އޯއައިސީގައި ޑރ. ޝަހީމް ރާއްޖެ ތަމްސީލުކުރަްވަނީ(ފޮޓޯ/ އިސްލާމިކް މިނިސްޓްރީ)
ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވަން ފިޔަވަޅު އަޅަން ރާއްޖެއިން ގޮވާލައިފި
ފަލަސްތީނާ ދެކޮޅަށް އިޒްރޭލް ސިފައިން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވަން ވަގުތުން ވަގުތަށް ފިޔަވަޅުތައް އެޅުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގައި ރާއްޖެ އިން ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - ސައުދީ އަރަބިއްޔާގެ ޖިއްދާގައި އިއްޔެ ބޭއްވި އޯއައިސީގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރުންގެ އެކްސްޓާ އޯޑިނަރީ ބައްދަލުވުމުގައ ރާއްޖެ ތަމްސީލް ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
ބުނީ ކީކޭ؟ - އެ ބައްދަލުވުމުގައި ޝަހީމް ވަނީ، ގައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ރަފާއަށް ހަމަލާދޭން އިސްރާއީލުން ދޭ އިންޒާރުތައް ކުށްވެރިކޮށްފަ އެވެ. އަދި، ހަނގުރާމަ ހުއްޓާލަން ގޮވާލާ ގޮވާލުން ތަކުރާރުކޮށް، ފަލަސްތީނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލް އަގުވާމީ މުޖުތަަައުއަށް ޝަހީމް ގޮވާލެއްވި އެވެ. މީގެ އިތުރުން ގައްޒާއަށް އެކަށީގެންވާ މިންވަރަށް އެހީގެ ތަކެތި ވަނުމުގެ މަގުފަހިކޮށްދީ އެކަން ކަށަވަރުކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
އެ ބައްދަލުވުމުގައި ޝަހީމް ވަނީ، އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އަމުރަށް ތާއީދުކޮށް އެކަމާ ބެހޭގޮތުން ވެސް ވާހަކަދައްކަވާފަ އެވެ. އަދި، އެ މައްސަލައަށް ޑިކްލަރޭޝަން އިންޓަވެންޝަނެއް ހުށަަހަޅާނެ ކަމަށް ވެސް އޭނާ ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.