މާލޭ މޭޔަރުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް ސަލްޓަން ޕާކުގައި އެމްޑީޕީ އިން ބޭއްވި ހަފްލާގައި އާޒިމް އުފާފާޅުކުރައްވަނީ (ދައުރު ފައިލް ފޮޓޯ/މުހައްމަދު އަމާން)
މޭޔަރު އާޒިމް އެމްޑީޕީ ގައުމީ މަޖިލީހުގެ މާލޭ ދާއިރާއަށް ވާދަކުރައްވަނީ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް މީހުން އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި މާލޭ ދާއިރާގެ ރައީސްކަމަށް ވާދަކުރައްވަން މާލޭ މޭޔަރު އާދަމް އާޒިމް ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - އާޒިމް މިއަދު ވަނީ ބައި-އިލެކްޝަންގައި އެ މަގާމަށް ވާދަ ކުރައްވާނެކަން އެކްސްގައި އިއުލާނު ކުރައްވައިފަ އެވެ.
إِنْ شَاءَ ٱللَّٰهُ . އުފާވެރި ، އެކުވެރި ބަދަހި ސަފުތަކެށް ރާވާ ހިންގުމުގެ އަޒުމާއެކު، ތަރުތީބު ކުރުމުގެ ގާބިލުކަން ހުރީތީވެ ، ހިތާ ރޫހުން ވާނެކަން ގަބޫލު ކުރެވޭތީ އެމް.ޑީ.ޕީ ގައުމީ މަޖްލީހުގެ މާލޭ ދާއިރާގެ ރައީސްކަމަށް ތިހުރިހާ ބޭފުޅުންގެ ބައިވެރިވުމާއިއެކު ކުރިމަތިލުމަށް… pic.twitter.com/xc8WLHIrWg
— Mayor of Male’ City - Adam Azim (@adamazim) July 2, 2024
ތަފްސީލް - އާޒިމް ވިދާޅުވީ "ރަން ރީނދޫ ސަފުތައް ތަރުތީބު ކުރުމަށް" މާލޭ ދާއިރާގެ ރައީސްކަމަށް ވާދަކުރައްވަނީ އުފާވެރި، އެކުވެރި، ބަދަހި ސަފުތަކެއް ރާވައި ހިންގުމުގެ އަޒުމާ އެކު ކަމަށެވެ.
"... ހިތާ ރޫހުން ވާނެކަން ގަބޫލު ކުރެވޭތީ އެމްޑީޕީ ގައުމީ މަޖިލީހުގެ މާލޭ ދާއިރާގެ ރައީސްކަމަށް ތިހުރިހާ ބޭފުޅުންގެ ބައިވެރިވުމާ އެކު ކުރިމަތިލުމަށް ނިންމައިފިން،" އާޒިމް ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 20 ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހު 2ގަ އެވެ.
ފާހަގަ ކުރެވޭ - އެމްޑީޕީގެ ގައުމީ މަޖިލީހުގައި މާލެ ދާއިރާގެ ރައީސަކަށް ކުރިން ހުންނެވީ ސިފާ މުހައްމަދެވެ. ކުރިން މާލޭ މޭޔަރުކަން ވެސް ކުރެއްވި ސިފާ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމަށް އެމްޑީޕީ އިން ވަކިވެވަޑައިގެންނެވުމުން އެ މަގާމު ވަނީ ހުސްވެފަ އެވެ.