އުނގޫފާރުގައި ދެ ކުދިންނާއި ޒުވާނަކު ކަރަންޓުގައި ޖެހުނު ސަރަހައްދު. (ދައުރު ފޮޓޯ)

އުނގޫފާރު

ނުރައްކާތެރި މަގުބައްތި ޖެހީ އެނގި ތިބެ؛ ޒިންމާ ނަގަނީ ކާކު؟

އުނގޫފާރަށް ވާރޭވެހި ފެންބޮޑުވެފައި އޮތް މަގެއްގައި ހުރި ދުވަސްވީ އަދި ރައްކާތެރިކަމެއް ނެތް މަގުބައްތިއަކުން ކަރަންޓު ލީކުވެ ދެ ކުއްޖަކާއި ޒުވާނަކު ވަނީ ކަރަންޓުގައި ޖެހިފައި. ޒުވާނާގެ ހާލު ސީރިއަސްވެ، އޮތީ ވެންޓިލޭޓަރުގައި

މީގެ ދެ ހަފުތާ ކުރިން، 23 މެއިގައި ރ. އުނގޫފާރުގައި ހިނގީ ނުރައްކާތެރި ހާދިސާއެކެވެ. އެ ރަށު ޕާކާ އިންވެގެން އޮންނަ ގޯޅިގަނޑެއްގައި ވިއްސާރައިގެ ސަބަބުން ހެދިފައި އޮތް ފެންގަނޑަކަށް އެރި އުޅުނު ދެ ކުއްޖަކާއި 18 އަހަރުގެ ހުސައިން އަތީކު ނަމަކަށް ކިޔާ ޒުވާނަކު ކަރަންޓުގައި ޖެހުނީ އެވެ. އެ ކުދިން ސަލާމަތް ކުރަން ގާތްވި އަތީކަށް ހިފުނީ އެ ތަނުގައި ހުރި، މަގުބައްތި ހަރުކޮށްފައިވާ ހޮޅިދަނޑީގަ އެވެ. ކަރަންޓުގައި ޖެހި، މިހާރު އެ ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ.

ހާދިސާ ހިނގި ގޮތް

ހާދިސާގެ ތަފްސީލު އެނގޭ މީހަކު 'ދައުރު'އާ ވާހަކަ ދައްކަމުން ބުނީ 8 އަހަރުގެ ފިރިހެން ކުއްޖަކު އެ ފެންގަނޑަށް އެރުނީ ބައިސިކަލުގައި ދުއްވާފައި ކަމަށެވެ. ކަރަންޓު ޖެހި، ލިބުނު ޝޮކުގައި އެ ކުއްޖާ ފެންގަނޑު ތެރެއަށް ވެއްޓުނީ އެވެ.

އެ މަންޒަރު ފެނިގެން އެ ކުއްޖާ ސަލާމަތް ކޮށްދޭން އެންމެ ފުރަތަމަ ގާތްވީ 12 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ރަށުން ވާހަކަދެއްކި މީހުން ބުނާ ގޮތުގައި އަންހެން ކުއްޖާ ގާތްވާން އުޅުމުގެ ތެރޭގައި ފެންގަނޑުގައިި ޖެހުނު ވަގުތު ކަރަންޓު އައުމުން އަވަހަށް ފަހަތަށް ޖެހުނީ އެވެ.

ދެ ކުޑަކުދިން އެރުނު ފެންގަނޑު

"އެ ކުއްޖާ [ފިރިހެން ކުއްޖާ] ރޯ އަޑަށް އަތީކު ނުކުތީ. އޭނާ އޭރު ހުރީ އެތާ ކައިރީގައި ހުންނަ އޭނާގެ އާއިލާ މީހެއްގެ ގެއެއްގައި،" އެކަކު ބުންޏެވެ.

"ފެންގަނޑު ތެރެއިން އެ ކުއްޖާ ނަގަންވެގެން އަތީކު ގާތްވީ ބައްތި ދަނޑި ހުރި ދިމާލުން. އެ ތަންކޮޅުގައި ފެން ނެތީމަ. ދަނޑީގައި އަތްލާފައި ނަގަން އުޅެނިކޮށް ކަރަންޓު ޖެހިގެން އަތީކު ވެސް ވެއްޓުނީ."

އަތީކު އާއި ކުޑަކުއްޖާ ފެންގަނޑު ނެގީ އެތަނުގައި ތިބި އެހެން ބަޔަކު، ވިއްސާރަ ކޯޓެއް ބޭނުންކޮށްގެންނެވެ. އަދި އޭރު ވެސް އަތީކަށް ވަރަށް ބޮޑުވަރުވެފައި އޮތުމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ކާރެއްގައި ގެންގޮސް އައިސީޔޫގައި ފަރުވާ ދޭން ފެށި އެވެ.

"ގަޑިއެއް ހާއިރު ވަންދެން ސީޕީއާރު ދިން. އޭރު ވެސް ވިންދު ދާތީވެ،" މައުލޫމާތު ހުރި މީހާ ބުންޏެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް. މި ތަނުން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އަތީކު ވަނީ މާލެ ގެނެސްފައި (ފޮޓޯ/މުހައްމަދު ވަހީދު)

އާއިލާ މީހަކު މީގެ ކުރިން 'ދައުރު'އަށް ބުނެފައިވާ ގޮތުގައި:

  • އަތީކް އޮތީ ވަރަށް ބޮޑަށް ދުޅަވެ ސިފަ ގެއްލިފައި. އެއީ ކާކު ކަމެއް ވެސް ފުރަތަމަ ނޭނގުނު.

  • ފުއްޕާމެ އާއި އެތެރެހަށީގެ ގިނަ ގުނަވަންތަކަކަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު

ޖެހިގެން އައި ދުވަހު އިތުރު ފަރުވާއަށް އަތީކު ވަނީ މާލެ ގެނެސްފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ހާލު އަދިވެސް ރަނގަޅެއްނުވެ އެވެ.

'މުސްކުޅި' ނެޓްވޯކުގެ މަގުބައްތިއެއް

އުނގޫފާރު މީހުން ބުނާ ގޮތުގައި އެ މަގުބައްތި ހަރުކުރީ އެ ގޯޅި އަނދިރިކަމުން ވަރަށް ފަހުންނެވެ. މަގުބައްތި އެ ތަނުގައި ބެހެއްޓީ އުނގޫފާރު ކައުންސިލުންނެވެ. ކަރަންޓު ދިނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބަކީ އެ މަގުބައްތި ނުވަތަ ހޮޅިދަނޑީގައި އީއެލްސީބީ (އާތު ލީކޭޖް ސާކިޓް ބްރޭކާ)އެއް ނެތުމެވެ.

"މިކޮޅުގެ ފެނަކަ އިސް ބޭފުޅުން އަޅުގަނޑުމެން ގާތުގައި ބުނި، އީއެލްސީބީ ލާފައޭ ހުންނަން ޖެހޭނީ. ދަނޑީގައި ނުވަތަ ފޮށީގައި. ފެނަކައިން ލާން ޖެހޭ އެއްޗެއް އެއީ،" އުނގޫފާރުން ވާހަކަދެއްކި މީހަކު ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން އުނގޫފާރު ފެނަކަ ބްރާންޗުން، ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި، މުވައްޒަފަކު ބުނީ މޫސުން ތަން ނުދޭތީ އެ ހާދިސާ ހިނގި ގޮތް އަދި މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށެވެ. އޭނާ ވެސް ބުނީ އެއީ އެންމެ ކުރީގެ ނެޓްވޯކުގައި ބޭނުންކުރި މަގުބައްތިއެއް ކަމަށާއި އެ ހާދިސާ ހިނގި ދުވަހުން ފެށިގެން އެފަދަ ހުރިހާ މަގުބައްތިތައް ނިއްވާލާފައިވާ ކަމަށެވެ.

ނަމަވެސް ފެންގަނޑަށް ކަރަންޓު އައި ކަމަށް ބުނާ ވާހަކަ އޭނާ ވަނީ ދޮގުކޮށްފަ އެވެ.

"އެއްވެސް މީހަކަށް ނޭނގޭ އަސްލު ކަން ހިނގާދިޔަ ގޮތެއް. ހަމަ ވެދާނެ ގޮތެއް، ބައިސްކަލުގައި ދަނިކޮށް ހޮޅިދަނޑީގައި ޖެހުނީ ކަމަށް ވެސް،" އޭނާ ބުންޏެވެ.

"އެހެން ނަމަވެސް ފެންގަނޑުގައި ކަރަންޓެއް ނުހުންނާނެ."

ފެނަކައިގެ މުވައްޒަފު އެހެން ބުނި ނަމަވެސް، އުނގޫފާރުން ވާހަކަދެއްކި އެހެން އެންމެން ވެސް އެކަމާ ދެކޮޅުހަދަ އެވެ. އެ މީހުން ބުނާ ގޮތުގައި ކަރަންޓު ހުރީ ހޮޅިދަނޑީގައި އެކަންޏެއް ނޫނެވެ.

"ފިރިހެން ކުއްޖާ ސަލާމަތް ކުރަން ފުރަތަމަ އުޅުނު އަންހެން ކުއްޖާ ވެސް ދުރަށް ޖެހުނީ ފެންގަނޑުން ކަރަންޓު އައިމަ،" ހާދިސާގެ ތަފްސީލު އެނގޭ އެހެން މީހަކު ބުންޏެވެ.

"ކަރަންޓުގެ ކަންކަން އެނގޭ މީހުން އެބަ ބުނޭ، އަތީކަށް އެހާ ބޮޑު ވަރުވީ ހޮޅިދަނޑީގައި ހިފާފައި، ފެންގަނޑާ ވެސް ކޮންޓެކްޓް ވީމައޭ."

ޒިންމާ ނަގާނީ ކާކު؟

މިކަމުގައި އުނގޫފާރު ކައުންސިލްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. މަގުބައްތި ހަރުކުރަނީ ކައުންސިލުން ކަމަށްވާއިރު، މިފަދަ މަގުބައްތިތައް ސަލާމަތީ މިންގަނޑުތަކަށް ފެތޭތޯ ބެލުމާއި އެކަން ކަށަވަރު ކުރުމުގެ ތަޖުރިބާ ހުންނާނީ ފެނަކައިގަ އެވެ.

އުނގޫފާރުގައި މި ހާދިސާ ހިނގި ދުވަހު ފެނަކައިން ބަޔާނެއް ނެރުނެވެ. އިއުލާންކުރީ ކައުންސިލްތަކާ ގުޅިގެން ރަށްރަށުގައި އިޖުތިމާއީ ބޭނުމަށް ދިއްލާ ބައްތިތައް ސްޓެންޑަޑައިޒް ކުރުމަށް ފެނަކައިން ނިންމި ކަމެވެ.

އެ ބަޔާނުގައި ފެނަކައިން ވެސް ބުނީ، ކައުންސިލްތަކުގެ ބެލެނިވެރިކަމުގެ ދަށުން ބަލަހައްޓާ، އެ ކޯޕަރޭޝަނުން ކަރަންޓު ފޯރުކޮށްދޭ ގޮތަށް ގިނަ ރަށްރަށުގައި ހުންނަ ބައްތިތަކުގައި އީއެލްސީބީ ހަރުކޮށްފައި ނުހުންނަކަން ފާހަގަވެފައިވާ ކަމަށެވެ.

އުނގޫފާރު މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/އުނގޫފާރު.ކޮމް)

"މިގޮތަށް ހުންނަ މަގުބައްތިތަކަކީ އެންމެ ރައްކާތެރި ބައްތިތަކަކަށް ނުވާތީ، މި ކަންތައް ހައްލުކުރުމަށްޓަކައި ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭ މި ކޯޕަރޭޝަނުން ހިދުމަތް ދެމުން އަންނަ ހުރިހާ ރަށެއްގައި އިންސްޕެކްޝަންތަކެއް  ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ،" އެ ބަޔާނުގައިވެ އެވެ.

މިދިޔަ އަންގާރަ ދުވަހު އެ އިންސްޕެކްޝަންތައް ފަށާފައިވާއިރު، ހާއްސަ އިސްކަމެއް ދޭނީ އީއެލްސީބީ ހަރުކޮށްފައި ހުރިތޯ ބެލުމަށެވެ.

މިހާރު ވެސް އުނގޫފާރުގެ މަގުމަތީގައި ބަހައްޓާފައި ހުންނަ ބައެއް ކަރަންޓު ފޮށިތަކުގެ ކޭބަލްތައް ހުންނަނީ ހާމައަށް ފެންނަ ގޮތަށެވެ. އެއީ އީއެލްސީބީ ލާފައި ހުރި ފޮށިތަކެއް ކަން ނުވަތަ ނޫންކަން އާންމު ރައްޔިތުންނަށް ޔަގީނެއް ނުވެ އެވެ. އެހެންވެ މިދިޔަ މަހު ހިނގި ހާދިސާއަށް ފަހު އެއީ ވެސް ކުރިމަތިވެފައި އޮތް ބޮޑު ބިރެކެވެ.

އުނގޫފާރުގެ މަގެއްގައި ހުރި ކަރަންޓު ފޮއްޓެއް (ދައުރު ފޮޓޯ)
އުނގޫފާރު ބައެއް މީހުން މިހާރު މިފަދަ ފޮށިތަކާ މެދު ވެސް ބިރުގަނޭ (ދައުރު ފޮޓޯ)

އިންސްޕެކްޝަންގެ އިތުރަށް ކައުންސިލްތަކާ އެއްބަސްވެވޭ ގޮތެއްގެ މަތިން، ފެނަކައިގެ ފަރާތުން އިޖުތިމާއީ ބޭނުމަށް ދިއްލާ ބައްތިތައް އެ ކުންފުނިން ބަލަހައްޓާ ގޮތަށް ހުށަހެޅުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އެ މަސައްކަތާ މެދު އެއްވެސް މީހަކު ޝަކުވާއެއް ނުކުރާނެ އެވެ. މައްސަލައަކީ މިފަދަ ކޮންމެ ކަމެއްގައި ވެސް ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު، އެއްވެސް ބަޔަކު ނާޅާތީ އެވެ.

އަތީކުގެ ހާލަތު އަދިވެސް ސީރިއަސް އެވެ. ވެންޓިލޭޓަރުގައި މަރާ ހަނގުރާމަ ކުރަމުން ދާއިރު، އުނގޫފާރަށް މިހާރު މޫސުން ވެސް ރަނގަޅެވެ. އެ ހޮޅިދަނޑި އަދި އެބަ ހުއްޓެވެ. އަޅާނުލައި ތިއްބާ މާ ގިނަ ދުވަސްތަކެއް ނުވަނީސް މި ހާދިސާ ވެސް ކަމާ ބެހޭ ފަރާތްތަކުގެ ހަނދާނުން ހިނގައިދާނެ އެވެ. އެއީ އާންމުކޮށް ރާއްޖޭގައި ކަން ވާ ގޮތެވެ.

ކޮމެންޓް (6)

ޑަންސަރު ނައިފަރު.

6 ޖޫން 2024
އާތް ލީކޭޖް ރިލޭއަކީ އެންމެތާކު ހުންނަންޖެހޭ އެއްޗެއްނޫން.އިންޖީނުތަށް ގުޅާފައި ހުންނަ މެއިން ޕެނަލްބޯޑުން ކަރަންޓް ބޭރަށްނިކުންނާންޖެހޭނީ އީއެލްއާރ މެދުވެރިކޮށް.ސަބްސްޓޭޝަނެއް ވިޔަސް ޑިސްޓްބިއުޝަނެއް ވިޔަސް ނޫނީ ހައިވޯލްޓޭޖް ފޯމަރެއްވިޔަސް އިލެކްޓްރިސިޓީ އޭގެންނިކުންނަން ޖެހޭނީ ރޭންޖްސެޓުކުރެވިފައި އޮންނަ އީއެލްއާރެއް މެދުވެރިކޮށް
0 0

ކޮސްބެ

4 ޖޫން 2024
އުނގޫފާރު ނޫންގޮތެއް
1 1

ސާބަސް

3 ޖޫން 2024
ފެނަކައަށް ހަމަ ސާބަސް. ކަލޭމެންނަށް ނިމުނީ އެއްނުން ބޮޑު މުސާރަ ކައިފަ، ޕުރޮޖެކްޓް ތަކުން މިލިއަނުން ރިޝްވަތު ނެގެނިކޮށް. ލަދުހަޔާތް ކޮބައިތަ ކަލޭމެންގެ؟ އީއެލްސީބީގެ މުހިއްމުކަން ނޭގޭ ރުޑިން ލައްވާ މަސައްކަތް ކުރީމަވާނީ މިހެން
12 1

މީކާކު

3 ޖޫން 2024
@ސާބަސް ފެނަކަ އިން ކުރަންޖެހޭ ކަމެއް ނޫން އީއެލްސީބީ ހަރުކުރުމަކީ އެއީ ކައުންސިލްގެ ޒިއްމާއެއް! އެކަމު ބައްތިއަށް ކަރަންޓް ދިނުމުގެ ކުރިން ބަލަންޖެހޭކަންކަން ބަލާ ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށް ހުއްޓާ ކަރަންޓް ދިނުން އެއީ ފެނަކަ މައްސަލަ!
13 1

ސަނައްޓޭ

3 ޖޫން 2024
ގައިމު މަގުގަ ތާރު ނޭޅިގެން، އެއަރޕޯޓެއް ނެތިގެން ހަޅޭ ލަވާއިރު ހީވަނީ ހުރިހާ ކަމެއް ފުރިހަމަވެފަ ހުރި ރަށެއްހެން.
11 4

އައިންތު

3 ޖޫން 2024
@ސަނައްޓޭ ހުރިހާ ކަމެއް ފުރިހަމވެފައި ހުރި އެއްވެސް ރަށެެށް ނެތް.ފުރިހަމަ ވެފައި ހުރިނަމަ އަބަދު ޝަކުވާކުރަން ނުޖެހުނީސް
12 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް