އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)
ވުޒާރާތަކުގެ އާ މެންޑޭޓް މަޖިލީހަށް ފޮނުވައިފި؛ 'މިއީ ކުރިން އަމަލުކުރި ގޮތެއް ނޫން'
މިނިސްޓްރީތަކުގެ މެންޑޭޓަށް މި ސަރުކާރުން ގެނައި ބަދަލުތައް ރައީސް އޮފީހުން މަޖިލީހަށް ފޮނުވާފައި ނުވުން ވެސް ހިމެނޭ ގޮތަށް މައިގަނޑު ދެ ސަބަބާ ހުރެ ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތާވަލް ކުރި މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައި ވަނިކޮށް، އެ ބަދަލުތައް ފާސްކުރަން ރައީސް މުހައްމަދު މުއިއްޒު މިއަދު މަޖިލީހަށް ފޮނުއްވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ ޖަލްސާ ފެށުމާ އެކު، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތުޅާދޫ ދާއިރާގެ މެންބަރު ނެންނެވި ނިޒާމީ ނުކުތާ ބަލައިގަނެ، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ފުރަތަމަ އިއުލާން ކުރެއްވި ގޮތުގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ އެޖެންޑާ އިން "އުނި ކުރުމަށް ނިންމި" ކަމަށެވެ. އަދި އެ ރިޕޯޓު ފުރިހަމަ ނުވާތީ، ގަވައިދާ އެއްގޮތަށް އެ ރިޕޯޓު އެކުލަވާލުމަށް އަލުން އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ނިންމެވި ކަމަށް އޭނާ ވިދާޅުވި އެވެ.
-
އިތުރަށް ކިޔާލަން - މެންޑޭޓް ނުފޮނުވާތީ ކެބިނެޓަށް ރުހުން ދިނުން އަނބުރާ ކޮމިޓީއަށް
ތަފްސީލް - އެ ނިންމުން ނިންމާފައި ވަނިކޮށް، ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ވަނީ، މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ގެނައި ބަދަލުތައް ފާސްކުރަން މިއަދު މަޖިލީހަށް ފޮނުވާފައިވާކަން ހާމަކޮށްފަ އެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެ އެވެ.
އެނގުން މުހިންމު - މަޖިލީހުގެ ރިޔާސަތުގެ އެ ނިންމުމަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގައިވާއިދާ ހިލާފު ނިންމުމެއްގެ ގޮތުގައި ބައެއް މެންބަރުން ވަނީ ސިފަކުރައްވާފަ އެވެ.
އެ ނިންމެވުމާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވި ގޮތުގައި:
-
އަސްލަމްގެ ނިންމުމަކީ މިހާތަނަށް މަޖިލީހުން އަމަލުކޮށްފައި ނުވާ ގޮތަށް ނިންމި ނިންމުމެއް ކަމަށް
-
2018ގައި އެކުލަވާލި ސަރުކާރުގައި ވެސް މަޖިލީހަށް ރުހުން ހޯދުމަށް ފޮނުވާފައިވަނީ އެ އަހަރުގެ 4 ޑިސެމްބަރުގައި؛ ވުޒާރާތަކުގެ މެންޑޭޓް ފާސް ކުރުމަށް ފޮނުވާފައިވަނީ އޭގެ ފަހުން، 15 ޑިސެމްބަރުގައި
-
އެހެންކަމުން، އަސްލަމް ނިންމެވީ ގާނޫނުއަސަސީގެ ރޫހާ ހިލާފަށް އަދި މަޖިލީހުގެ ގަވައިދާ އެއްގޮތަކަށް ނޫން
ގުޅުން ހުރި ކަމެއް - ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ވަނީ ހަމަ އެ ގޮތަށް ވިދާޅުވެފަ އެވެ. އެގޮތުން، އޭނާ ވިދާޅުވި ގޮތުގައި:
-
ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމަށް މަޖިލީހަށް ހުށަހެޅުމާއި 129 ވަނަ މާއްދާގެ ދަށުން ވަޒީރުންނަށް ރުހުން ދިނުން އެއީ މުޅިން ތަފާތު ދެ ކަމެއް
-
މީގެ ކުރިން މަޖިލީހުން އަމަލުކޮށްފައި ވަނީ ވެސް އެ ގޮތަށް
"2018 ވަނަ އަހަރު ވަޒީރުންނަށް މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅާފައިވަނީ 22 ނޮވެމްބަރު 2018ގައި. މަޖިލީހުން ރުހުން ދީފައިވަނީ 4 ޑިސެމްބަރުގައި. އެ ފަހަރު މެންޑޭޓް ފާސްކުރުމަށް ހުށަހެޅީ ވަޒީރުންނަށް ރުހުން ލިބުނު ފަހުން 13 ޑިސެމްބަރު 2018ގައި،" އުޝާމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
"ސިޔާސީ ސަބަބުތަކަށްޓަކާ މަޖިލީހުން އަމަލުކުރަމުން އައި އުސޫލުތަކާއި ހަމަތައް ބަދަލުކުރުމަކީ ދެރަ ކަމެއް."
ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމަށް މަޖިލީހަށް ހުށަހެޅުމާ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންނަށް ރުހުން ދިނުން މިއީ މުޅިން ތަފާތު ދެކަމެއް. މީގެ ކުރިން މަޖިލީހުން އަމަލުކޮށްފައިވަނީވެސް އެގޮތަށް.
— Ahmed Usham (@a_usham) December 18, 2023
2018 ވަނަ އަހަރު ވަޒީރުންނަށް މަޖިލީހުގެ… https://t.co/hfeQrNU8jY