ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެްގެ ތެރެއިން މަޖިލިސް ތަޅުން. (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)
މެންޑޭޓް ނުފޮނުވާތީ ކެބިނެޓަށް ރުހުން ދިނުން އަނބުރާ ކޮމިޓީއަށް
މިނިސްޓްރީތަކުގެ މެންޑޭޓަށް މި ސަރުކާރުން ގެނައި ބަދަލުތައް ރައީސް އޮފީހުން މަޖިލީހަށް ފޮނުވާފައި ނުވުމުން، ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތާވަލް ކުރި މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ ޖަލްސާ ފެށުމާ އެކު، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތުޅާދޫ ދާއިރާގެ މެންބަރު ނިޒާމީ ނުކުތާއެއް ނަންގަވައި އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމާ މެދު ހުރި ގާނޫނީ ބައެއް މައްސަލަތައް ފާހަގަކުރެއްވި އެވެ. އޭނާ ފާހަގަކުރެއްވި މައިގަނޑު ދެ ކަމަކީ:
-
އެ ވަޒީރުންގެ މިނިސްޓްރީތަކުގެ މެންޑޭޓަަށް ގެނެސްފައިވާ ބަދަލުތައް މަޖިލީހުން ފާސް ކުރަން ޖެހޭއިރު، މިހާތަނަށް އައިރު ރައީސް އޮފީހުން އެ ބަދަލުތައް ފާސް ކުރުމަށް ފޮނުވާފައި ނުވުން
-
ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓު ފުރިހަމަނުވުން
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ، އެ ނިޒާމީ ނުކުތާ ބަލައިގެންފަ އެވެ. އެއާ އެކު، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރުމަށް ޖަލްސާ މެދުކަނޑާލި އެވެ.
ތަފްސީލް - މަޖިލީހުގެ މައިނޯރިޓީ ލީޑަރާއި މެޖޯރިޓީ ލީޑަރާ މަޝްވަރާ ކުރުމަށް، 15 ވަަރަކަށް މިނެޓަށް ޖަލްސާ މެދުކަނޑާލުމަށް ފަހު، އަސްލަމް އިއުލާން ކުރެއްވީ، ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ރިޕޯޓު މިއަދުގެ އެޖެންޑާއިން އުނިކުރުމަށް ނިންމެވި ކަމަށެވެ. އަދި އެ ރިޕޯޓް ގަވައިދާ އެއްގޮތަށް އެކުލަވާލުމަށް އެ ކޮމިޓީއަށް އަނބުރާ ފޮނުވުމަށް ނިންމެވި ކަމަށް އަސްލަމް ވިދާޅުވި އެވެ.
މަޖިލިސް ފެށުމާ އެކު ހިސާން ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ތަޅުމަށް ހުށަހަޅާފައިވާ "ރިޕޯޓު އެޖެންޑާގައި ހިމެނިފައި މި އޮތީ، މަޖިލިސް ގަވައިދުގެ 200 ވަނަ މާއްދާގެ (ވ)، (ރ)، (ކ) އަދި (އ)ގައި ބަޔާންކޮށްފައި އޮތް ހަމަތަކާ ހިލާފަށް ނުވަތަ އެ މާއްދާތަކުގައިވާ ކަންކަން ފުރިހަމަ ނުވާ ރިޕޯޓެއް" ކަމަށެވެ.
އެހެންކަމުން، އެ ރިޕޯޓަށް ވޯޓަށް އެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހިސާން ވިދާޅުވި އެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ގޮތުގައި:
-
ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އާއި މަޖިލިސް ގަވައިދުގެ 200 ވަނަ މާއްދާގެ (އ)ގައިވާ ގޮތުން، މިނިސްޓްރީތަކުގެ މެންޑޭޓްތަކަކީ މަޖިލީހުން ފާސް ކުރުމަށް ރައީސް ހުށަހަޅުއްވަން ޖެހޭ މެންޓޭޑްތަކެއް
-
އެ މެންޑޭޓްތަކަށް ބަދަލު ގެނެސް، ވަޒީރުންގެ މަޖިލިސް އެކުލަވާލައި އޭގެ ފަހުން މިއަދަށް މަހެއްވީއިރު އަދިވެސް އެކަން މަޖިލީހަށް ފޮނުވާފައި ނުވުމުން ކަންބޮޑުވުން ފާޅުކުރެއްވި؛ ކޮމިޓީއަށް ވެސް އެ މީހުންގެ މަސްއޫލިއްޔަތު ނޭނގި، އެ މީހުން އެ މަގާމަށް ގާބިލުތޯ ނުވަތަ ނޫންތޯ ނުނިންމޭނެ
-
އެ ގާބިލުކަން ހުރިތޯ ނުވަތަ ނެތްތޯ ރިޕޯޓުން ވެސް ސާފެއް ނުވޭ
މަޖިލީހުގެ ގަވައިދުގެ 200 ވަނަ މާއްދާގެ (ރ)އާ ހަވާލާދެއްވައި ހިސާން ވިދާޅުވީ، މަޖިލީހުގެ ރުހުމަށް އެދި ފޮނުވާއިރު، ކޮމިޓީން ދެ ގޮތަކަށް ނިންމަން ޖެހޭ ކަމަށެވެ. އެއީ، މަޖިލީހުން އެ ވަޒީރަށް ނުހުން ދިނުމަށް ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށް ނިންމަން ވާނެ ކަމަށް ގަވައިދުގައިވާ ކަމަށެވެ.
"އެޖެންޑާ ކުރެވިފައި މި ރިޕޯޓުގައި އެ ދެ ގޮތުން ކުރެ ގޮތަކަށް ނިންމާފައި ނުވާކަން އަޅުގަނޑު ފާހަގަކުރަން،" ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ހިސާން ވިދާޅުވި އެވެ.
"އަދި 200 ވަނަ މާއްދާގެ (އ) އިން އެނގޭ، ރުހުން ދިނުމަށް ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށް ބަޔާންކޮށްފައިވާ ރިޕޯޓަކަށް ކަމަށް އިއްޒަތްތެރި ރައީސަށް ވޯޓަށް އެހެނީ."
ފާހަގަކޮށްލެވޭ ކަމެއް - ކޮމިޓީން ނިިންމާފައިވަނީ ހުރިހާ ވަޒީރުން ވެސް އެ މަގާމަށް ޝަރުތުހަމަވާ ކަމަށެވެ. ނަމަވެސް، ރުހުން ދިިނުމާ މެދު ގޮތެއް ނިންމާނީ ތަޅުމުގައި ވަކިވަކިން ކޮންމެ ވަޒީރަކަށް ވޯޓަށް އަހައިގެން ކަމަށް ކޮމިޓީން ނިންމާފައިވެ އެވެ. ރުހުން ދިނުމާ މެދު ވަކި ނިންމުމެއް ކޮމިޓީގެ ރިޕޯޓަކު ނެތެވެ.