އެއާ ކޯ އިފްތިތާހު ކޮށް، ޔޫއޭވީ ތައާރަފު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

އެމްއެންޑީއެފް

އިތުރު ޑްރޯން ގެނެސް ކޯސްޓް ގާޑުގެ ކެޕޭސިޓީ ދެގުނަ ކުރާނަން: ރައީސް

ރައީސް ވިދާޅުވީ، މިއަހަރު އެމްއެންޑީއެފްގެ ކެޕޭސިޓީ އިތުރުކުރެވި ހައިޑްރޯގްރަފީ ސާވޭ ވެސް ފެށޭނެ ކަމަށް

އެމަނިކުފާނުގެ ވެރިކަމުގައި އިތުރު ޔޫއޭވީ ނުވަތަ ޑްރޯންތައް ގެނެސް، ކޯސްޓް ގާޑުގެ ގާބިލިއްޔަތު ދެގުނަ ކޮށް، ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު ކަމަށްވާ އެއާ ކޯ އިފްތިތާހުކޮށްދެއްވާ، ރާއްޖެއަށް އަލަށް ގެނައި ޑްރޯންތަކުގެ އޮޕަރޭޝަންސް ފަށަން މިރޭ ނ. މާފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - ކަނޑުގެ ސަރަހައްދުން ބަލާއިރު ރާއްޖެއަކީ 900،000 އަކަ ކިލޯމީޓަރުގެ ބޮޑު ގައުމެއްކަން ފާހަގަކުރައްވާ، ރާއްޖޭގެ ސަރަހައްދުގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭނީ، މި ސަރަހައްދަކީ އަޅުގަނޑުމެން އަމިއްލައަށް ބަލަހައްޓާ ސަރަހައްދަކަށް ވެގެންކަން ރައީސް ފާހަގަކުރެއްވި އެވެ.

އެއާ ކޯ އިފްތިތާހުކޮށް، ޑްރޯން ތައާރަފުކުރުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަންނަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

"މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ސަރަހައްދު ބެލެހެއްޓީމަ އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންނަށް އިރާދަ ކުރެއްވިއްޔާ އެބަ ޔަގީންވެގެން ދޭ،" ރައީސް ވިދާޅުވި އެވެ.

އަދި ރާއްޖޭގެ ސަރަހައްދު އެންމެ ފުރިހަމައަށް ބެލެހެއްޓުމަށްޓަކައި ދިވެހި އަސްކަރިއްޔާގެ ބާރު އިތުރުކުރަން ހާއްސަ އިސްކަމެއް ދެއްވައިގެން މި ދައުރުގެ ތެރޭގައި ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

'ބައެއް ޑްރޯނަކީ ހިލޭ އެހީ، އަދިވެސް އިތުރަށް ލިބޭނެ'

ރާއްޖޭގައި މިއަދު ރަސްމީކޮށް ދުއްވަން ފަށާފައިވަނީ ތުރުކީގައި އުފައްދާފައިވާ 'ބައިރަކުތާރު ޓީބީ2' މަރުކާރގެ ތިން ޑްރޯނެވެ. ރައީސްގެ ވާހަކަފުޅުގައި މި ޑްރޯންތައް ރާއްޖެއަށް ފޯރުކޮށްދިނުމުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ވެދެއްވި އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ.

"މިތަނުން ތިން ޔޫއޭވީ ފެނުނު ނަމަވެސް އިރާދަކުރެއްވިއްޔާ އެއަށް ވުރެ މާ ގިނަވާނެ އެމަނިކުފާނާ [އުރުދުގާންއާ] އަޅުގަނޑުމެންނާ މިއޮތް ގާތް ކަމުގެ ތެރެއިން އަޅުގަނޑުމެންގެ އަސްކަރިއްޔާގެ ބާރުވެރިކަން [އިތުރުވާ މިންވަރު]،" ރައީސް ވިދާޅުވި އެވެ.

"އަދި މީގެ ގިނަ އާލާތްތަކަކީ މި ގާތްކަމުގެ ތެރެއިން ދިވެހި ގައުމަށް ހިލޭ ހަދިޔާ ކުރައްވާފައިވާ ތަކެތިކަން ވެސް އަޅުގަނޑު ފަހުރުވެރިކަމާ އެކީގައި ފާހަގަކުރަން."

ރާއްޖޭގެ އެއާ ކޯއަށް އަލަށް ތައާރަފުކުރެވުނު ޔޫއޭވީ. މީގެ ތިން ޑްރޯން މިހާރު ދުއްވާ އިރު ކުރިއަށް އޮތްތަނުގައިި އިތުރު ޑްރޯން ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި. (ފޮޓޯ/ ރައީސް އޮފީސް)

ތުރުކީގެ ސަރުކާރުން ރާއްޖެއާ ބާއްވާ ގާތްކަމުގެ ތެރެއިން ބައިކާރު ކުންފުނިން ފޯރުކޮށްދިން މި ޔޫއޭވީތަކުގެ ސަބަބުން ދިވެހި އަސްކަރިއްޔާއަށް ލިބިގެން މި ދިޔަ ގާބިލިއްޔަތަކީ އެންމެ މަތީ ފަންތީގައި ހިމެނޭ ޓެކްނޮލޮޖީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

މިއަދު ތައާރަފު ކުރެވިގެން މިދިޔަ ވަސީލަތްތަކުގެ އެހީގައި 24 ގަޑިއިރު ސާވެއިލަންސްގެ މަސައްކަތް ކުރެވޭނެ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން، އެމަނިކުފާނު ވިދާޅުވީ:

  • ކަނޑުމައްޗަށް މީހުން ގެއްލޭ ހާލަތްތަކުގައި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތައް ފަސޭހަކަމާއެކު ހިންގޭނެ 

  • ކަނޑުމަގުން ކުރެވޭ ޑްރަގްގެ މުއާމަލާތްތައް ހުއްޓުވުމަށްވެސް އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދަން ނުޖެހޭނެ

  • މިރޭ ލޯންޗު ކުރި 'ރަސް އައިން' އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިކަން ކުރާ ފަރާތްތަކަށް މަސް އައިން ހޯދޭނެ އަދި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ ބޭނުން ފުރިހަމައަށް ހިފޭނެ

'ކޯސްޓް ގާޑުގެ ކެޕޭސިޓީ ދެގުނަ ކުރާނަން'

ކަނޑު މަގުން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުން ހަވާލުވެފައިވާ ކޯސްޓް ގާޑުގެ އުޅަނދުތަކުގެ ފެންވަރު ވެސް ހުރީ ވަރަށް ދަށްކޮށް ކަމަށާއި، ރާއްޖެއަށް ބޭނުންވާ ކެޕޭސިޓީ ކޯސްޓް ގާޑުގައި ނެތްކަން ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު މިތާ އިއުލާން ކުރަން ބޭނުންވާ ކަމަކީ، އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ނިމޭ އިރު މިހާރުގެ ކޯސްޓް ގާޑުގެ ކެޕޭސިޓީ ދެގުނައަށް ބޮޑު ކުރާނެކަން،" ރައީސް ވައުދުވެވަޑައިގެންނެވި އެވެ. 

އެގޮތުން އެމަނިކުފާނު ވިދާޅުވީ:

  • ކޯސްޓް ގާޑަށް އެކި ސައިޒުގެ އުޅަނދުތައް ހޯދުމަށްޓަކައި ތުރުކީ އަދި އެހެން އެކުވެރި ގައުމުތަކާ އެކު މިހާރު ވެސް ދަނީ މުއާމަލާތު ކުރެވެމުން

  • ކޯސްޓް ގާޑުގެ ކަނޑުގެ ކެޕޭސިޓީ ވެސް ދުވަހަކަށް ވުރެ ދުވަހެއް މަތިކުރެވެމުން ދާނެ؛ ވައިގެ މަގުން އެއާ ކޯއަށް އިތުރު ކުރެވި، ކަނޑުގެ މަގުން ވެސް އުޅަނދު އިތުރުކުރެވޭނެ

  • ކަނޑުގެ މަގުންނާއި ވައިގެ މަގުން ކެޕޭސިޓީ އިތުރުކުރުމާ އެކު، އެއްގަމުގައި ބޭނުންކުރާ އެކި ވަސީލަތްތައް ވެސް ހޯދާނެ

އެއާ ކޯ އިފްތިތާހުކޮށް، ޑްރޯން ތައާރަފުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ ރައީސް އޮފީސް)

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ އަސްކަރީ ގިނަ ވަސީލަތްތައް ހުރީ އެއްވެސް އަޅާލުމެއް ނެތި އަދި މަރާމާތު ކުރުމެއް ނެތި ކަމަށް ވިދާޅުވެ، އެގޮތަށް ހުރި އަސްކަރީ ވަސީލަތްތައް އަލުން އާބާތުރަ ފިލުވައި ރަނގަޅު ފެންވަރަކަށް ގެނެސްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން އެކަންކަމަށް ބަޖެޓު ހަމަޖައްސައި އެކަމަށް ބޭނުންވާ ވަސީލަތްތައް ވެސް މިހާރު ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވި އެވެ.

"އިރާދަ ކުރެއްވިއްޔާ ހުރިހާ މާނައެއްގައި އަޅުގަނޑުމެންގެ ދިވެހި އަސްކަރިއްޔާ ވެގެން ދާނީ އަބަދުވެސް އަޅުގަނޑުމެން ފަހުރުވެރިވާ، އަދި އެއަށްވުރެވެސް ބޮޑަށް އަޅުގަނޑުމެން ފަހުރުވެރިވާނެ ބަޔަކަށް ކަން އަޅުގަނޑުމެން ޔަގީންކުރަން. އިރާދަކުރެއްވިއްޔާ އެކަން އެގޮތުގައި ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

'މި އަހަރު ދިވެހި އަސްކަރިއްޔާ އިން ހައިޑްރޯގްރަފީ ސާވޭ ފަށާނެ'

ރައީސް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ކަނޑުގެ އަޑި ދިރާސާ ކުރަން އެހެން ފަރާތްތަކުގެ އެހީ ހޯދަން ޖެހުނު ނަމަވެސް އެކަން ވެސް ދެން ކުރިއަށް ގެންދާނީ ސީދާ ދިވެހި އަސްކަރިއްޔާގެ ފަރާތުން ކަމަށެވެ.

"އެކަމަށްޓަކައި ބޭނުންވާ މާލީ ތަނަވަސްކަން، މާލީ ކަންކަން، ބަޖެޓުގެ ކަންކަން މިހާރު ވާނީ ހަމަޖައްސައިދީފައި އެމްއެންޑީއެފް އަށް،" ރައީސް ވިދާޅުވި އެވެ.

"މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ހައިޑްރޯގްރަފީގެ މަސައްކަތް ވެސް އެމްއެންޑީއެފްގައި އެ ކެޕޭސިޓީ ގާއިމްކުރެވިގެން އަޅުގަނޑުމެން އަމިއްލައަށް ކުރަން ފަށާނީ."

ފާހަގަކޮށްލެވޭ - އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، ދިވެހިންގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ވެވަޑައިގެންނެވި ވައުދުތަކަށް ރައީސް މިރޭގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވި އެވެ.

"17 ނޮވެމްބަރުގައި ރައްޔިތުންނާ މުހާތަބުކޮށް އަޅުގަނޑު އެންމެ ފުރަތަމަ ދެއްކި ވާހަކައިގައި މިވާހަކަ ދެއްކިން،" ރައީސް ހަނދާން އާކުރެއްްވި އެވެ.

"ދިވެހިންގެ މިނިވަންކަމުގެ ރަތް ރޮނގު އަޅުގަނޑު ދަމާނީ ވަރަށް ފަލަކޮށޭ. އެ ރަތް ރޮނގުގެ އެތެރެއަކަށް ހަމަ އެއްވެސް ބަޔަކަށް ވަނުމުގެ ހައްގެއް ނޯންނާނޭ. އެކަން ކުރުމުގެ ފުރުސަތެއް ހަމަ ހިލާ ނުދޭނަމޭ. އެތެރޭގަ ތިބި ބަޔަކު ވިއްޔާ އިރާދަކުރެއްވިއްޔާ ބޭރު ކުރާނަމޭ."

ރައީސް މުއިއްޒު ވިދާޅުވީ، އެކަން އެމަނިކުފާނު ގެންދަވަނީ ބަހާ އަމަލުން ދައްކަވަމުން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް