ރައީސް މުއިއްޒުގެ ކެބިނެޓުގެ މެމްބަރުން ހުވާކުރެއްވުމުގެ ތެރެއިން. (ފައިލް ފޮޓޯ/ރައީސް އޮފީސް)

ކޮންމެ ވަޒީރަކަށް ވަކިވަކިން ތަޅުމުގައި ވޯޓަށް އަހަން ކޮމިޓީން ފާސްކޮށްފި

ކޮމިޓީން ނިންމީ ހުރިހާ ވަޒީރުން ވެސް މަގާމުގެ ޝަރުތު ހަމަވާ ކަމަށް

ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަންކުރައްވާފައިވާ ހުރިހާ ވަޒީރުން ވެސް މަގާމަށް ޝަރުތު ހަމަވި ނަމަވެސް، ރުހުން ދިނުމަށް ކޮންމެ ވަޒީރަކަށް ވަކިވަކިން ތަޅުމުގައި ވޯޓަށް އަހަން މަޖިލީހުގެ ކޮމިޓީން ދެންމެއަކު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި އެ ގޮތަށް ފާސްކޮށްފައި ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި ތިއްބެވި 12 މެންބަރުންގެ އިއްތިފާގުންނެވެ.

ތަފްސީލު - ކޮމިޓީގެ ބައްދަލުވުން ފައްޓަވަމުން، ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި އިދިކޮޅު އެމްޑީޕީގެ މެންބަރުން ދެއްކެވި ވާހަކަތަކުން އެނގޭ ގޮތުގައި، އެ ކޮމިޓީއަށް ލިބިފައިވާ ލިޔުންތަކުން، މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސް އައްޔަން ކުރެއްވި 22 ވަޒީރުން ވެސް ވަޒީރު ކަމުގެ ޝަރުތު ފުރިހަަވެ އެވެ.

އެއާ އެކު، މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ތޯރިގް ފުރަތަމަ ހުށަހެޅުއްވީ، "22 ވަޒީރުންނަށް އެއްފަހަރާ ރުހުން ދިނުމަށް" ކޮމިޓީން ފާސް ކުރުމަށެވެ.

މިއަދު ބޭއްވި ސަރުކަރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/މަޖިލިސް)

ނަމަވެސް، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވީ ހުރިހާ ވަޒީރުންނަށް ވަކިވަކިން ކޮންމެ ވަޒީރަކަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށް ތަޅުމަށް ފޮނުވުމަށެވެ. އެއާ އެކު، ތޯރިގް ވަނީ އޭނާގެ ހުށަހެޅުން އަނބުރާ ގެނެސް، ޝިފާއުގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާފަ އެވެ.

ޝިފާއުގެ ހުށަހެޅުއްވުމަށް، ސަރުކާރު ތަމްސީލުކުރައްވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވެސް ތާއީދު ކުރެއްވި އެވެ.

ފާހަގަކޮަށްލެވޭ ކަމެއް - ކޮމިޓީން ބެލި ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ކުށުގެ ރިކޯޑް 

  • ސާބިތު ދަރަނި 

  • އެހެން ގައުމެއްގެ ރައްޔިތުކަން އޮތްތޯ

އެއިން އެއްވެސް ކަމެއްގައި މައްސަލައެއް ނެތް ކަމަށް މެންބަރުން ވިދާޅުވި އެެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ: އޭނާ އަކީ ކުރިން ނިއުޒިލޭންޑްގެ ރައްޔިތެއް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: އޭނާގެ ކިބައިގައި އިނގިރޭސި ރައްޔިތުކަން ކުރިން އޮތް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެންމެ ފުރަތަމަ ވަޒީރުންގެ މައްސަލަ ދިރާސާ ކުރިއިރު، އެހެން ގައުމެއްގެ ރަށްވެހިކަން އޮތް ކަމަށް ބުނެ މައްސަލަ ޖެހުނީ، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ.

އެ ދެ ބޭފުޅުން ވެސް މަގާމުގެ ހުވާ ކުރެއްވުމުގެ ކުރިން އެހެން ގައުމެއްގެ ރަށްވެހިކަން ދޫކޮށްލައްވާފައި ވާކަން، ކޮމިޓީއަށް ލިބުނު ލިޔުންތަކުން އެނގޭ ކަމަށް މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވި އެވެ. އެގޮތުން:

  • ހައިދަރު އިނގިރޭސިވިލާތުގެ ރައްޔިތުކަން ދޫކޮށްލެއްވީ މިދިޔަ މަހުގެ 15ގައި

  • މާރިޔާ ނިއު ޒިލޭންޑްގެ ރައްޔިތުކަން ދޫކޮށްލެއްވީ މިދިޔަ 31 އޮކްޓޯބަރުގައި

އެނގުން މުހިންމު - ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ މި ހިނގާ ތިން ވަނަ ދައުރުގެ ޖަލްސާތައް ބޭއްވުން މި މަހު18ގެ ނިޔަލަށް ވަނީ ދިގުދަންމާލާފަ އެވެ. ބެލެވޭ ގޮތުގައި، މި ހަފްތާގެ މަޖިލިސް ޖަލްސާއަކަށް ވަޒީރުންނަށް ރުހުން ދިނުމަށް ތާވަލް ކުރާނެ އެވެ.

މަޖިލީހުގައި 55 މެންބަރުންނާ އެކު ސާފު އަގުލަބިއްޔަތެއް އޮތް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް