މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ، އެމްޑީޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ)
ސަރުކާރުން ބޮޑު އަގުގައި ޑްރޯން ގަތުމަކީ ކެމްޕެއިނަށް ފައިސާ ހޯދުމަށް ހިންގި ޖަރީމާއެއް: އެމްޑީޕީ
ރާއްޖޭގެ އިގްތިސާދީ ސަރައްހަދު ބެލެހެއްޓުމަށް ސަރުކާރުން "ބޮޑު އަގުގައި" ގަތް އަސްކަރީ ޑްރޯންތަކަކީ، އަވަސް އަރުވާލައިގެން، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ފައިސާ ހޯދުމަށް ހިންގި "ވަރަށް ބޮޑު ޖަރީމާއެއް" ކަމަށް އިދިކޮޅު އެމްޑީޕީން މިރޭ ތުހުމަތުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެކު ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، ތުރުކީ އިން އުފައްދާ އަސްކަރީ ޑްރޯންތަކެއް ބައްލަވާލެއްވުމަށް ފަހު، އެ ތަކެތި ގަތުމަށް އެއްބަސްވުމެއް ވަނީ ހަދާފަ އެވެ. އެ އެއްބަސްވުމާ ގުޅޭ ތަފްސީލެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، އެ ޑްރޯންތައް ރާއްޖެ ގެނެސް، ނ. މާފަރު އެއާޕޯޓުގައި ބޭނުންކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
އެއީ "ޖަރީމާއެއް" ކަމަށް އެމްޑީޕީގެ ފަރާތުން ސިފަ ކުރެއްވީ، މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އެވެ.
ބުނީ ކީކޭ؟ - "ބަޖެޓު ނުކުރައްވާ ކަމެއް، ކޮންޓިންޖެންސީ ބަޖެޓުން ނަގައިގެން ކުރެއްވި ކުރެއްވުމަކީ، ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް. އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ [އެއީ] މި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފައިސާ ހޯދުމަށްޓަކައި [ކުރި ކަމެއް ކަމަށް]،" ޑްރޯންތަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އީސަ ވިދާޅުވި އެވެ.
ތަފްސީލު - އީސަ އިތުރަށް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަކީ ރައްޔިތުންނާއި ހާއްސަކޮށް މަސްވެރިން ވެސް ނުހަނު ބޭނުންވާނެ ކަމެއް ކަމަށާއި އެކަން ޑްރޯންއިން ކުރުމަށް އެމްޑީޕީ ސަރުކާރުގައި ވެސް މަސައްކަތްތަކެއް ކުރި ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
އެމްޑީޕީ ސަރުކާރުގައި ޑްރޯން ބޭނުން ކުރުމަށްޓަކައި ކަމާ ގުޅުން ހުރި އިދާރާތަކުން އެކަމާ ގުޅޭ ދިރާސާތަކެއް ހެދި؛ އޭގެ ތެރޭގައި ޑްރޯން ބޭނުންކުރާނެ ސަރަހައްދުތަކާއި ބޭނުންވާ ޑްރޯންގެ އަދަދުތައް ވެސް ސާފު ކުރި
-
ރަހުމަތްތެރި ގައުމަކުން ރާއްޖެއަށް ހިލޭ އެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ދެ ގައުމުގެ ކަމާ ގުޅުންހުރި އިސް ފަރާތްތަކުން މަޝްވަރާ ކުރަމުންދަނިކޮށް ސަރުކާރު ބަދަލުވީ
އީސަ ވިދާޅުވިގޮތުގައި، އޭރު ހެދި ދިރާސާތަކުގައި، ދުނިޔޭގެ ބާޒާރުގައި އެފަދަ ޑްރޯން ވިއްކަން ހުރި އަގުތައް ވެސް އެމްޑީޕީ ސަރުކާރުން ބެލި އެވެ. އެ ހިސާބަށް އެކަން ގެންގޮސްފައި ވަނިކޮށް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން "ތެޅިފޮޅިގެން" ތުރުކީއަށް ވަޑައިގެން އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުން ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާންމު އުސޫލާ ހިލާފަށް އެކަން އެ ކުރެއްވި ކުރެއްވުމަކީ، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޝައްކު އުފެދޭ ކަމެއް. އަޅުގަނޑުމެން ވަރަށް ބޮޑަށް ތުހުމަތު ކުރަން ރައްޔިތުންގެ މަޖިލިސް އިންތިހާބު[ގެ ކެމްޕެއިނަށް] ހަރަދުކުރަން ފައިސާ ހޯދުމަށް ހިންގި ވަރަށް ބޮޑު ޖަރީމާއެއްގެ ގޮތުގައި،" އީސަ ތަކުރާރުކޮށް ވިދާޅުވި އެވެ.
އީސަ ނޫސްވެރިންގެ ބައްދަލުވުމުގައި ދެން ދެއްކެވި ބައެއް ވާހަކަތައް ކުރުކޮށް:
-
ހަތަރު ރަށެއްގެ ފެނަކަ ބްރާންޗްތަކުގެ މުވައްޒަފުންނަށް އަދިވެސް މުސާރަ އާއި ރޯދަ އެލަވަންސް ނުލިބޭ؛ އެކަން ބެލުމަށް ފެނަކަ ކުންފުނީގެ ވެރިން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ކުރާނަން
-
ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނީ މަޖިލީހަށް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކަކީ "ބުހުތާނު ދޮގެއް." މިދިޔަ އަހަރު މަޖިލީހުން ފާސް ކުރި މި އަހަރުގެ ބަޖެޓުގައި މުސާރަތައް ބޮޑުކުރުމަށް 500 މިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ. އެއިން އެކަން ކުރެވޭނެ
-
މަޖިލިސް އިންތިހާބަށް ބައެއް ދާއިރާތަކުގައި ސަރުކާރުގެ ކެންޑިޑޭޓުން ކަމަށް ދައުވާ ކުރާ ފަސް ކެންޑިޑޭޓުން ވެސް އެބަ ތިބި. ޕީއެންސީގެ ލީޑަޝިޕުގެ ވަކިވަކި ބޭފުޅުން ދަނީ ބައެއް ދާއިރާތަކަށް ކެންޑިޑޭޓުން ނެރެމުން