ނ. ކުޑަފަރީ ދެ އަންހެނަކު މަސައްކަތެއްގައި: ޓޫރިޒަމާއި ކަނޑުފަޅުގެ އިގްތިސޯދުގައި އަންހެނުންގެ ބައިވެރިވުން ބޮޑުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް ތައާރަފްކުުރުމަށް ވެސް ސީޑޯ ކޮމިޓީން ވަނީ ސަރުކާރަށް ހުށަހަޅައިފައި. (ފޮޓޯ/ ކުޑަފަރީ ކައުންސިލް)

ސީޑޯ ކޮމިޓީގެ ލަފާ: ރަށްރަށް ދިގު މުއްދަތަށް ކުއްޔަށްދޭންވާނީ މަޝްވަރާ އާއި ނިންމުންތަކުގައި އަންހެނުން ބައިވެރިކޮށްގެން

ކޮމިޓީން ބުނީ ގުދުރަތީ ވަސީލަތްތައް މެނޭޖުކުރުމުގެ ހުރިހާ މަރުހަލާއަކުން ރަށްފުށު އަންހެނުން ބާކީކޮށްފައިވާތީ ހިތާމަކުރާ ކަމަށް

"ދިގު މުއްދަތަށް ބިން ކުއްޔަށް ދޫކުރުމުގައި، ރަށްފުށު އަންހެނުންގެ ހައްގުތަކާއި ކާންބޯން ކުރާ މަސައްކަތަށް ހީނަރުކަން ނާންނާނެކަން ކަށަވަރުކުރަންވާނެ އެވެ. އަދި އެފަދަ މަޝްރޫއުތަކަށް ހުއްދަދެނީ ރަށްފުށު އަންހެނުން ބައިވެރިކުރާ މަޝްވަރާތަކާއި ނިންމުންތަކަކަށް ފަހުގައިކަން ޔަގީންކުރަންވާނެ އެވެ." މިއީ އަންހެނުންނާ މެދު ކުރާ ހުރިހާ ބާވަތެއްގެ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ އދގެ މުއާހަދާ (ސީޑޯ)ގެ ކޮމިޓީން ރާއްޖޭގެ ހާލަތު ބެލުމަށް ފަހު ދިވެހި ސަރުކާރަށް ހުށަހަޅަން ފާސްކޮށް، މި ނިމުނު ހަފްތާގައި އާއްމުކޮށްފައިވާ ރެކޮމެންޑޭޝަންތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ހުށަހެޅުމެވެ.

ރާއްޖޭގެ ހަވަނަ ސީޑޯ ރިޕޯޓް ސަރުކާރުން ހުށަހެޅުމުން ސީޑޯ ކޮމިޓީން މިދިޔަ މަހު ރިވިއުކުރި އިރު އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ލޭންޑް ސީ މޯލްޑިވްސް އިން ވަނީ، ފަޅު ރަށްތައް ހިމެނޭ ގޮތަށް، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ދިގު މުއްދަތަށް ކުއްޔަށް ދޭ ގޮތުން އެ ތަންތަނުގެ ފައިދާ އިން އާއްމުން މަހުރޫމްވެ އޭގެ އަސަރު ވަކިން ބޮޑަށް އަންހެނުންނަށް ފޯރާފައިވާކަން ފާހަގަކޮށް ކޮމިޓީއަށް ރިޕޯޓެއް ހުށަހަޅައި ބަޔާނެއް އިއްވައިފަ އެވެ. ލޭންޑް ސީ މޯލްޑިވްސް އިން ބުނިގޮތުގައި އެ މައްސަލައާ ދޭތެރޭ ކޮމިޓީން ވިސްނައި ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ބިމުގެ މައްސަލަ ހިމެނުމަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ.

"މިއީ ބައިނަލްއަގުވާމީ ޖަމާއަތަކުން މީގެ ކުރިން ދިވެހި ސަރުކާރަށް އަންގާފައި އޮތް އެންގުމެއް ހެނެއް ހިއެއް ނުވޭ،" ލޭންޑް ސީ މޯލްޑިވްސްގެ ކޯ-ފައުންޑަރު މުނާ މުހައްމަދު ވިދާޅުވި އެވެ.

ރާއްޖެއާ މެދު ސީޑޯ ކޮމިޓީގެ ނިންމުންތަކުގައި ބުނެފައިވަނީ ގުދުރަތީ ވަސީލަތްތައް މެނޭޖުކުރުމުގެ ހުރިހާ މަރުހަލާއަކުން ރަށްފުށު އަންހެނުން ބާކީކޮށްފައިވާތީ ހިތާމަކުރާ ކަމަށެވެ. އޭގެ ސަބަބުން އެ އަންހެނުންގެ ވިޔަފާރި އާއި އާމްދަނީ ހޯދުމުގެ ފުރުސަތުތައް މަދުވެ ކާންބޯން ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭކަން ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ.

ކޮންމެ ކަމެއް ވެސް ފަށާ އިރު ހުންނާނެ ރަނގަޅުކުރަން ޖެހޭ ކަންތައްތައް، މައްސަލަތައް ވެސް ހުންނާނެ. އެކަމަކު އެކަންކަން ރަނގަޅު ނުކޮށް ހަމަ އެ އޮތް ގޮތަށް ކުރިއަށް ގެންދާކަށް ނުވާނެ. އިށީނދެފައި އެކަންކަން އިތުރަށް ބަލަންވާނެ.

މުނާ މުހައްމަދު / ލޭންޑް ސީ މޯލްޑިވްސްގެ ކޯ-ފައުންޑަރު

ރަށްރަށުގައި އެންމެ ކުރިންސުރެ ވެސް ދިރިއުޅެމުން އައި ގޮތަށް، ކައިރި ފަޅު ރަށްރަށުން ފަނާއި ކާއްޓާއި ދަރު ފަދަ ތަކެތި ހޮވައިގެން ކައިބޮއެ، އާމްދަނީ ހޯދާ އަންހެނުން އަތޮޅުތަކުގައި ގިނަކަން ލޯކަލް ކައުންސިލްތަކުން ފާހަގަކުރެ އެވެ. އެކަމަކު ޓޫރިޒަމާއި ސިނާއީ ދަނޑުވެރިކަން ފަދަ ކަންކަމަށް ދޫކުރުމަށް ސަރުކާރުން އެފަދަ ގިނަ ރަށްތަކެއް ނަގައި އާއްމުންނަށް ބޭނުން ނުކުރެވޭ ގޮތަށް ރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ ސަބަބުން އަންހެނުންނާއި ޖުމްލަކޮށް ހުރިހާ ރައްޔިތުން އެ ތަންތަނުގެ ހައްގުން މަހުރޫމްވެފައިވާކަން ފާހަގަކޮށް އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"އަންހެނުންނޭ ބުނާ އިރު އަޅުގަނޑުމެން މި ބުނަނީ އާއިލާތަކުގެ ވާހަކަ، ޖަމާއަތުގެ ވާހަކަ، މުޖުތަމައުގެ ވާހަކަ. އެހެންވީމާ އަޅުގަނޑުމެންގެ ބޭނުންތައް ފުއްދަން އަޅުގަނޑުމެންނަށް ބޭނުންވާ ރަށްރަށް ލިބެން ޖެހޭނެ،" މުނާ ވިދާޅުވި އެވެ.

ލޭންޑް ސީ މޯލްޑިވްސްގެ ކޯ-ފައުންޑަރު މުނާ މުހައްމަދު 18 އޮކްޓޯބަރު 2021ގައި އދގެ ސީޑޯ ކޮމިޓީއަށް ބަޔާނެއް އިއްވަވާ މަންޒަރު، ވީޑިއޯ ސްކްރީންޝޮޓަކުން.

މުނާ ވިދާޅުވީ އާއްމުންގެ ބޭނުންތަކަށް ހުރަސް އެޅޭ ގޮތަށް އަދި އާއްމުންގެ ނުރުހުމުގައި ފަޅު ރަށްތައް ފަދަ ތަންތަން ނެގުމަކީ ބިން ފޭރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އިންސާނީ ހައްގުތައް ފުރިހަމަކުރަން އަޅުގަނޑުމެންނަށް ބޭނުންވާ ގުުދުރަތީ ވަސީލަތްތައް ބަހައްޓާފައި ދެން ހުރި އެއްޗެއް، ގެންދަންވާނީ. އެއަށް ދަތިވާ ގޮތަށް ގުދުރަތީ ވަސީލަތްތައް ނެގުމަށް މި ކިޔަނީ ލޭންޑް ގްރެބިންއޭ ނުވަތަ ރިސޯސް ގްރެބިންއޭ،" މުނާ ވިދާޅުވި އެވެ.

"މިސާލަކަށް ފޭދޫފިނޮޅެއް ނުނެގޭނެ، ކުޑަބަނޑޮހެއް ނުނެގޭނެ، ދައްޕަރެއް ނުނެގޭނެ، އުފުލަންދޫއެއް ނުނެގޭނެ. އެއީ ރައްޔިތުން މި ބުނަނީ އެ ތަންތަން ތިމަންނަމެން ބޭނުމޭ މިވެނިއެވެނި ކަމަކަށް. ދެން ބަލައިލާ އިރު އެ ބޭނުންތައް މި ހުންނަނީ އަހަރެމެންގެ ދުޅަހެޔޮކަމާއި އާމްދަނިއާ ގުޅިފައި، އަދި ބޯހިޔާވަހިކަން ނުލިބުމުގެ މައްސަލަ ވެސް ރާއްޖޭގައި އިންތިހާއަށް އެބައޮތް."

ޓޫރިޒަމް އިންޑަސްޓްރީ 'އަލުން ބައްޓަންކުރަން ޖެހޭ'

ކާބޯތަކެތި ހޯދުމާއި ސިއްހީ ގޮތުން އަދި ބިން ފުރި ތޮއްޖެހުމުގެ ސަބަބުން ދިވެހިންނަށް ބޯހިޔާވަހިކަމުގެ މައްސަލަ އާއި އެތަކެއް އިޖުތިމާއީ އިގުތިސާދީ ގޮންޖެހުންތައް ކުރިމަތިވެފައި ހުރި އިރު، ފަޅު ރަށްރަށުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނައިން ޓޫރިޒަމަށް ދޫކޮށްފައި ހުރިކަން ލޭންޑް ސީ މޯލްޑިވްސް އިން ވަނީ ސީޑޯ ކޮމިޓީގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.

ޓޫރިޒަމް އެހާ ބޮޑަށް ފުޅާވި އިރު ވެސް ޓޫރިޒަމް ދާއިރާގެ ވަޒީފާތަކުގައި އަންހެނުންގެ ހިއްސާއަކީ އެންމެ %3 އެވެ. ސީޑޯ ކޮމިޓީން ވަނީ ޓޫރިޒަމް ދާއިރާގެ ވަޒީފާތަކާއި ކަނޑުފަޅުގެ އިގްތިސޯދުގައި އަންހެނުންގެ ބައިވެރިވުން ބޮޑުކުރުމަށް އަމާޒުކޮށްގެން ހާއްސަ ފިޔަވަޅުތަކެއް ތައާރަފްކުުރުމަށް ވެސް ސަރުކާރަށް ހުށަހަޅައިފަ އެވެ.

މުނާ ވިދާޅުވީ ޓޫރިޒަމް ދާއިރާގައި އަންހެނުންގެ ސީދާ ބައިވެރިވުން އެހާ ކުޑަ އިރު، ޓޫރިޒަމް ފުޅާކުރުމަށް ފަޅު ރަށްތައް ނެގުމުގެ ނަތީޖާއެއްގެ ގޮތުން، އަންހެނުން ކާންބޯން ކުރާ މަސައްކަތް ނެތިގެންދިޔުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

"މިހާރަށް ވުރެ ބޮޑަށް އަންހެނުންގެ ހިއްސާ ވެސް އޮންނާނެ ގޮތަކަށް މުޅި އިންޑަސްޓްރީ ބައްޓަންކުރަން ކޮންމެވެސް މަސައްކަތްތަކެއް، ނުވަތަ މަޝްވަރާ ވިޔަސް، ފައްޓާނެ ކަމަށް އުއްމީދުކުރަން،" މުނާ ވިދާޅުވި އެވެ.

"އާއިލާއެއްގެ ކަންކަން ހަލާކުކުރާ އެއްޗެއްގެ ގޮތުގައި ޓޫރިޒަމް ފެށުނީ. ކޮންމެ ކަމެއް ވެސް ފަށާ އިރު ހުންނާނެ ރަނގަޅުކުރަން ޖެހޭ ކަންތައްތައް، މައްސަލަތައް ވެސް ހުންނާނެ. އެކަމަކު އެކަންކަން ރަނގަޅު ނުކޮށް ހަމަ އެ އޮތް ގޮތަށް ކުރިއަށް ގެންދާކަށް ނުވާނެ. އިށީނދެފައި އެކަންކަން އިތުރަށް ބަލަންވާނެ."

އިތުރަށް ކިޔާލަން:

ކޮމެންޓް (1)

ރަށްފުށުގެ

21 ނޮވެމްބަރު 2021
މިއީ ގައުމީ މައްސަލައެއް. އަތޮޅުތަކުގެ ރިސޯސްތައް ރަށްތަކުގައި ދިރއުޅޭ މީހުންނަށް މަހްރޫމްކުރުން. އަަތޮޅުތަކުގައި ހިމެނޭ ރަށްތައް އެ އަތޮޅެއްގެ ކައުންސިލްގެ ބާރުގެ ދަށަށް ދޫކޮށްލަން ޖެހޭ. އަދި އާންމުންނަށް ބޭނުންކުރެވޭގޮތަށް ފަޅުރަށްތައް ބަހައްޓަން ޖެހޭ. މިހާރު ކޮންމެވެސް ކަމަކަށް ރަށް ލިއުއްވައިގެން ބައެއް މީހުން އެމީހުންގެ ގަނޑުވަރުގޮތަށް ރަށްތައް ބޭނުންކުރަނީ. ރަށްފުށުގެ ރައްޔޮތުންގެ ހާލަތާ މެދު މި ރިސޯސް ބެނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ. މިހާރު މި ކަންތައްތައް މި ކުރަނީ ވަރަށް އިހާނެތިކޮށް. އެންމެ ކުޑަމިނުން ދަތުރުދާނެރަށެއްވެސް ކައިރިން ނުލިބޭ. ހުރިހާ ކައުންސިލްތަކުން އެބަޖެހޭ އާންމުންގެ ހައްގުތަކަށްޓަކައި މަސައްކަތްކުރަން. ބިން އަތުލުމުގެ މައްސަލަ އ.ދ. އާ ހަމައަށް ގެންދަން.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް