ ނިންމުމަށް އަމަލު ކުރާނެތޯ އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދާ ނޫސްވެރިޔަކު ސުވާލު ކުރުމުން އޭނާ ވިދާޅުވީ ފްލެޓު ލިސްޓާ ގުޅޭ ގޮތުން އާންމުކުރި އޭސީސީގެ ރިޕޯޓްގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ އޭސީސީގެ ރިޕޯޓެއް އެބަ އޮތް ފްލެޓުތައް ދޫކޮށްފައި ހުރި ގޮތާ ގުޅޭ ގޮތުން. އޭގައި އެބަހުރި ވަރަށް ކަންބޮޑުވާ ކަންތައްތަކެއް. އެހެންވީމާ އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލިގެން ދިޔުމަކީ މި ސަރުކާރުން ބޭނުންވާ ގޮތެއް ނޫން," ހީނާ ވިދާޅުވި އެވެ.
"ކަންބޮޑުވުންތަކެއް އޭސީސީގެ ރިޕޯޓުގައި ހާމަކޮށްފައިވަނިކޮށް އެ ރިޕޯޓު ބޮލާލައި ޖަހާ، އެހެން ގޮތަކަށް އަޅުގަނޑުމެން ނިންމުމަކީ ފްލެޓު ނުލިބި ތިބި ފަރާތްތަކުގެ ވެސް އަދި ފްލެޓު ލިބިފައި ތިބި ފަރާތްތަކުގެ ވެސް ހައްގުތައް ގެއްލިގެންދާނެ ކަމެއް."
ހީނާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރާނީ އެންމެ އިންސާފުވެރިކޮށް ކަންތައް ހައްލުކުރަން ކަމަށެވެ.
ކޮމެންޓް (1)
އަންތަރީސް