މޫސާ މަނިކު: އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ އާ 150 މީހުންގެ ސޮޔާ އެކު. (ފޮޓޯ/ ރާއްޖެއެމްވީ)

އެމްޑީޕީ

މޫސަ އަދިވެސް ވިދާޅުވަނީ ޕާޓީން ވަކިކުރުން ބޭއިންސާފު ކަމަށް؛ މައާފަށް އެދިވަޑައިގެންފި

އެމްޑީޕީން މިއަދު ބުނީ، މޫސަ އަލުން ގުޅުނީ ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ކަމަށް

ޕާޓީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަކަށް ފަހު 2014ގައި އެމްޑީޕީން ވަކިކުރި، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ޕާޓީއާ އަލުން ގުޅިވަޑައިގެންފައި ވަނީ، ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި މޫސާ މަނިކު ރޭގެ ވަގުތެއްގައި އެ ޕާޓީއަށް ސޮއިކުރައްވައި މެމްބާޝިޕް ފޯމު ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ ހަވާލުކުރައްވާފަ އެވެ.

 މޫސާ މަނިކު، ރޭ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ފޯމް ހަވާލުކުރައްވަނީ. (ފޮޓޯ/އެމްޑީޕީ)

ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާޒިރުގައި މޫސަ ފޯމު ހަވާލުކުރެއްވިއިރު، ޕާޓީން އޭނާ މީގެ އަށް އަހަރު ކުރިން ވަކިކޮށްފައިވަނީ އަލުން ޕާޓީއާ ގުޅޭ އިރު ބައެއް ކަންކަން ކުރެއްވުމަށް ޝަރުތުކޮށްފަ އެވެ. އެގޮތުން:

  • މޫސަ ވަކިކޮށްފައިވަނީ، އޭރުގެ އުއްތަމަ ފަނިޑޔާރު އަހުމަދު ފާއިޒް ހުސައިނާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަދި މިހާރު އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މަގާމުން ވަކިކުރުމާ ދެކޮޅަށް ވޯޓުލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕް(ޕީޖީ)އިން ނިންމާފައި ވަނިކޮށް، ވިޕްލައިނާ އޭނާ ހިލާފުވި ކަމަށް ބުނާ މައްސަލައިގައި

  • މައާފަށް އެދިވަޑައިގަތުމާ އެކު، ޕާޓީއަށް އާ 50 މެންބަރުންގެ ސޮއި ހޯދައިދޭން ޖެހޭ

  • ޕާޓީއާ ގުޅިވަޑައިގަންނަވާތާ ފަސް އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީގެ އެއްވެސް މަގާމެއް އަދި އެއްވެސް ޕްރައިމަރީއެއްގައި ވާދައެއް ނުކުރެއްވޭނެ

އަޅުގަނޑު ސިޔާސީ ހަޔާތުން އެންމެ ބޮޑު ގުރުބާނީއެއްވީ އެމްޑީޕީން އަޅުގަނޑު ވަކިކުރީ އަދިވެސް އަޅުގަނޑު ދެކޭ ގޮތުގައި އެންމެ އިންސާފުން ކުރި ކަމެއް ނޫނެވެ.

މޫސާ މަނިކު/ އެމްޑީޕީ ކުރީގެ ޗެއާޕާސަން

ތަފްސީލު - އެމްޑީޕީގެ ޗެއާޕާސަން ނައިބު (އިދާރީ) އިބްރާހިމް ވަހީދު (އިބުރޭ) މިއަދު 'ދައުރު'އަށް ވިދާޅުވީ، މޫސަ ޕާޓީއާ ގުޅިވަޑައިގެންފައި ވަނީ، "ވަނުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި" ކަމަށެވެ. 

"އަލުން ގުޅުނީ، 150 މީހުންގެ ސޮޔާ އެކު، މައާފަށް އެދިފައި،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

މޫސައަށް ޕާޓީގެ މަގާމަކަށް ކުރިމަތިލެއްވޭނެތޯ ސުވާލު ކުރުމުން އިބްރާހިމް ވަހީދު ވިދާޅުވީ، އެ ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

'ފިޔަވަޅު އެޅީ ބޭއިންސާފުން، އެކަމަކު މައާފަށް އެދެން'

މޫސަ ޕާޓީގެ ޗެއާޕާސަން ފައްޔާޒަށް ފޮނުއްވި ސިޓީ އާއި މައާފަށް އެދިވަޑައިގެންނެވި ބަޔާން އެމްޑީޕީގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ. އެ ސިޓީގައި ވެސް، އޭނާ ގުޅިވަޑައިގެންފައި ވަނީ 150 މެންބަރުންގެ ސޮޔާ އެކު ކަމަށް ވިދާޅުވެފައިވެ އެވެ. 

މޫސަ ޖަލްސާއެއްގައި މީގެ ކުރިން ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، އެމްޑީޕީން އެޅީ އިންސާފުވެރި ފިޔަވަޅެއް ނޫން ކަމަށް. (ފައިލް ފޮޓޯ/އެމްޑީޕީ)

މައާފަށް އެދިވަޑައިގެންނެވި ބަޔާނުގައި މޫސަ ވިދާޅުވީ:

  • އެމްޑީޕީގެ ޕީޖީގައި އަމަލުކުރާ އުސޫލުން ތްރީލައިން ވިޕެއް ނެރެން ޖެހެނީ އެ ގްރޫޕުގައި މަޝްވަރާކުރުމަށް ފަހު؛ ނަމަވެސް، 2014ގައި އޭނާއާ މެދު ފިވަޅުވަޅު އެޅި މައްސަލައިގައި ވިޕް ނެރެފައިވަނީ އާންމުކޮށް އަމަލުކުރާ އުސޫލާ ހިލާފަށް

  • ތްރީލައިން ވިޕް ނެރެފައިވަނީ ޕާޓީގެ ވަގުތީ ރައީސްގެ ނިންމެވުމަށް

  • ވިޕްލައިނާ ހިލާފުވި ކަމަށް ބަލަން ޖެހެނީ މަޖިލީހަށް ވަޑައިގެން، އެއާ ދެކޮޅަށް ވޯޓު ދެއްވާފައި ވާނަމަ؛ އެކަމަކު އޭނާ އެ ދުވަހު ވޯޓަށް ހާޒިރެއް ނުވޭ

  • އިތުރު ފަސް މެންބަރުން ވެސް ވިޕާ ހިލާފުވި؛ އެކަމަކު އެ މީހުން ޕާޓީން ވަކިކޮށްފައެއް ނުވޭ

މޫސަ ރައީސް ސޯލިހާ އެކު. (ޓުވިޓާ ފޮޓޯ/މޫސަ)

"އަޅުގަނޑު ސިޔާސީ ހަޔާތުން އެންމެ ބޮޑު ގުރުބާނީއެއްވީ އެމްޑީޕީން އަޅުގަނޑު ވަކިކުރީ، އަދިވެސް އަޅުގަނޑު ދެކޭ ގޮތުގައި އެންމެ އިންސާފުން ކުރި ކަމެއް ނޫނެވެ،" އެމްޑީޕީން ވަކިކުރުމުން، ވާދަވެރި ޕީޕީއެމްއާ ގުޅިވަޑައިގެންނެވި މޫސަ ވިދާޅުވި އެވެ.

"ކަން ކޮންމެ ގޮތަކަށް އޮތް ނަމަވަސް، އެންގުމާ އެއްގޮތަށް ޕާޓީގެ މެންބަރުންގެ ކިބައިން މައާފަށް އެދެމެވެ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް