ރަފާގައި އިޒްރޭލުން ބޮން އެޅި އިމާރާތެއްގެ ތެރޭގައި ކުޑަކުއްޖަކު.
މަޝްވަރާތަކާ އެކު ވެސް ރަފާއަށް ވަދެގަންނަން އިޒްރޭލުން ފާސްކޮށްފި
ފަލަސްތީނުގެ 1.4 މިލިއަން މީހުން ހިމާޔަތް ހޯދައިގެން ތިބިކަމަށް ލަފާކުރެވޭ ގާޒާގެ ރަފާ ސިޓީއަށް ވަދެގަތުމަށް ރާވާފައިވާ ޕްލޭން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފާސްކުރައްވައިފި އެވެ.
މި ޕްލޭން ނަތަންޔާހޫ ފާސްކުރެއްވި ނަމަވެސް ހަމަލާތައް ހުއްޓާލުމަށް ކުރިއަށްދާ މަޝްވަރާތަކުގައި ބައިވެރިވުމަށް ގަތަރަށް ޓީމެއް ފޮނުވުމަށް ވެސް އޭނާ ދަނީ ވިސްނަވަމުން ނެވެ.
ރަފާގައި އަސްކަރީ އޮޕަރޭޝަނެއް ހިންގައިފި ނަމަ ކުށެއް ނެތް އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރަށްޓަކައި އިޒްރޭލުން ރަފާއަށް ނުވަނުމަށް އެކި ފަރާތްތަކުން އަންނަނީ ގޮވާލަމުން ނެވެ. ނަމަވެސް ހަމާސްގެ ބާރު އެންމެ ވަރުގަދައަށް މިހާރު އޮތް ހަމަ އެކަނި ތަނަކީ ރަފާކަމަށް އިޒްރޭލު ސަރުކާރުން ވަނީ ބުނެފަ އެވެ.
"އުއްމީދު މި ކުރަނީ ރަފާއަށް ވަދެގަންނަ ވާހަކަތަކަކީ މަޝްވަރާތަކުން ފައިދާއެއް ލިބިގަތުމަށް އިޒްރޭލުން ދައްކާ ދަޅައެއް ކަމަށް. އެކަމު ކުރާނެ ކަމަށް ވިދާޅުވާ ކޮންމެ ކަމެއް ނަތަންޔާހޫ ވަނީ ކުރައްވާފައި. އެހެންވެ އަހަންނަށް ބޮޑަށް ބެލެވެނީ މިކަން ވެސް ކުރައްވާނެހެން،" ގަތަރު ޔުނިވާސިޓީގެ ގަލްފް ސްޓަޑީސް ސެންޓަރުގެ ލޫސިއާނޯ ޒަކަރާ އަލް ޖަޒީރާއަށް ވިދާޅުވި އެވެ.
ގާޒާ ހަނގުރާމަ ހުއްޓާލުމަށް އާ ޕްލޭނެއް ރާވާ ހަމާސް އިން ވަނީ އިޒްރޭލަށް ހުށައަޅައިފަ އެވެ. މި ހުށައެޅުމުގައި ހަމާސް އިން ރަހީނުކޮށްފައި ތިބި ރަހީނުން ފަލަސްތީނުގެ ގައިދީންނަށް ބަދަލުކުރުން ހިމެނެ އެވެ. އަދި ތިން މަރުހަލާއަކަށް ބަހާލާފައިވާ މި ހުށައެޅުމުގެ ކޮންމެ މަރުހަލާއެއް 42 ދުވަހަށް ދިގު ދެމިގެންދާނެ ކަމަށް އަލް ޖަޒީރާއަށް ބައެއް ފަރާތްތަކުން ވަނީ މައުލޫމާތު ދީފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން "އޮޕަރޭޝަން ހިންގުމަށާއި [ރަފާގައި] ތިބި އާންމުން ނެރުމަށް،" ތައްޔާރުވަމުންދާ ކަމަށް ނަތަންޔާހޫގެ އޮފީހުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައިވެ އެވެ. ނަމަވެސް މި އޮޕަރޭޝަން ފައްޓާނެ ތާރީހެއް އެ ބަޔާނުގައި ދީފައި ނުވާއިރު، އެއްގަމުގައި އިތުރު ތައްޔާރީތައް ވަމުން އަންނަ ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް އަދި ނެތެވެ.
ރަފާއަށް ވަދެގަތުމަށް އިޒްރޭލުން ވާހަކަދައްކަމުން މިދަނީ ބައިނަލްއަގްވާމީ މުޖުތަމައުއިން އެކަމާ ދެކޮޅަށް ގިނަ ކަންބޮޑުވުންތަކެއް އަޑުއިއްވަމުންދާ ދުވަސްވަރެއްގަ އެވެ. މީގެ ތެރޭގައި އިޒްރޭލާ އެންމެ އެކުވެރި އެމެރިކާ ވެސް ހިމެނެ އެވެ.
އޮސްޓްރިއާގައި ހުންނަވާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ހުކުރު ދުވަހު ވިދާޅުވީ، އިޒްރޭލުން ރަފާއަށް ވަދެގަންނަ ނަމަ އެ ސިޓީގައި ތިބި އާންމުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ޕްލޭނެއް އެމެރިކާއިން ބަލަން ބޭނުންވާ ކަމަށެވެ.
އަނެއްކޮޅުން ނެދަލޭންޑްސްގެ ހާރިޖީ ވަޒީރު ހަންކޭ ސްލޮޓު ވިދާޅުވީ، މިހާރަށް ވުރެ ބޮޑު އިންސާނީ ކާރިސާއެއް ކުރިމަތިވާނެ ކަމަށް ބެލެވޭ ރަފާގެ އޮޕަރޭޝަން އިޒްރޭލުން ކުރިއަށް ނުގެންދިޔުމަށް ނެދަލޭންޑްސް އިން ގޮވާލަމުންދާ ގޮވާލުން ތަކުރާރު ކުރާ ކަމަށެވެ.
ރަފާއަށް އެއްގަމުން ވަދެގެންފި ނަމަ "ގާޒާގެ ކުށެއް ނެތް އާންމުން ކަތިލެވެމުން ދިޔުން އެކަށީގެންވާ" ކަމަށް އދ. އިން ވަނީ މިދިޔަ މަހު އިޒްރޭލަށް އިންޒާރު ދީފަ އެވެ.