މާފަރުގެ މަތިން އިއްޔެ އުދުއްސި އެމްއެންޑީއެފްގެ ޔޫއޭވީ ޑްރޯންގެ ސްކްރީން ޝޮޓެއް

އެމްއެންޑީއެފް

ޑްރޯންތައް އުދުއްސަން ފަަށައިފި، މައުލޫމާތެއް ހާމައެއް ނުކުރޭ

އެމްއެންޑީއެފް އިން ބުނީ އެކަމާ ގުޅޭ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް؛ ނަމަވެސް މިހާތަނަށް އެކަމާ ގުޅޭ މައުލޫމާތު ދީފައެއް ނުވޭ

ރައީސް މުހައްމަދު މުއިއްޒު އިންތިހާބުވެ، ހުވާކުރެއްވުމަށް ފަހު ފުރަތަމަ ވަޑައިގަތީ ތުރުކީއަށެވެ. އެ ދަތުރުފުޅުގައި ތުރުކީން އުފައްދާ އަސްކަރީ ޑްރޯންތަކެއް ބައްލަވާލެއްވުމަށް ފަހު، އެތަކެތި ރާއްޖެއަށް ގެނައުމަށް އެއްބަސްވުމެއް ހެދިކަމުގެ ހަބަރުތައް ފެތުރުނެވެ.

ނަމަވެސް އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރާއްޖެ ވަޑައިގެން ދަތުރުފުޅުގެ ބްރީފް މައުލޫމާތުކޮޅެއް ހިއްސާ ކުރެއްވި ބައްދަލުވުމުގައި އެ އެއްބަސްވުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ރައީސް ނުދައްކަވަ އެވެ.

އެހެން އެކަން އޮއްވައި، ބޭސް ސްޓޭޝަނެއްގެ ގޮތުގައި ނ. މާފަރު ކަނޑައަޅައި މި މަސްތެރޭ ވަނީ ތުރުކީން ޑްރޯންތަކެއް ގެނެސްފަ އެވެ. އަދި އިއްޔެ ވަނީ އެ ޑްރޯންތައް ވައިގެ ތެރޭ އުދުއްސާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

އެތަކެތި އޮޕަރޭޓުކުރަން ދިވެހި ސިފައިން މާފަަަރަށް ގޮސްފައިވާ ކަމަށް ބައެއް ނޫސްތަކުގައި މައުލޫމާތު ފެތުރި އެވެ. އެކަމަކު މިހާތަަނަށް ސަރުކާރުން ނުވަތަ އެމްއެންޑީއެފުން ވެސް މި ޑްރޯންތަކާ ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ޑްރޯންތަކެއް ގެނެސް، އެތަކެތި މާފަރުގެ މަތިން އުުދުއްސަން ފެށި އިރު، އެ ޑްރޯންތައް އޮޕަރޭޓުކުރަނީ ކޮން ބައެއް ކަމެއް، ރާއްޖެ ގެނައީ ކިތައް ޑްރޯން ކަމެއް އަދި އެތަކެތި ގެންނަން ހަރަދުވި ފައިސާގެ އަދަދެއް ވެސް މިހާތަނަށް އެމްއެންޑީއެފުން ނުބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން މިއަދު 'ދައުރު' އިން އެމްއެންޑީއެފްއާ ސުވާލުކުރުމުން ބުނީ، އެ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ. އެކަމަކު ހާމަކުރާނެ ދުވަހެއް ނުބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހަށާއި އެމްއެންޑީއެފްއަށް 'ދައުރު' ފޮނުވި ސުވާލުތަކުގެ ޖަވާބެއް މިހާތަަނަށް ލިބިފައެއް ނުވެ އެވެ.

ޑްރޯންތަކާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް

މާފަރުގައި އޮޕަރޭޓުކުރަން ނިންމާފައިވާ ޑްރޯންތަކާ ގުޅޭ ގޮތުން ރަސްމީ އެއްވެސް މައުލޫމާތެއް ސަރުކާރުން މިހާތަނަށް ހާމަނުކުރި ނަމަވެސް، އޭވިއޭޓާސް މޯލްޑިވްސް އިން އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައި ވާ ގޮތުން، މާފަރުގެ މަތިން އިއްޔެ އުދުހުނީ 'ބައިރަކުތާރު ޓީބީ2'ގެ ޑްރޯންއެކެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމާގައި މިފަދަ ޑްރޯންތައް ބޭނުންކޮށްފައިވެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މާފަރުގައި ޑްރޯން އޮޕަރޭޓުކުރަން ތުރުކީއާ އެކު ހެދި އެއްބަސްވުމުގެ އަގު ގާތްގަނޑަކަށް 560 މިލިއަން ރުފިޔާއަށް އަރަ އެވެ.

މި ޑްރޯންތައް މާފަރުގައި އޮޕަރޭޓުކުރުމާ ގުޅޭ ގޮތުން ސަރުކާރުން ސީދާ މައުލޫމާތު ހާމަނުކޮށް އޮތަސް، މި ފަހުން ރ. މީދުއަށް ވަޑައިގެން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ 24 ގަޑިއިރު ހުއްޓުމެއް ނެތި، ރާއްޖޭގެ އިގްތިސޯދީ ޒޯން ބެލެހެއްޓޭނެ ނިޒާމެއް މި މަސްތެރޭ ގާއިމުކުރައްވާނެ ކަމަށެވެ.

ރައީސް އެދުވަހު ވިދާޅުވީ:

  • އެތަންތަން ބެލެހެއްޓުމުގައި މިހާރު ރާއްޖޭގެ އަމިއްލަ ބާރެއް އަދި އަމިއްލަ ކެޕޭސިޓީއެއް ނެތް 

  • ރާއްޖޭގެ %99 އަކީ އެ ކަނޑުގެ ސަރަހައްދު ކަމަށް ވިޔަސް، މި ސަރަހައްދުގެ ބޮޑު ބައި މިއަދާ ހަމަޔަށް އައިއިރު ރާއްޖެއަށް ނުބެލެހެއްޓޭ 

  • އެހެންވީމާ މި ބޮޑު ސަރަހައްދުން އެހެން ބަޔަކު ވަދެ ބޭނުމެއް ކުރިޔަސް، ކޮންމެ ފަދަ ނުރައްކަލެއް އަޔަސް ކުރެވޭނެ ކަމެއް ނޯވޭ؛ އެހެން ބައެއްގެ އެހީތެރިކަން ހޯދައިގެން ނޫނީ ވާނެ އެއްވެސް ކަމެއް ނެތް

"އެހެންވީމާ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ މިހާރު، އިރާދަކުރެއްވިއްޔާ މި މާރިޗު މަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް އެ މަސައްކަތް ފެށޭނެ. އަދި 24 ގަޑި އިރު ހުއްޓުމެއްނެތި، މި ސަރަހައްދު ބެލެހެއްޓޭނެ ނިޒާމު އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ގާއިމުކުރާނަން،" އެ ނިޒާމުގެ ތަފްސީލެއް ނުދެއްވާ ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (1)

ައަދަބީ

16 މާރިޗު 2024
ޑްރޯން އިން ލިބޭ މަޢުލޫމާތު ބީޖޭޕީގެ ގޮފި އެމްޑީޕީއަކަށް ހާމަކުރާކަށް ނުޖެހޭ. ހާމަކުރާ މަޢުލޫމާތު ދަޢުލަތާ ދެކޮޅަށް ބޭނުންކުރަނީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް