ރައްޔިތުންގެ މަޖިލީހުގެ ތަޅުން
ރަފާއަށް އެރުން ހުއްޓުވުމަށް ރާއްޖެއިން ކުރެވެން އޮތް ކަމެއް ކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް
އިޒްރޭލުން ސިފައިން، ފަލަސްތީނުގެ ގާޒާ ސިޓީގެ ދެކުނުގައި އޮންނަ ރަފާއަށް ހުއްޓުވުމުގައި ދިވެހި ސަރުކާރުން ކުރެވެން އޮތް ކަމެއް ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެއްޅުވީ، މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.
ތަފްސީލު - އެ ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ފާސްވީ، 22 މެންބަރުންގެ ވޯޓާ އެކު އެވެ.
އެ މައްސަލާގައި ބުނެފައި ވަނީ:
-
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެތައް މިލިއަން ބައެއްގެ އާދޭސްއަށް ބެލުމެއްނެތި، އިޒްރޭލް ސިފައިން ރަފާއަށް އަރަން ތައްޔާރުވަމުންދާ ދިޔުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް
-
އެކަމުގެ ސަބަބުން ރަފާގައި މިިހާރު ވެސް ތިބި ނިކަމެތި ހާލުގައި އުޅެމުންދާ އެތައް ސަތޭކަ ހާސް ފަލަސްތީނުގެ ރައްޔިތުންނެއް އިންތިހާއަށް ނުރަކައްލުގެ ތެރެއަށް ވަނީ ވެއްޓިފައި
"އިޒްރޭލުން ހިންގަން މިއުޅޭ ޖަރީމާއަކީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމެއްކަން ހާމަކޮށް، އަދި އިޒްރޭލް ސިފައިން ރަފާއަށް އެރުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއްކޮށްދިނުމަށް ސަރުކާރަށް ގޮވާލުމަށް،" ކުއްލި މައްސަލަ ހުށަހަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި ފަހުން ސަރުކާރުން ވަނީ ބައިނަލްއަގުވާމީ ދެ ޕްލެޓްފޯމެއްގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލައިފަ އެވެ.
ފަސް މަންޒަރު - ފަލަސްތީނުގެ 1.4 މިލިއަން މީހުން ހިމާޔަތް ހޯދައިގެން ތިބިކަމަށް ލަފާކުރެވޭ ގާޒާގެ ރަފާ ސިޓީއަށް ވަދެގަތުމަށް ރާވާފައިވާ ޕްލޭން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފާސްކުރެއްވީ، މިދި މާޗް މަސް ތެރޭގަ އެވެ. އެކަމުގެ ކަންބޮޑުވުން ގިނަ ފަރާތްތަކުން ދަނީ ކުރަމުންނެވެ.