އދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހައުސިން މިނިސްޓަރު ހައިދަރު ވާހަކަ ދައްކަވަނީ (ފޮޓޯ/ފޮރިން މިނިސްޓްރީ)

ފަލަސްތީން

އެންމެ ވޯޓަކާ ހުރެ ފަލަސްތީނަށް އިންސާފު ލިބުމުން މަހުރޫމުވުމަކީ ލަދުވެތި ކަމެއް: ރާއްޖެ

އދ.ގެ އެންމެ ބާރު ގަދަ ގުނަވަން ކަމަށްވާ ސެކިޔުރިޓީ ކައުންސިލްގެ ދާއިމީ މެންބަރުންނަށް ލިބިދޭ ވީޓޯގެ ބާރުގެ ސަބަބުން ފަލަސްތީނަށް އދ.ގެ ދާއިމީ މެންބަރުކަން ނުލިބޭތީ އެކަން ކުށްވެރިކޮށް ރާއްޖޭން ވަނީ ވީޓޯ ކުރުމުގެ ބާރު އުވާލަން ގޮވާލާފައި

އެންމެ ވޯޓަކާ ހުރެ ފަލަސްތީނަށް އިންސާފު ލިބުމުން މަހުރޫމުވުމަކީ ލަދުވެތި ކަމެއް ކަމަށް ބުނެ، ވީޓޯ ކުރުމުގެ ބާރު އުވާލަން ރާއްޖޭން ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - އދ.ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިއްޔެ ވާހަކަ ދައްކަވަމުން ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ އދ.ގެ އެންމެ ބާރު ގަދަ ގުނަވަން ކަމަށްވާ ސެކިޔުރިޓީ ކައުންސިލްގެ ދާއިމީ މެންބަރުންނަށް ލިބިދޭ ވީޓޯގެ ބާރުގެ ސަބަބުން ފަލަސްތީނަށް އދ.ގެ ދާއިމީ މެންބަރުކަން ނުލިބޭތީ އެކަން ކުށްވެރިކުރައްވައިފަ އެވެ.

ތަފްސީލް - މިނިސްޓަރު ހައިދަރު ވަނީ ފަލަސްތީނުގައި އިސްރާއިލުން ހިންގާ ލާއިންސާނީ ހަމަލާތައް ހުއްޓުވުމަށް އދ.ގެ ސެކިޔުރިޓީ ކައުންސިލުން ނުކުޅެދިފައިވާތީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. ސެކިޔުރިޓީ ކައުންސިލްގެ ދާއިމީ މެންބަރުންނަށް ލިބިދޭ ވީޓޯ ކުރުމުގެ ބާރު އުވާލުމަށް ވެސް މިނިސްޓަރު ވަނީ ގޮވާލައްވައިފަ އެވެ.

"ފަލަސްތީނަށް އިންސާފު ލިބިދިނުމަށް ގޮވާލާ ބާރު އަޑު އެންމެ ވޯޓަކުން މަޑުކުރެވުމަކީ ލަދުވެތި ކަމެއް،" ހައިދަރު ވިދާޅުވި އެވެ.

ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުން ހައިދަރު ވިދާޅުވީ އދ.ގެ މެންބަރު ގައުމުތަކުގެެ ތެރޭން 140 އަށް ވުރެ ގިނަ ގައުމާއި ސެކިޔުރިޓީ ކައުންސިލްގެ 12 ގައުމަކުން ފަލަސްތީނަށް އިންސާފު ލިބިދިނުމަށް ބާރު އަޑުން ގޮވާލަމުންދާ ކަމަށެވެ.

"އެތައް މިލިއަން މީހުން ބައިވެރިވެގެން ޔުނިވާސިޓީތަކާއި އެކި ގައުމުތަކުގެ މަގުތަކުގައި ކުރިއަށް ގެންދާ ސުލްހަވެރި މުޒާހަރާތަކުގައި ފަލަސްތީނަށް އިންސާފު ލިބިދިނުމަށް ގޮވާލަމުންދާ ގޮވާލުން އދ.ގެ މެންބަރު ގައުމުތަކުގެ ތެރޭ ހިމެނޭ އެންމެ ގައުމެއްގެ ސަބަބުން ވަނީ ނީވޭ އަޑަކަށް ވެފައި،" ހައިދަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ވޯޓުގެ ސަބަބުން އދ.ގެ ސެކިޔުރިޓީ ކައުންސިލް ފެއިލް ވެފައިވާ ކަމަށެވެ.

"އެ ވީޓޯގެ ސަބަބުން ފަލަސްތީނުގައި އިސްރާއިލުން ކުރިއަށްގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓުވުމަށް ސެކިޔުރިޓީ ކައުންސިލް ވަނީ ނުކުޅެދިފައި،"

ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއިލުން ދެމުންދާ ހަމަލާތައް ކޮންމެ ދުވަހަކު ވެސް ފެންނަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ހަމަލާތަކުގެ ސަބަބުން ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން އާއިލާތައް ސަލާމަތް ކުރުމަށް ކުޑަކުދިންގެ އަތުން ކުރާ މަސައްކަތް އެދަނީ ފެންނަމުން،" އެއީ ނުވާކަމަކަށް ހަދައިގެން އަޅާނުލާ ތިބެވޭނެ ކަންތައް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފަލަސްތީނުގައި ހިނގަމުންދާ ކަންތަކަކީ ނުވާ ކަމަކަށް ހަދާ، އެކަމާ އަޅާ ނުލާ ސެކިޔުޓީ ކައުންސިލަށް ނޯވެވޭނެ،"

އިސްރާއިލުގެ ލާއިންސާނީ، ޓެރަރިސްޓު ހަމަލާތަކަކީ އާދައިގެ ކަމަކަށް ހަދަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އާންމު މަޖިލީހުން ވީޓޯ އުވާލަންވީ ވަގުތު. އެ ވީޓޯގެ ސަބަބުން އިސްރާއިލަށް ވަނީ އެ މީހުން އެ ހިންގާ ލާއިންސާނީ އަމަލުތަކަށް ހިތްވަރު ލިބިފައި." މިނިސްޓަރު ވިދާޅުވި އެވެ.

ހައިދަރު ވަނީ، އިސްރާއިލުން ހިފާފައިވާ ފަލަސްތީީނުގެ ބިންތަކުން ފޭބުމަށް ގޮވާލާ، ފަލަސްތީނުގެ ބިންތައް ދޫކޮށް ދާން މަޖުބޫރުވި އެ ގައުމުގެ ރެފިއުޖީންނަށް އެނބުރި ގައުމަށް ދިޔުމުގެ ފުރުސަތު ދިނުމަށް ގޮވާލައްވައިފަ އެެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް