އުނގޫފާރުގެ މަގުމަތީ އޮތް ފެންގަނޑެއް ތެރޭ ދެ ކުޑަކުދިން ކުޅެން އުޅުނު ސަރަހައްދު ފުލުހުން ބަންދުކޮށްފައި: އެ ފެންގަނޑަށް ކަރަންޓް އައިސް، އެ ކުޑަކުދިން ސަމާލަތް ކުރަން ދިޔަ ޒުވާނާއަށް ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައި

ކަރަންޓް ޖެހިގެން ޒުވާނަކު މަރުވި މައްސަލައިގައި ފެނަކަ 50،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނި ގޮތުގައި ފެނަކައިން ހިދުމަތް ދޭ ވަރަށް ގިނަ ރަށްރަށުގެ މަގުބައްތިތަކުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަކަށް ނޫން؛ އެކަންކަން އިސްލާހު ކުރަން 30 ދުވަސް ވަނީ ދީފައި

ރ. އުނގޫފާރުގައި އުމުރުން 18 އަހަރުގެ ހުސައިން އަތީކު ކަރަންޓް ޖެހުމުގައި ފެނަކައިގެ އިހުމާލު އޮތް ކަމަށް ކަނޑައަޅައި، އެ ކުންފުނި 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހު 24ގައި ހިނގި އެ ހާދިސާގައި އަތީކު ކަރަންޓުގައި ޖެހުނީ އުނގޫފާރުގެ މަގުބައްތިއެއް ހުރި ދިމާލުގައި ފެންގަނޑަކަށް ކުޅެން އެރި އުޅުނު ކުޑަ ދެ ކުއްޖެއްގެ ގައިގައި ކަރަންޓު ޖެހުމުން، އެ ކުދިން ސަލާމަތް ކުރަން އެ ފެންގަނޑަށް އެރުމުގެ ތެރޭގަ އެވެ. އެ ހާދިސާއާ ގުޅިގެން މާލެ ގެނެސް އޭނާއަށް އިތުރު ފަރުވާ ދެމުންދަނިކޮށް މަރުވެފައި ވަނީ މިދިޔަ މަހު 8ގަ އެވެ.

އެ ހާދިސާ ހިނގި ގޮތް ތަހުގީގުކޮށް، ނިންމި ނިންމުންތައް މިއަދު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފަ އެވެ.

ތަފްސީލު - އެ ބަޔާނުގައި ބުނީީ، ފެނަކަ އާއި އުނގޫފާރު ކައުންސިލުން މައުލޫމާތު ސާފުކޮށް، ކުރި ތަހުގީގުން އެނގުނު ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ، މަގު ބައްތިތަކުގައި ހުންނަން ޖެހޭ ބައެއް ސަލާމަތީ ވަސީލަތްތައް ނެތް މަގު ބައްތިއަކަށް ކަރަންޓު ދީފައިވުމުންނެވެ. އެގޮތުން އެ ބައްތީގައި އާތު ލީކް ސާކިޓް ބްރޭކް (އީއެލްސީބީ) އާއި މިނިއޭޗާ ސާކިޓް ބްރޭކަރު (އެމްސީބީ) ހަރުކޮށްފައި ނުވާކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ތަހުގީގުން އިތުރަށް ހާމަވެގެން ދިޔަ ގޮތުގައި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓުގެ ހިދުމަތް ދެމުންގެންދާ ވަރަށް ގިނަ ރަށްތަކުގެ މަގުބައްތިތަކުގައި އާތު ލީކް ސާކިޓް ބްރޭކް (އީއެލްސީބީ) ހަރުކުރެވިފައި ނުވެ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

އަދި މި ހާދިސާ ހިނގަން މެދުވެރި މައިގަނޑު ސަބަބަކީ "އެ ރަށު މަގުބައްތިތަކަށް ކަރަންޓު ދިނުމުގައި ހުންނަން ޖެހޭ ސަލާމަތީ ކަންކަމާމެދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިހުމާލުވުން" ކަމަށް ތަހުގީގުން ސާބިތުވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނުގެ ދަށުން 50،000 ރުފިޔާ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ދެއްކުމަށް މިހާރު އަންގާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، ދެން ހުރި ރަށްރަށުގެ މަގުބައްތިތައް ވެސް ސަލަމާތީ ވަސީލަތްތައް ގާއިމްކޮށްފައިނުވާ ނަމަ، ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ހަރުކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށް ވަނީ ފެނަކައަށް އަންގާފަ އެވެ. އަދި އެ މަސައްކަތް ނިމެންދެން މަގުބައްތިތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ވެސް އަންގާފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް