ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ކުރިއަށް ދަނީ (ފޮޓޯ/ މަޖިލިސް)

މިނިސްޓްރީތަކުގެ ޒިންމާތަކަށް އައި ބަދަލުތައް 8 މަސް ފަހުން ފާސްކޮށްފި

19 ވަނަ މަޖިލިސް ނިމިގެން ދިޔަ އިރު، މި މައްސަލައިގައި އޮތީ ގޮތެއް ނުނިމި؛ މައްސަލަ މަޖިލީހަށް ފޮނުވީ ޑިސެމްބަރުގައި

މި ސަރުކާރު ވެރިކަމާ ހަވާލުވެ އަލަށް އުފެއްދި މިނިސްޓްރީތަކާއި ކުރިން ވެސް ހުރި މިނިސްޓްރީތަކުގެ މަސްއޫލިއްޔަތުތަކަށް އައި ބަދަލުތަކަށް އަމަލު ކުރަން ފެށިތާ އަށް މަސް ފަހުން ރައްޔިތުންގެ މަޖިލީހުން މިއަދު އެ ބަދަލުތައް ފާސްކޮށްފި އެވެ.

އެންގުން މުހިންމު - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އޭރު އޮތް 18 މިނިސްޓްރީގެ ތެރެއިން ބައެއް މިނިސްޓްރީތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް ބަދަލު ގެނެސް، މުޅިން އަލަށް ހަތަރު މިނިސްޓްރީއަކާ އެކު 22 ވަޒީރުންގެ ކެބިނެޓެއް އެކުލާވާލި އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން މިނިސްޓްރީތަކުގެ މަސްއޫލިއްޔަތުތައް މަޖިލީހުން ފާސްކުރަން ޖެހެ އެވެ.

ވީ ކިހިނެއް؟ - އެ މަސްއޫލިއްޔަތުތައް ފާސްކުރުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް އެ މައްސަލަ ފޮނުއްވީ މިދިޔަ 19 ވަނަ މަޖިލީހުގައި، މިދިޔަ ޑިސެމްބަރު މަހު އެވެ. ނަމަވެސް، އެ މަޖިލީހުގެ ދައުރު މިދިޔަ މެއި މަހު ނިމުނުއިރު ވެސް އެ މަސައްކަތް އޮތީ ނުނިމި އެވެ. 

އޭރު އެމްޑީޕީން ކޮންޓްރޯލް ކުރި މަޖިލީހުގެ ސަރުކާރު މަސައޫލިއްޔަތު އަދާ ކުރާ ކޮމިޓީގައި އެ މައްސަލަ އޮތީ ކުރިއަށް ނުގޮސް ހުއްޓިފަ އެވެ. އެއާ އެކު، އަލަށް އިންތިހާބުވި 20 ވަނަ މަޖިލީހުގައި އަލުން އެ މަސައްކަތް ފަށައި މިއަދު މަޖިލިސް ތަޅުމަށް ވަނީ އެ މައްސަލައިގެ ރިޕޯޓު ހުށަހަޅާފަ އެވެ.

ތަފްސީލު - ކޮމިޓީން ނިންމާފައިވަނީ ރައީސް ފޮނުއްވާފައިވާ ގޮތަށް ބަދަލެއް ނުގެނެސް އެގޮތަށް ފާސް ކުރުމަށެވެ.

ކޮމިޓީ ރިޕޯޓަށް ތަޅުމަށް ނެގި ވޯޓުގައި، އެ މަސްއޫލިއްޔަތުތައް ފާސްވީ ޖަލްސާއަށް ހާޒިރުވި 73 މެންބަރުންގެެ ތެރެއިން 71 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރައީސް މުއިއްޒުގެ ސަރުކާރުގައި މިނިސްޓްރީތަކަށް ގެނައި ބައެއް ބަދަލުތަކަކީ:

  • ހޯމް އެފެއާޒް މިނިސްޓްރީގެ ގޮތުގައި ކުރިން ހިންގަމުން އައި މިނިސްޓްރީގެ މަސްއޫލިއްޔަތު ފުޅާކޮށް، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއަށް ބަދަލުކުރުން

  • ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ ދެ މިނިސްޓްރީއަކަށް ހަދައި ޔޫތު މިނިސްޓްެރީގެ މަސްއޫލިއްޔަތު ފުޅާ ކުރުން

  • ފިޝަރީޒް އެންޑް އެގްރިކަލްޗާ ދެ މިނިސްޓްރީއަކަށް ހެދުން

  • ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއްގެ ގޮތުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ނަމުގައި ވުޒާރާއެއް އުފެއްދުން

  • ބޮޑެތި މަޝްރޫއުތަކަށް ހާއްސަ މިނިސްޓްރީއެއްގެ ގޮތުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ނަމުގައި މިނިސްޓްރީއެއް އުފެއްދުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް