ދައުރު'އަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި މޫސަ ވާހަކަ ދައްކަވަނީ (ދައުރު ފައިލް ފޮޓޯ)ޯ/ހުސައިން ސުނޭން)

އެމްޑީޕީ

އެމްޑިޕީގެ ބައި-އިލެކްޝަންގައި ވާދަ ކުރަން މޫސައަށް ފުރުސަތު ނުދިން

އެމްޑީޕީން މޫސަ ވަކިކުރިއިރު، ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވަނީ އަލުން ޕާޓީއާ ގުޅިވަޑައިގަތުމަށް ފަހު، ފަސް އަހަރު ވަންދެން ޕާޓީގެ އެއްވެސް މަގާމަކަށް ވާދަ ނުކުރެވޭނެ ކަމަށް

އަންނަ އޮގަސްޓު މަހު ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލިސް ބައި-އިންތިހާބުގައި ވާދަ ކުރުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މުސާ މަނިކު (ރީކޯ މޫސަ) ހުށަހެޅުއްވި ހުށަހެޅުން ބަލައި ނުގުތުމަށް އެޕާޓީން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ބައި-އިލެކްޝަންގެ މާލެ ދާއިރާގެ ރައީސް ކަމަށް މޫސަ ހުށަހެޅުއްވި ހުށަހެޅުން ބަލައިގަނުގަތުމުން، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މިއަދު އެކްސްގައި އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

ބުނީ ކީކޭ؟ - "ކީކޭ ދެން ބުނާނީ؟ އެމްޑީޕީ ލީޑަޝިޕުން އަޅުގަނޑަށް މިހާވަރެއް ކުރަން މިޖެހެނީ ކޮންސަބަބަކާހުރެތޯ؟ އެއްވެސް ކަމެއްގައި ބައިވެރިވުމުގެ ކުޑަވެސް ފުރުސަތެއް ނެތް،" ޕާޓީގެ ލީޑާޝިޕަށް ފާޑުވިދާޅުވެ، މުސަ ކުރެއްވި ޕޯސްޓުގައި އޭނާ ލިޔުއްވާފައިވެ އެވެ.

މޫސަގެ ހުށަހެޅުން ބަލައިނުގަތްކަން އެމްޑީޕީންވެސް 'ދައުރު'އަށް ކަށަވަރުކޮށްދެ އެވެ.

އެމްޑީޕީގެ ބަސް - އެޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) މިއަދު 'ދައުރު'އަށް ވިދާޅުވީ، 2014 ވަނަ އަހަރު މޫސަ މަނިކު ޕާޓީގެ ވިޕްލައިންއާ ހިލާފު ވެގެން ކަނޑާލި މައްސަލާގައި ނިންމާފައިވާ ގޮތުން އަލުން ޕާޓީއަށް ވަދެވަޑައިގަތުމަށް ފަހު، ފަސް އަހަރު ވަންދެން ޕާޓީގެ އެއްވެސް މަގާމަކަށް ވާދައެއް ނުކުރެވޭނެ  ކަމަށެވެ.

"އެ މައްސަލަ އޭރު މޫސަ ހުށަހެޅި ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށްވެސް. އޭރު އެ މަޖިލީހުން ވެސް ނިންމާފައި އޮތީ އެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބްރާހިމް ވަހީދު (އިބުރޭ) ވާހަކަ ދައްކަވަނީ. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ ޔަޝާއު)

މޫސަ ޕާޓީން ވަކިކޮށް، އޭރު ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައި އޮތީ އަލުން ޕާޓީއަށް ސޮއިކުރައްވަން ބޭނުންވާ ނަމަ، ދެ ކަމެއް ކުރަން ޖެހޭ ގޮތަށެވެ. އެއީ:

  • 1-

    ޕާޓީގެ މެންބަރުންގެ އިތުބާރު މޫސައާ މެދު އަލުން އުފެއްދުމަށްޓަކައި، ޕާޓީގެ މެންބަރުންގެ ކިބައިން މާފަށް އެދުން

  • 2-

    އިތުރު 50 މެންބަރުން ޕާޓީއަށް ވެއްދުމަށް މެމްބާޝީޕް ހުށަހެޅުން

އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި މޫސަ މަނިކު ނޮވެމްބަރު 2022ގައި އޭރު އަލުން ޕާޓީއާ ގުޅިވަޑައިގެންނެވީ އެ ދެ ކަންތައް ވެސް ފުރިހަމަ ކުރައްވައިގެންނެވެ.

"އެހެންވީމަ، އޭރު މޫސަ އޮތީ އެ ނިންމުން ބަލައިގެންފައި. އޭގެ އެއް ބަޔަށް އަމަލުކޮށްފައި، އަނެއް ބަޔަށް އަމަލު ނުކުރުމަކީ ހަމަޖެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"ޕާޓީއެއްވެއްޖިއްޔާ ކޮންމެވެސް އުސޫލެއް ހިފަހަޓަން ޖެހޭ. އެ އުސޫލު ޕާޓީން މި ހިފަހައްޓަނީ. ކޮންމެހެން މޫސަވެގެން ނުވަތަ އެހެން މީހަކު ވެގެން ވަކި ގޮތަކަށް އަމަލު ކުރީ އެއް ނޫން."

އޭގެ އިތުރުން އިބްރާހިމް ވަހީދު ވިދާޅުވީ، ގައުމީ މަޖިލީހުން މީގެ ކުރިން ނިންމާފައިވާ ގޮތަށް މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި މިއަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ޕާޓީގެ ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅުންނަށް ވެސް ބައި-އިލެކްޝަން ފުރަސަތު ނުދޭނެ ކަމަށެވެ. އެގޮތުން އެފަދަ ބޭފުޅުންގެ ކެންޑިޑޭޑަސީ ވެސް ބާތިލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މޫސަ އަބަދުވެސް ގަބޫލުކުރައްވާ ގޮތުގައި 2014ގައި އޭނާ ޕާޓީން ވަކިކޮށްފައިވަނީ ނާއިންސާފުންނެވެ. އަދި އެކަންކޮށްފައިވަނީ 2013ގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި އޭނާ ވާދަ ކުރައްވާނެ ކަން އިއުލާން ކުރެއްވުމުން، އެޕާޓީގެ އޭރުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަހަތުގައި ހުންނަވައިގެން ކުރެއްވި ކަމެއްގެ ގޮތުގައި އަބަދުވެސް މޫސަ ތުހުމަތު ކުރައްވަ އެވެ.

އެމްޑީޕީން ކަނޑާލުމާ އެކު މޫސަ ގުޅިވަޑައިގެންނެވީ އޭރު ވެރިކަމުގައި އޮތް އަދި އެޕާޓީއާ ވާދަވެރި ޕީޕީއެމްއާ އެވެ.

ގުޅުން ހުރި - މޫސަ ވާދަ ކުރައްވަން ފޯމު ހުށަހެޅުއްވި މާލެ ދާއިރާއަށް ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ މާލޭގެ މޭޔަރު އާދަމް އާޒިމް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް