ޔޫއޭވީ ތައާރަފްކުރުމަށް މާފަރުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ޑްރޯން ގަތުމުގެ ތަފްސީލު ހާމަނުކުރަނީ ގައުމީ ސަލާމަތަށްޓަކައި: ރައީސް

ރައީސް ވިދާޅުވި ގޮތުގައި މި މުއާމަލާތުގައި އެއްވެސް ކޮރަޕްޝަނެއް ނޯންނާނެ

ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބަލަހައްޓަން ސަރުކާރުން މިފަހުން ގަތް ޔޫއޭވީ ނުވަތަ އަސްކަރީ ޑްރޯންތަކުގެ މުއާމަލާތާ ގުޅޭ ތަފްސީލު ހާމަނުކުރަނީ ގައުމީ ސަލާމަތަށްޓަކައި ކަމަށާއި އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޑްރޯން ގަތް އަދަދުތައް ސަރުކާރުން ހާމަކޮށްފައި ނުވާތީވެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ރައީސް މުއިއްޒު މިގޮތަށް ވާހަކަ ދެއްކެވީ 'މިހާރު' ނޫހަށް އިއްޔެ ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

ބުނީ ކީކޭ؟ - "ތި ޑްރޯން ކަންތަކުގައި ވެސް އަދި އެހެން މަޝްރޫއެއްގައި ވެސް [ކޮރަޕްޝަން] ނޯންނާނެ. ދެން މިއީ ގައުމީ ސަލާމަތާ ސީދާ ގުޅިފައި އޮތް ކަމެއް. ދެން މީޑިއާތަކުން އެކި އަދަދު އެބަ ކިޔާ، ޑްރާންތަކުގެ އަދަދު ވެސް،" ނަމަވެސް އެއީ ހާމަކުރެވެން އޮތް މައުލޫމާތެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

"ކޮރަޕްޝަން އޮތް ކަމަށް ގަބޫލުކުރެވެންޏާ ކޮންމެ މީހަކަށް ވެސް އޮންނާނެ ބަލަން. މި ސަރުކާރަކުން ނުހިންގާނެ ކޮރަޕްޝަންގެ އެއްވެސް އަމަލެއް. ފުރިހަމަ ޔަގީންކަން އަޅުގަނޑު ދެން. އަދި އެކަހަލަ އެއްވެސް ކަމެއް މީހަކު ކުރަންޏާ، އެމީހާއާ މެދު އިސްވެ ފިޔަވަޅު އަޅާނީ ވެސް އަޅުގަނޑު."

ރައީސް ވިދާޅުވި ގޮތުގައި ޑްރޯންތައް ގަތުމުގެ މުއާމަލާތް ހާމަނުކުރަނީ ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅުން ވެސް އެގޮތަށް އެމަނިކުފާނަށް ލަފާ ދެއްވުމުންނެވެ. އަދި މިއީ އެއްވެސް ގައުމެއްގައި ހާމަކުރާ ޒާތުގެ މައުލޫމާތުތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެެވެ.

"އެމްއެންޑީއެފްއިން ޗީފް އޮފް ޑިފެންސް ވެސް، ދެން ތިއްބެވި ޖެނެރަލުންް އަދި މިނިސްޓަރުން ވެސް ހުރިހާ ބޭފުޅުން ދެއްވި ލަފައަކީ، އަޅުގަނޑުމެން ޑްރޯންތަކުގެ އަދަދު ވެސް ރަސްމީކޮށް އެއްވެސް ފަރާތަކަށް ދަންނަވައިގެން [ނުވަތަ] އެނގިގެން ނުވާނެއޭ،" ރައީސް ވިދާޅުވި އެެވެ.

"އެއްވެސް ގައުމެއްގައި ހުންނަ މިލިޓަރީ އާލާތްތަކުގެ އަދަދާއި އޭގެ ތަފްސީލު ހަގީގަތުގައި އެއްކޮށް އެނގުނަކަ ނުދޭނެ. އެއީ، ހަމަ ގައުމީ ސަލާމަތަށްޓަކައި. އެހެންވީމާ ގައުމީ ސަލާމަތާ ގުޅިފައި އޮތް ކަމެއް ވީމަ، އެ ތަފްސީލުތައް އަޅުގަނޑުމެން ހާމަނުކުރަނީ."

އެއާ ކޯ އިފްތިތާހު ކޮށް، ޔޫއޭވީ ތައާރަފު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ފާހަގަކޮށްވެލޭކަމެއް - ޑްރޯންގެ ހިދުމަތް އިފްތިތާހު ކުރުމަށް މިމަހު 16ގައި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ދައްކާލާފައި ވަނީ ތިން ޔޫއޭވީ އެވެ.

"މިތަނުން ތިން ޔޫއޭވީ ފެނުނު ނަމަވެސް އިރާދަކުރެއްވިއްޔާ އެއަށް ވުރެ މާ ގިނަވާނެ އެމަނިކުފާނާ [ތުރުކީގެ ރައީސް އުރުދުގާންއާ] އަޅުގަނޑުމެންނާ މިއޮތް ގާތް ކަމުގެ ތެރެއިން އަޅުގަނޑުމެންގެ އަސްކަރިއްޔާގެ ބާރުވެރިކަން [އިތުރުވާ މިންވަރު]،" އެރޭގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ. 

އެ ރޭ ރައީސް ވިދާޅުވި ގޮތުގައި އޭގެ ގިނަ އާލަތްތަކަކީ ތުރުކީން ހިލޭ ހަދިޔާ ކުރާ ތަކެއްޗެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ތަކެތި ކަމެއް އެމަނިކުފާނު ވިދާޅެއްނުވެ އެވެ.

'މިހާރު'ގެ އިންޓަވިއުގައި ރައީސް އިތުރަށް ވިދާޅުވީ:

  • ހިލޭ ބައެއް ތަކެތި ލިބުނު ކަމަށް އެރޭގެ ރަސްމިއްޔާތުގައި ދެންނެވީ ބައެއް މީހުން މި ތަކެތި ގަނެފައިވަނީ އަގުބޮޑުކޮށްކަމަށް ބުނެ ވާހަކަ ދައްކާތީވެ

  • އަދި ތުރުކީގެ ރައީސް އާއި އެ ގައުމުން މިކަމުގައި ދެއްވި އެހީތެރިކަން ހާމަކުރަން

"އެހެންވީމާ އަޅުގަނޑު ގަސްތުކުރަނީ، އެވަރަށް މިވާހަކަ ދަންނަވަން. އަޅުގަނޑު[ކީ] ގައިމުވެސް އެއްވެސް ކަމެއް ފޮރުވާކަށް ގަސްތުކުރާ މީހެއް ނޫން، ނުފޮރުވާނަން. އެކަމަކު ގައުމުގެ މިނިވަންކަމަކީ އެންމެންނަށް ވެސް މުހިންމު ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ގުޅުން ހުރި - އިދިކޮޅު އެމްޑީޕިން ތުހުމަތުކުރާ ގޮތުގައި ޑްރޯން ގަތީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރުމަށް ފައިސާ ހޯދަން ބޮޑު އަގުގަ އެވެ. މުއައްސާތަކުން އެކަން ބަލަން އެ ޕާޓީން ގޮވާލި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް