އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ކެބިނެޓް

ބިދޭސީންނާ މެދު އިހުމާލުވާ މީހުންގެ ނަންތައް އާންމުކޮށް، ފިޔަވަޅުތަކެއް އަޅަން ނިންމައިފި

މިކަމުގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް އެޅެމުންދާ ހުރަސްތައް ނައްތާލުމަށްޓަކައި ގަވާއިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް އޯޑިޓްކޮށް، ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމާފައިވޭ

ބިދޭސީން ރާއްޖެ ގެނައުމަށް ފަހު އިހުމާލުވާ ފަރާތްތަކުގެ ނަންތައް އާންމުކޮށް އެ ފަރާތްތަކަށް ފިޔަވަޅު އެޅުން ހިމެނޭ ގޮތަށް، މި މައްސަލަ ހައްލު ކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ރައީސް މުހައްމަދު މުއިއްޒު އިއްޔެ ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި، ބިދޭސީންގެ ކަންކަން ހަވާލުކޮށްފައިވާ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އެ ބައްދަލުވުމަށް ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަދުގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ތަފްސީލު - އެ ބައްދަލުވުމުގައި ނިންމި ކަންކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން މިއަދު ބުނީ، މި މައްސަލަ ހައްލު ކުރުމަށް މައިގަނޑު ހަތް ކަމެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މިނިސްޓްރީން ފަށާފައިވާ 'ކުރަނގި' އޮޕަރޭޝަން މިހާރަށް ވުރެ ފުޅާ ކުުރުން ހިމެނެ އެވެ. އެގޮތުން:

  • މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓްތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތާއި 10 އިނގިލީގެ ފިންގާޕްރިންޓް އަދި ފޭޝަލް ރިކޮގްނިޝަން ނަގައި އަދި ނުގަވައިދުން އުޅޭ މީހުން ގާނޫނީ އިމުގެ ތެރެއަށް ވެއްދުން ހިމެނޭ

  • އަމިއްލައަށް އެނބުރި ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެސިސްޓެޑް ވޮލަންޓަރީ ރިޓާން (އޭވީއާރު) ޕްރޮގްރާމް ހިންގުން ހިމެނޭ

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިހުސާން (މ) ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ނުވަތަ ލިޔެކިޔުން ނެތް މީހުން ގިނަ ވުމުގެ އެއް ސަބަބަކީ، އެ މީހުން ރާއްޖެ ގެންނަ ފަރާތްތަކުން އިހުމާލުވުމެވެ. އެކަމުގެ ޝަކުވާ އަބަދުވެސް ބިދޭސީން ކުރެ އެވެ. އެކަން ހައްލުކުރުމަށްޓަކައި ވެސް ނިންމުންތަކަކެއް އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި ނިންމާފައިވެ އެވެ. އެގޮތުން:

  •  ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ފަހު، އެ ފަރާތްތަކާ މެދު އިހުމާލުވާ ވަޒީފާ ދޭ ފަރާތްތަކުގެ ލިސްޓް އެކުލަވާލައި އާންމުކުރުން

  • އެގޮތަށް ވަޒީފާ ދޭ ފަރާތުން އިހުމާލުވާ ނަމަ ޖޫރިމަނާކުރުން

  • އެފަދަ އަމަލުތައް ތަކުރާރުވާ ނަމަ އިތުރު ފިޔަވަޅުތައް އެޅުން ހިމެނޭ

މުޅި މި މައްސަލަ ހައްލު ކުރުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް އަވަސް މުއްދަތެއްގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ވެސް އިއްޔެގެ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން:

  • މިކަމުގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް އެޅެމުންދާ ހުރަސްތައް ނައްތާލުމަށްޓަކައި ގަވާއިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް އޯޑިޓްކޮށް، ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމާފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް