ނ. ކުޑަފަރީ މަގުމަތީގައި އޮތް ފެންގަނޑެއް ތެރޭ އެ ރަށުގެ ކުދިބަޔަކު ކުޅެނީ: އެ އަތޮޅުގެ އަގުހުރި ގުދުރަތީ ވަސީލަތްތައް ނަގާފައި ހުރީ އަންނަން އޮތް ޖީލުތައް ވެސް އެ ތަންތަނުގެ މުއްސަނދިކަމުން މަހުރޫމްވާ ގޮތަށް ކަމުގެ ކަންބޮޑުވުން ނ. އަތޮޅު ކައުންސިލުން ފާޅުކުރޭ. (ފޮޓޯ/ ކުޑަފަރީ ކައުންސިލް)

އަތޮޅުތައް

ފަޅުރަށްރަށާއި ފަޅުތަކުގެ ހައްގަށް ތެދުވެއްޖެ، "މިއަށް ވުރެ ބޮޑު ބޭއިންސާފެއް ނެތް"

ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދީފައި ހުރި ގޮތުން، އާއްމުންނަށް އެ ތަންތަނުގެ އިގްތިސާދީ އަދި އިޖުތިމާއީ މަންފާ އިންސާފުވެރި ގޮތަކަށް ނުލިބޭ ކަމަށް ބުނެ، އިންސާފު ހޯދަން އަތޮޅު ކައުންސިލަކުން ވަނީ ނުކުމެފައި.

ރަށްރަށުގައި އާއްމުންގެ އެންމެ އަސާސީ ހައްގުތައް ވެސް އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު އަތޮޅުގެ ބިމުގެ މުއްސަނދިކަމާއި ގުދުރަތީ ވަސީލަތްތަކުގެ ބޮޑު ބައެއް، އާއްމުން ގާތު އަހާ ވެސް ނުލައި އަދި ފޮރުވައިގެން ހިންގި މުއާމަލާތްތަކަކުން، މަދު ބަޔަކަށް އެކަނި މަންފާ ލިބޭ ގޮތަށް، ދީފައި ހުންނަތާ އެތައް ޒަމާނެއް ވީ އެވެ. އެއިން ނުކުތް ނަތީޖާއަކީ މުއްސަނދިން އިތުރަށް މުއްސަނދިވެ ފަގީރުން އިތުރަށް ފަގީރުވުމެވެ.

މިއީ ނ. އަތޮޅު ކައުންސިލުން ފާސްކުރި ތާރީހީ ނިންމުމެއްގެ މައިގަނޑު ޝަކުވާ އެވެ. އެ ޝަކުވާއާ އެކު އެ ކައުންސިލުން އާދީއްތަދުވަހު ވަނީ އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އަތޮޅުގެ ރައްޔިތުންގެ އަތުން ގުދުރަތީ ވަސީލަތްތައް އަތުލުމުގެ ބަދަލަށް އިންސާފު ހޯދާށެވެ.

ވަރުވާއަށާއި ދަނޑުވެރިކަމަށާއި ޓޫރިޒަމް ފަދަ ބޭނުންތަކަށް އަތޮޅުތަކުން ގިނަ އަދަދެއްގެ ފަޅުރަށާއި ފަޅު ވަނީ، އާއްމުންނަށް ބޭނުން ނުކުރެވޭ އަދި އެކަށީގެންވާ ފައިދާއެއް ނުލިބޭ ގޮތަށް، ވަކިވަކި މީހުންނަށާއި ބޮޑެތި ވިޔަފާރިތަކަށް ކުއްޔަށް ދީފަ އެވެ. ހާއްސަކޮށް، ޓޫރިޒަމް ފުޅާކުރުމަށް މިދިޔަ 10 ވަރަކަށް އަހަރު ތެރޭ އެތައް ތަނެއް ނަގައި މިހާރު ވެސް އިތުރު ތަންތަން ދަނީ ދޫކުރަމުންނެވެ. މި ގޮތަށް ރަށްރަށާއި ފަޅުފަޅު ދިނުމުގައި، އެމްއެމްޕީއާރުސީގެ ބޮޑު ވައްކަން ހިމެނޭ ގޮތަށް، ހިޔާނާތުގެ މުއާމަލާތްތައް ވެސް ވަނީ ހިންގައިފަ އެވެ.  

ރައްޔިތުންގެ އެއްޗެއް ރައްޔިތުންނަށް ނޭނގިއެއް ނުނެގޭނެ. ނޭނގި ނަގައިފިއްޔާ އެ ވާނީ ވައްކަމަކަށް ނުވަތަ ފޭރުމަކަށް.

މުނާ މުހައްމަދު، ލޭންޑް ސީ މޯލްޑިވްސް

މި މައްސަލައާ ދެކޮޅަށް ރާއްޖޭގައި ކުރާ ފުރަތަމަ ޗެލެންޖުގައި ނ. އަތޮޅު ކައުންސިލުން ވަނީ ތެދުވެފަ އެވެ. އެ ކައުންސިލުން ބުނާ ގޮތުގައި ބިމާއި ފަޅު ދިގު މުއްދަތުތަކަށް ކުއްޔަށް ދޫކުރި އިރު އާއްމުންގެ އިގްތިސާދީ އަދި އިޖުތިމާއީ ހައްގުތައް ވަނީ ނިގުޅައިގެންފަ އެވެ. އެ ގޮތަށް ކައުންސިލުން ބުނަނީ، އެ ވަސީލަތްތައް "މާ ދުރު ހިލޭ ބަޔަކަށް ވިއްކާލާ އިރު، އެތައް ޒަމާނަކުއްސުރެ މި ތަންތަން ބަލަހައްޓަމުން އައި އަތޮޅުގެ ރައްޔިތުންގެ ބައިވެރިވުން އެއްވެސް މިންވަރަކަށް ނޯންނަ" ކަމާއި އެފަދަ މުއާމަލާތްތަކުގެ މައުލޫމާތެއް ވެސް ރައްޔިތުންނަށް ނުދޭކަން ފާހަގަކޮށެވެ.

"މިއަށް ވުރެ ބޮޑު ބޭއިންސާފެއް ނުވެސް ނެތް ހަގީގަތުގައި،" ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވި އެވެ.

ރަށްތައް ދޫކޮށްގެން ހޯދާ ފައިސާ އިން ރައްޔިތުންގެ ބޭނުންތައް ފުއްދައިދެނީއޭ ސަރުކާރުތަކުން ބުންޏަސް، ބަޝީރު އެ ވާހަކައަށް ދެކޮޅު ހައްދަވަ އެވެ. އޭނާ ވިދާޅުވީ ދައުލަތަށް ވަންނަ އާމްދަނީ އާއި ބޮޑެތި ވިޔަފާރިތަކުން ނަގާ ފައިދާ، ސަރުކާރުތަކުން ރަށްރަށުގެ ރައްޔިތުންގެ ހައްގުތަކަށް ކުރާ ހަރަދާ "އަޅާނުކިޔޭ" ކަމަށެވެ.

"އިންސާފުވެރިކަމެއް ނެތް. ހަމަހަމަކަމެއް ނެތް. ރައްޔިތުން އަތުން ގެއްލިގެން ގޮސްފައި އޮތް ގުދުރަތީ ވަސީލަތްތަކާ އަޅާބަލާ އިރު އަސްލު އެކައްޗެއް ވެސް ރައްޔިތުންނަށް ލިބުނު ކަމަކަށް ގަބޫލެއް ނުކުރަން،" ބަޝީރު ވިދާޅުވި އެވެ.

ނ. ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް މުހައްމަދު (ސަންބޯ) ވިދާޅުވި ގޮތުގައި ފަޅުރަށްރަށާއި ފަޅުފަޅާއި ފަރުތައް، ކުއްލިއަކަށް ބޮޑު ވިޔަފާރިއެއްގެ ނުވަތަ ފަރުދެއްގެ އަމިއްލަ ތަންތަނަށް ވެގެންދަނީ، ކާނާ އާއި އާމްދަނީ ހޯދުމާއި ހިތްފަސޭކޮށްލުމުގެ ވަސީލަތްތަކުން ރައްޔިތުން މަހުރޫމްކޮށްފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ނ. އަތޮޅަށް ބަލާ ނަމަ، ބިމުގެ %31 ހުރީ ދިގު މުއްދަތަށް ކުއްޔަށް ދީފަ އެވެ.

"ހަމަ 50 އަހަރަށް، 99 އަހަރަށް ދީފައި މި ހުންނަނީ. އެހެންވީމާ އެހެރީ ގާތްގަނޑަކަށް ގެއްލިގެން ގޮސްފައި. އަޅުގަނޑުމެންގެ ދަރިއެއްގެ ހަޔާތުގައި ވެސް އެ ތަންތަން އަނބުރައެއް ނުލިބޭނެ،" ޝަމީމް ވިދާޅުވި އެވެ.

ހަމައެކަނި އެ މީހަކު ރަޖިސްޓްރީވެފައި އޮންނަ ރަށަކު ނޫން، އެ މީހާގެ މުޅި ދިރިއުޅުން ނުވަތަ އެ މީހާގެ އާމްދަނީ ބިނާވެފައި މި އޮތީ. އާމްދަނީ އެ ހޯދަނީ އަތޮޅު ތެރޭ ހުރި ހުރިހާ އެއްޗެއް ބޭނުންކޮށްގެން.

ޝުޖާއު އަލީ، ވ. އަތޮޅު ކައުންސިލްގެ ރައީސް

"މިއީ ބިން ފޭރުން"

ރައްޔިތުންނާ މަޝްވަރާ ނުކޮށް އަދި ރައްޔިތުންގެ ހިއްސާއެއް ނޯންނަ ގޮތަށް ރާއްޖޭގެ އެންމެ އަގުހުރި ވަސީލަތްތައް މިފަދައިން ދިގު މުއްދަތަށް ކުއްޔަށް ދިނުން ބައެއް ފަރާތްތަކުން ސިފަކުރަނީ "ބިން ފޭރުން" ކަމަށެވެ.

ހަަމަހަމަކަމާއި ދެމެހެއްޓެނިވި ގޮތުގައި ގުދުރަތީ ވަސީލަތްތައް ބޭނުންކުރަން ބާރުއަޅާ ޖަމިއްޔާއެއް ކަމަށްވާ ލޭންޑް ސީ މޯލްޑިވްސްގެ އެއް ފައުންޑަރު މުނާ މުހައްމަދު ވިދާޅުވި ގޮތުގައި "ލޭންޑް ގްރެބް"އަކީ ކޮބައިކަން، ބައިނަލްއަގުވާމީ ގޮތުން އެންމެން އެއްބަސްވާ މާނަކުރުމަކުން، އަދި ރަސްމީކޮށް ކަނޑައަޅާފައި ނެތަސް، އެ ތަނެއްގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަސަރުފޯރާ ގޮތަށް ބިމެއް ނުވަތަ އެފަދަ ވަސީލަތެއް ނެގުމަކީ "ލޭންޑް ގްރެބް" ކަމަށް ވަނީ ގަބޫލުކުރެވިފަ އެވެ. އޭނާ ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގެ އަތޮޅުތަކުގެ މީހުން ކާނާ އާއި އާމްދަނީ ހޯދަން ބަރޯސާވަމުން އައި ފަޅުރަށްރަށަށާއި ކަނޑުފަޅުތައް، އެ ތަންތަނުގެ މަންފާ އިން އާއްމުން މަހުރޫމްކުރާ ގޮތަށް، "އަތުލައެއް ނުގަނެވޭނެ" ކަމަށެވެ.

"އަޅުގަނޑު އެއަށް ކިޔަނީ ބިން ފޭރުމޭ. ރައްޔިތުންގެ އެއްޗެއް ރައްޔިތުންނަށް ނޭނގިއެއް ނުނެގޭނެ. ނޭނގި ނަގައިފިއްޔާ އެ ވާނީ ވައްކަމަކަށް ނުވަތަ ފޭރުމަކަށް. ރައްޔިތުންގެ ރުހުން ނެތިއްޔާ ވާނީ ފޭރުމަށް،" މުނާ ވިދާޅުވި އެވެ.

"ވަކި ބަޔަކަށް ކުރު މުއްދަތަކުން ފައިދާވާ ގޮތަށް މިކަން މި ދަނީ. އިންވެސްޓްކުރެވިދާނެ. އެކަމަކު އެކަން ކުރަން ވާނީ އެންމެން ހިއްސާވާ ގޮތަށް."

ސާޅީސް އަހަރު [ޓޫރިޒަމްގެ] ފައިދާ މި ލިބުނީ ރާއްޖެ އިން ބޭރުގެ ބަޔަކަށާއި ރާއްޖޭގައި ތިބި 10 ވަރަކަށް މީހުންނަށް. ރަށްރަށަށް އަރާލީމާ އެނގޭނެ، ރަށްރަށުގައި އަސްލު ހިދުމަތްތައް މި ހުރި ފެންވަރު ވެސް. ހޮސްޕިޓަލެއް ހުރިއްޔާ ހުންނަނީ ހަމައެކަނި ބޯޑެއް. ޖެޓީއެއް އޮތިއްޔާ އެއަކަށް އަރައެއް ނުފޭބޭ.

ޝުޖާއު އަލީ، ވ. އަތޮޅު ކައުންސިލްގެ ރައީސް

އަގުބޮޑު ވަސީލަތްތައް ނަގައި ރައްޔިތުންނަށް ގެއްލުން

ނ. އަތޮޅުގެ އިތުރުން ވ. އަތޮޅު ކައުންސިލުން ވެސް، ފަޅުރަށްރަށާއި އެފަދަ ވަސީލަތްތަކަށް އިންސާފު ހޯދަން ތެދުވާނެ ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވި އެވެ. އިންތިގާލީ އިންސާފުގެ އޮފީހުން މިފަހަރު ދިން މުއްދަތުގައި ވ. އަތޮޅުން މައްސަލަ ހުށަނޭޅިޔަސް، އޭނާ ވިދާޅުވީ، "ދާން ޖެހޭ ކޮންމެ ދިމާލަކަށް އަޅުގަނޑުމެން ދާނަން" ކަމަށެވެ.

ވ. އަތޮޅުގައި ވަރުވާއަށާއި ކުއްޔަށް ދީފައި ހުރި ރަށްރަށުގެ އެއްބަސްވުންތަކުގެ ކޮޕީ އާއި ކުލީގެ ގޮތުގައި އާމްދަނީ ލިބޭ މިންވަރު ސާފުކޮށްދޭން ކައުންސިލުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއަށް ހުށަހެޅި އެވެ. ނަމަވެސް އެ މިނިސްޓްރީން އެކަމަށް އިންކާރުކުރީ އެވެ. ކައުންސިލުން މިހާރު އަންނަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް މެދުވެރިކޮށް އެ މައުލޫމާތުތައް ހޯދަން މަސައްކަތްކުރަމުންނެވެ. ޝުޖާއު ވިދާޅުވި ގޮތުގައި ފަސް ރަށުގައި މީހުން ދިރިއުޅޭ ވ. އަތޮޅުގައި ރިސޯޓު ހިންގަން އަށް ރަށް ދީފައި އެބަ އޮތެވެ. އަދި، ޖުމްލަ 19 ރަށް އޮތް އަތޮޅުން ވަރުވާއަށާއި ދަނޑުވެރިކަން ކުރަން ދޫކޮށްފައި ހުރި ތަންތަނާ އެކު، އަތޮޅުގެ "ރަށްތައް އެ ހުސްވީ" އެވެ. ދެން އާއްމުންނަށް އޮތީ ކޮން ތަނެއްތޯ އޭނާ ސުވާލުކުރެއްވި އެވެ.

"ހަމައެކަނި އެ މީހަކު ރަޖިސްޓްރީވެފައި އޮންނަ ރަށަކު ނޫން، އެ މީހާގެ މުޅި ދިރިއުޅުން ނުވަތަ އެ މީހާގެ އާމްދަނީ ބިނާވެފައި މި އޮތީ. އާމްދަނީ އެ ހޯދަނީ އަތޮޅު ތެރޭ ހުރި ހުރިހާ އެއްޗެއް ބޭނުންކޮށްގެން،" ޝުޖާއު ވިދާޅުވި އެވެ. "އެހެންވީމާ ބޭނުންކުރަން ހުރި ހުރިހާ އެއްޗެއް އެ ގޮތަށް ނަގައިގެން ގެންދިޔައިމަ، ބޭނުން ނުކުރެވޭ ގޮތަށް ހުރީމަ، ރައްޔިތުން މި ތަނުގައި ދިރިއުޅުމުގެ މާނައަކީ ކޮބާހޭ؟"

ރަށްފުށުގެ ދިރިއުޅުން އޮންނަނީ، ޝަމީމް ވެސް ވިދާޅުވި ގޮތުގައި، ދިރިއުޅޭ ރަށާއި ކައިރީގައި ހުންނަ އެހެން ރަށްރަށް ގުޅިގެން އުފެދިފައި އޮންނަ "ނިޒާމެއްގެ ތެރޭގަ" އެވެ. 

"އެ ނިޒާމުގެ ތެރޭ އުޅެމުން ދަނިކޮށް އެއިން އެއް ބައި އެ މީހުންނާ ވަކިކޮށްލަނީ. ވަކިކޮށްލީމަ މުޅި ދިރިއުޅުން ވިއްސިވިހާލިވެފައި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

އޭގެ މިސާލުތައް ވެސް ނ. އަތޮޅުން އޭނާ ދެއްކެވި އެވެ. ކުޑަފަރީ މީހުން އެތައް ޒަމާނެއް ވަންދެން ދަނޑުވެރިކަން ކުރި ފަޅުރަށެއް ކަމަށްވާ މާފުނަފަރު، "އެ މީހުން ކައރީ ހޭ ވެސް އަހާނުލައި ކުއްލިއަކަށް" ނަގައި މާލޭގެ ކުންފުންޏަކަށް ދިނުމުން އާއްމުންގެ ދަނޑުވެރިކަން ގެއްލިގެންދިޔުމެވެ. އެން އަރާ ފަރުތަކުން އެން ދެމުމުގެ ފުރުސަތު، އަތޮޅުގެ މަސްވެރިންނަށް ގެއްލުމެވެ. ޝަމީމް ވިދާޅުވި ގޮތުގައި ނ. އަތޮޅުން ދޮށީގެ މަސްވެރިކަން މުޅިންހެން ނެތިދިޔުމުގެ އެއް ސަބަބަކީ ވެސް އެއީ އެވެ.

"އެއީ ހަމަ އެ މީހުންގެ [ރިސޯޓުތަކުގެ] ޕްރައިވެޓް ތަނެއްހެން [ނަގައިގެން އުޅެނީ]. ފަރުމައްޗަށް ގާތް ކުރިޔަސް ފަހާލާނެ. ދެން ހުރި ތަންތަނަށް ވެސް މިހެން ވާން އެ ދަނީ، މަޑުމަޑުން،" އޭނާ ވިދާޅުވި އެވެ. 

"މީހުން ދިރިއުޅޭ ރަށްތައް އެކަނި އާއްމު މީހުންނަށް ބޭނުންކުރެވިފައި، ބާކީ ހުރި ހުރިހާ މުއްސަނދިކަމެއް އެހެން ބަޔަކަށް."

ނ. އަތޮޅު ކައުންސިލްގެ ބައްދަލުވުމެއްގައި ބަޝީރު (ކ) ރިޔާސަތު ބަލަހައްޓަވާ އިރު، ކައިރީގައި ޝަމީމް. (ފޮޓޯ/ފޭސްބުކް/ނ. އަތޮޅު ކައުންސިލް)

ބަޝީރު ވިދާޅުވި ގޮތުގައި ފަޅުރަށްރަށުން "ފަނާއި ކާއްޓާއި މަދު ހޮވައިގެން ތިން އިރު ކައިގެން ތިބޭ އާއިލާތައް މިހާރު ވެސް އެބަ ތިއްބެ"ވެ. އެ ތަކެތިން މަހަކު ހޯދާ 1,500-2,000 ރުފިޔާގެ އާމްދަނީން އާއިލާގެ ހަރަދުތައް ފުއްދާލައިގެން ދިރިއުޅޭ އެތައް އަންހެނުންނެއް ހުރިހާ އަތޮޅެއްގައިހެން އުޅޭކަން އޭނާ ފާހަގަކުރެއްވި އެވެ. ބަޝީރު ވިދާޅުވީ ފަޅުރަށްތައް ނެގުމުން، އެ މީހުންނަށް ބަދަލެއް ނުލިބި، އާމްދަނީ ދަށްވެ ނުވަތަ ހުއްޓޭ އިރު، "މި ހުރިހާ އަގުބޮޑެތި އެސެޓްތައް ވިއްކައިގެން" ވެސް ނިކަމެތިންގެ ހާލަތު ރަނގަޅު ނުވާ ކަމަށެވެ

"އެހެންވީމާ އެ މީހުންގެ ރިސޯސް ކަޓުވާލެވިފައި މި އޮތީ،" އޭނާ ވިދާޅުވި އެވެ

މިހާރު ބައެއް ރަށްރަށުގެ ބިން ފުރި ތޮއްޖެހުމުގެ މައްސަލަތައް ކުރިމަތިވަމުންދާތީ ވެސް، އާއްމުންނަށް ފަޅުރަށްރަށުގެ މުހިއްމުކަން ބޮޑުވަމުންދާކަން ދޭހަވެ އެވެ. މިސާލަކަށް، ރ. މަޑުއްވަރީގެ ބިމުގެ ދަތިކަން ހައްލުކުރުމަށް އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ އުފުލަންދޫ ހަމަޖައްސައިދޭން މަޑުއްވަރިން ސަރުކާރުތަކުގައި ތަކުރާރުކޮށް ވަނީ އެދިފަ އެވެ. ނަމަވެސް، ސަރުކާރުގެ އައިލްސް ވެބްސައިޓުން އެނގޭގޮތުގައި، އުފުލަންދޫ މިހާރު އޮތީ ރިސޯޓެއް ތަރައްގީކުރަން 50 އަހަރަށް ބަޔަކަށް ދީފަ އެވެ. 

ދީގެން، ބޭނުންކުރާ އެއްޗެއް ބޭނުންކުރާށޭ. އަޅުގަނޑުގެ އެދުމަކީ މިހާރުއްސުރެ ވެސް، އެންމެންނަށް ވެސް ފައިދާ ވާނެ ގޮތަކަށް މިކަން ކުރެވޭނީ ކިހިނެއްތޯ ބެލުން.

މުނާ މުހައްމަދު، ލޭންޑް ސީ މޯލްޑިވްސް

ޓޫރިޒަމުން "ކުރި ފައިދާއެއް ނެތް"

ކައުންސިލަރުންގެ މައިގަނޑު އެއް ކަންބޮޑުވުމަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތައް ރާއްޖޭގައި ހިންގައިގެން ހޯދާ އާމްދަނީ އާއި އާއްމު ރައްޔިތުންގެ ހާލަތު ނުބައްދަލު ކަމެވެ. ޝުޖާއު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ އިރު، ގެސްޓް ހައުސްތައް ތައާރަފްވެގެން ރަށްރަށުގެ މީހުންނަށް ފައިދާއެއް ލިބެން ފެށުމުގެ ކުރިން، އަގުބޮޑު ޓޫރިޒަމްގެ އާމްދަނީން "ކުރި ފައިދާއެއް ހަގީގަތުގައި މިއިން ރަށަކުން ފެންނާކަށް ނެތް" ކަމަށެވެ

"ސާޅީސް އަހަރު މީގެ ފައިދާ މި ލިބުނީ ރާއްޖެ އިން ބޭރުގެ ބަޔަކަށާއި ރާއްޖޭގައި ތިބި 10 ވަރަކަށް މީހުންނަށް. ރަށްރަށަށް އަރާލީމާ އެނގޭނެ، ރަށްރަށުގައި އަސްލު ހިދުމަތްތައް މި ހުރި ފެންވަރު ވެސް،" އޭނާ ވިދާޅުވި އެވެ.

"ހޮސްޕިޓަލެއް ހުރިއްޔާ ހުންނަނީ ހަމައެކަނި ބޯޑެއް. ޖެޓީއެއް އޮތިއްޔާ އެއަކަށް އަރައެއް ނުފޭބޭ."

ބަޝީރު ވިދާޅުވި ގޮތުގައި "ރައްޔިތުންނަށް މި ލިބޭ އެއްޗަކާއި ރިސޯޓު ހަދާފައި ތިބޭ ވެރިންނަށް ލިބޭ އެއްޗަކާއި ރިސޯޓަކުން ދައުލަތުގެ ބަޖެޓަށް ވަދެފައި ހުންނަ އެއްޗެއްގެ ހިސާބު، އެހާ ސާފުކޮށް ނޭނގުނަސް، ދެކޮޅު ނުޖެހޭކަން ވަރަށް ސާފުކޮށް އެނގޭނެ" އެވެ

ނ. އަތޮޅު ސްކޫލްގެ ޖަލްސާއެއްގައި ބަޝީރު ވާހަކަދައްކަވަނީ. (ފޮޓޯ/ފޭސްބުކް/ނ. އަތޮޅު ކައުންސިލް)

އޭނާ ވިދާޅުވީ "އަނެއް ބޮޑު ބޭއިންސާފު" އަކީ ރިސޯޓުތައް "ވަކި ކުޑަ އިގްތިސާދަކަށް" ބަދަލުކޮށްލައިގެން ހިންގުން ކަމަށެވެ. އިންޖީނުގެ އާއި ކުނި މެނޭޖުކުރާ ނިޒާމާއި ލޯންޑްރީ އާއި ވަޑާންގެ އާއި ދަނޑުވެރިކަމާއި، އެހެން ގޮސް، ޓޫރިސްޓުން ބޭނުންވާ ހުރިހާ ހިދުމަތްތަކެއްގެ ވިޔަފާރި ހިމެނޭ ގޮތަށް ރިސޯޓުގެ އޮޕަރޭޝަން ބައްޓަންކޮށްފައި އޮންނަނީ، އޭނާ ސިފަކުރެއްވި ގޮތުގައި، "އިގްތިސޯދީ ހަރަކާތެއް އަތޮޅުގެ ރަށްރަށަށް ފޭދިގެން ނުދާ" ގޮތަށެވެ

"މިސާލަކަށް މީހުން ދިރިއުޅޭ ރަށެއްގައި [ރިސޯޓަކަށް ހިދުމަތް ދޭން] ޑައިވް ސެންޓަރެއް ނުހިންގޭނެ، ބޭކަރީއެއް ހަދައިގެން ރިސޯޓަކަށް މާކެޓެއް ނުކުރެވޭނެ، ވަޑާންގެއެއް ހަދައިގެން ފަރުނީޗަރެއް ނުވިއްކޭނެ. އެންމެ ބޮޑު މާކެޓަކީ ޓޫރިޒަމް. އިގްތިސޯދަކީ ބެހިގެން ދާން ޖެހޭ އެއްޗެއް،" ބަޝީރު ވިދާޅުވި އެވެ

ރިސޯޓުން ދިވެހިންނަށް ލިބޭ އެއްޗަކީ، ބަޝީރު ވިދާޅުވި ގޮތުގައި، ވަޒީފާ އެވެ. އެކަމަކު އެއީ ވެސް، ރިސޯޓުން ކޮޓަރި ވިއްކައިގެން ނަގާ ފައިދާއާ ނުބައްދަލު، ދަށް މުސާރައެއްގައިކަން ރިސޯޓުތަކުގެ މުވައްޒަފުން އިހުސާސްކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.

މީހުން ދިރިއުޅޭ ރަށްތައް އެކަނި އާއްމު މީހުންނަށް ބޭނުންކުރެވިފައި، ބާކީ ހުރި ހުރިހާ މުއްސަނދިކަމެއް އެހެން ބަޔަކަށް."

އަލީ ޝަމީމް މުހައްމަދު، ނ. ކުޑަފަރީ ކައުންސިލްގެ ރައީސް 

"ބަދަލު ލިބެން ޖެހޭ"

ބަޝީރު ވިދާޅުވި ގޮތުގައި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލައިން މުހިއްމު ނަތީޖާތަކެއް ހާސިލްކުރަން ކައުންސިލުން ބޭނުންވެ އެވެ. އޭގެ ތެރޭގައި:

  • 1-

    ތަންތަން ކުއްޔަށް ދީފައި ހުރި އަގުތަކާއި ލިބޭ އާމްދަނީ އާއްމުންނަށް ސާފުވުން

  • 2-

    ކޮރަޕްޝަން ހިމެނޭ މުއާމަލާތްތަކުގައި، އެކަން ހިންގީ ކޮން ބައެއްކަން އެނގުމާއި ޒިންމާ ނަގަން ޖެހޭ މީހުން އެންމެ ކުޑަމިނުން މައާފަށް އެދުން

  • 3-

    ނުއަގުގަ އާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދީފައި ހުރި ތަންތަނަށް ބަދަލު ލިބުން: "އެ ބަދަލު ދައުލަތަށް ލިބުނަސް، ނ. އަތޮޅު ކައުންސިލަށް ލިބުނަސް، ރަށު ކައުންސިލްތަކަށް ލިބުނަސް މައްސަލައެއް ނެތް،" ބަޝީރު ވިދާޅުވި އެވެ.

  • 4-

    ކުރިއަށް އޮތް ތަނުގައި މިފަދަ މުއާމަލާތްތައް ހިންގުމުގައި ރައްޔިތުންގެ ބަހާއި ރުހުން ހޯދުން މަޖުބޫރުވާނެ ގޮތް ގާނޫނުތަކާއި ގަވާއިދުތަކުން ކަށަވަރުކުރުން

ރަށްތަކާއި ފަޅުތައް ދީފައި ހުރީ، މުނާ ވިދާޅުވި ގޮތުގައި، އާއްމުންގެ އަސާސީ ހައްގުތައް ގެއްލޭ ގޮތަށެވެ. އޭގެ ތެރޭގައި އިގްތިސޯދީ ހައްގުތަކާއި މޫސުމީ ބަދަލާ ގުޅިގެން ދިމާވާ މައްސަލަތަކަށް ރައްކާތެރި މާހައުލެއް ލިބުން ހިމެނެ އެވެ. އަދި މާލެއަށް ހިޖުރަކޮށް ތޮއްޖެހިގެން ދިރިއުޅުމުގެ ބަދަލުގައި، ދުޅަހެޔޮކަން ލިބޭނެ މާހައުލުތަކުގައި އަދި މުޖުތަމައުއެއްގެ ގުޅުންތަކުގެ ތެރޭގައި ދިރިއުޅުމުގެ ހައްގު ކަށަވަރު ވެގެން ރަށްރަށުގައި އުޅެވެންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހައްގުތައް އުނިވާ ގޮތަށް ނަގާ ކޮންމެ ތަނަކީ އަހަރެމެންގެ އިންސާނީ ހައްގުތަކަށް އަރައިގަތުން،" މުނާ ވިދާޅުވި އެވެ.

"މި ހައްގުތައް އުނިވާ ގޮތަށް ގެނެސް ތަނަކަށް [މާލެ ސަރަހައްދަށް] އަޅާލާފައި މި ބުނަނީ މިއީ ތަރައްގީއޭ. ދެމެހެއްޓެނިވި ތަރައްގީއަކީ މި ހައްގުތައް ކަށަވަރުކޮށްދީގެން އަންނަ އެއްޗަކަށް ކިޔާ ނަމެއް. އެކަމަކު ދެމެހެއްޓެނިވި ތަރައްގީއާ މުޅިން އިދިކީލިކޮށް އެ ދަނީ."

އަތޮޅުތަކުގައި ދިރިއުޅޭ މީހުންގެ ބަހެއް ނެތި ސަރުކާރުތަކުން ތަންތަން ނަގައި ވިޔަފާރިތަކަށް ދިނުމަކީ، މުނާ ވިދާޅުވި ގޮތުގައި، ރައީސަކަށް ނުވަތަ ވަޒީރަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އޭނާ ވިދާޅުވީ ގާނޫނުތަކުގައި ލިޔެގެން އެ ގޮތަށް އެކަން ކުރިޔަސް، "ގާނޫނަކުން ކަމެއް ކުރުމަކީ އަހުލާގީ ގޮތުން އެކަން ރަނގަޅު ކަމަކަށް ވުމެއް ނޫން" ކަމަށެވެ.

"މި ހުރިހާ ބިމެއް ވެސް، ފަޅެއް ވެސް މިލްކުވެގެން ވަނީ މާލޭގައި ހުންނަ ރައީސްމީހާއަށް ނުވަތަ ވަޒީރަށް އެކަނިތޯ؟ އެ ތަނެއްގައި އުޅޭ ބައެއްގެ ހައްގު ނެތްތޯ އެ ތަނެއްގެ ބިމަކަށް؟" މުނާ ވިދާޅުވި އެވެ.

އިންސާފުވެރިކަމެއް ނެތް. ހަމަހަމަކަމެއް ނެތް. ރައްޔިތުން އަތުން ގެއްލިގެން ގޮސްފައި އޮތް ގުދުރަތީ ވަސީލަތްތަކާ އަޅާބަލާ އިރު އަސްލު އެކައްޗެއް ވެސް ރައްޔިތުންނަށް ލިބުނު ކަމަކަށް ގަބޫލެއް ނުކުރަން.

މުހައްމަދު ބަޝީރު، ނ. އަތޮޅު ކައުންސިލްގެ ރައީސް

ގުދުރަތީ ވަސީލަތްތަކުގެ ފައިދާ ރައްޔިތުންނަށާއި އަންނަން އޮތް ޖީލުތަކަށް ބަންދުވާ ގޮތަށް އެ ތަންތަނަށް ބަދަލު ގެނައުމުގެ ހައްގެއް، މުނާ ވިދާޅުވި ގޮތުގައި، މައި ސަރުކާރަކަށް ނެތެވެ. އޭނާ ވިދާޅުވީ އިންވެސްޓްމެންޓެއް ގެންނަ އިރު އެންމެންނަށް އޭގެ ފައިދާ ލިބެން ވާނެ ކަމަށެވެ. އެހެންކަމުން، އެގޮތަށް އެކަން ނުވެ، އާއްމުންނަށް ލިބިފައިވާ ގެއްލުންތަކަށް "ބަދަލު ލިބެން ޖެހޭނެ" ކަމަށް މުނާ ދެކެވަޑައިގަންނަވަ އެވެ. އެކަމަކު އޭނާ ވިދާޅުވީ ދެވޭ ވަރަށް ވުރެ ބޮޑު ބަދަލެއް ނަމަ، ދެން ވެސް އާއްމުންނާ މަޝްވަރާކޮށްގެން އެ މީހުންގެ ހައްގުތައް ކަށަވަރުވާ ގޮތަކަށް ކަންކަން ބައްޓަންކުރަން މަސައްކަތްކުރަންވީ ކަމަށެވެ. އެހެން ނޫނީ، ރައްޔިތުންގެ ހައްގުތައް ގެއްލިގެން ކުރާ ޝަކުވާތަކުގެ އަޑު ބޭރު ދުނިޔެއަށް ވެސް ފޯރައި، ރާއްޖޭގައި ތިބި ޓޫރިޒަމްގެ ބޮޑެތި ބްރޭންޑްތަކުގެ މޫނުމަތި ކިލަނބުވާ ދުވަހެއް އަތުވެދާނެކަން މުނާ ފާހަގަކުރެއްވި އެވެ.

"އެއްވެސް ނާއިންސާފެއް އަބަދަކު ދެމިއެއް ނޯންނާނެ. ރަނގަޅުވާނީ އަޅުގަނޑުމެން މިހާރުއްސުރެ ވިސްނައިގެން، ގުޅިގެން އުޅުނީމަ. އެހެން ނޫނިއްޔާ ދެން ވާނެ ގޮތެއް އަޅުގަނޑަކަށް ނޭނގެ،" މުނާ ވިދާޅުވި އެވެ. 

"ދީގެން، ބޭނުން ކުރާ އެއްޗެއް ބޭނުންކުރާށޭ. އަޅުގަނޑުގެ އެދުމަކީ މިހާރުއްސުރެ ވެސް، އެންމެންނަށް ވެސް ފައިދާ ވާނެ ގޮތަކަށް މިކަން ކުރެވޭނީ ކިހިނެއްތޯ ބެލުން."

ނ. ކުޑަފަރީ މަގުމަތީގައި އެ ރަށު ބަޔަކު ވާހަކަދައްކާލަން އެއްވެ. (ފޮޓޯ/ ކުޑަފަރީ ކައުންސިލް)

ޝުޖާއު ވިދާޅުވީ މާޒީގެ ގޯސްތައް ތަކުރާރުވުން ހުއްޓުވައި އަދި ލޯކަލް ޓޫރިޒަމާ އެކު ރަށްރަށަށް ލިބެން ފަށާފައިވާ ފައިދާތައް ދެމެހެއްޓޭނީ ވެސް ހަގީގީ މާނައިގައި ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގަން ޖާގަ ދީގެން ކަމަށެވެ. ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި ބޮޑެތި ބަދަލުތަކާ އެކު، ރަށާއި އަތޮޅުގެ ވަސީލަތްތައް ބޭނުންކުރާނެ ގޮތް ނިންމުމުގެ ބާރު ކައުންސިލްތަކަށް ދީ، މައި ސަރުކާރުން ހިންގަން ބޭނުންވާ ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް އެކަމާ ފުށުއަރާ އިސްލާހުތަކެއް ބައެއް ގާނޫނުތަކަށް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިރު، ކައުންސިލްތަކާ ވަސީލަތްތައް ހަވާލުކުރުމާ ދެކޮޅަށް ބައެއް މެމްބަރުން ދަނީ ވާހަކަދައްކަމުންނެވެ. އަދި ސަރުކާރުން، މަޝްވަރާއަކާ ނުލައި ކައުންސިލްތަކުގެ އިހުތިސޯސުން ތަންތަން ވަކިކުރުމާއި އަންގާލުމެއް ނެތި ކުއްލިއަކަށް މަޝްރޫއުތައް އިއުލާންކުރުން ވެސް ދަނީ ކުރިއަށެވެ.  

"ރިސޯސް ބޭނުންކުރުމުގެ ބާރު ރައްޔިތުންނަށް ދީގެން ސަރުކާރަކަށެއް ނުވަތަ އެއްވެސް މީހަކަށެއް ގެއްލުމެއް ނުވާނެ. ސިސްޓަމެއް ރަނގަޅަށް ގާއިމްކޮށްފައި މައި ސަރުކާރުން ބަލަންވީ ކައުންސިލްތަކުން މިކަން މި ކުރަނީ ރަނގަޅަށްތޯ،" ޝުޖާއު ވިދާޅުވި އެވެ.

"މިހާރު މައި ސަރުކާރަށް ބިރުވެރިކަން ހީވާ ހުރިހާ ކަމަކަށް ހައްލު ހޯދަން، ގަވާއިދުތަކަކާއި އުސޫލުތަކެއް ހަދަންވީ. އޭރުން ދާނީ ރަނގަޅަށް."

ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު. (ފޮޓޯ/ފޭސްބުކް/ ވ. އަތޮޅު ކައުންސިލް)

މާޒީގެ ކަންކަމަށް އިންސާފު ހޯދަން ވެސް ވ. އަތޮޅު ކައުންސިލުން މަސައްކަތްކުރާނެ އެވެ. ޝުޖާއު ވިދާޅުވީ، ރާއްޖެ ނުވަތަ ރާއްޖެ އިން ބޭރުގައި ވިޔަސް، "އެކަމަށް ކުރަން ޖެހޭ މަސައްކަތް ޔަގީނުން ވެސް އަޅުގަނޑުމެން މި ދައުރުގެ ތެރޭގައި ކުރާނަން" ކަމަށެވެ.

ބަޝީރު ވެސް ވިދާޅުވީ ނ. އަތޮޅު ކައުންސިލުން މި ފަށައިގަތް މަސައްކަތުން ހުޅުވޭ ދޮރުތަކާ އެކު، ދެން އަންނަ ކައުންސިލްތަކަށް ނަމަވެސް، ބައިނަލްއަގުވާމީ އިންސާފާ ހަމައަށް ވެސް ދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މިއީ ދިގު މުއްދަތެއް ނަގައިފާނެ އަދި ބޮޑެތި މަސައްކަތްތަކެއް ހިމެނޭނެ ކަމަކަށް ވެދާނެކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް ވަސީލަތްތަކާއި ފައިސާ ބޭނުންވާ ނަމަ، މިފަދަ މައްސަލަތަކުގައި އާއްމުންގެ ހައްގުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަގުވާމީ ފަރާތްތަކުން، ހިލޭ އެހީ ލިބޭނެ ކަމުގެ ޔަގީންކަން ބަޝީރަށް އެބަ އޮތެވެ.

އެހެން އަތޮޅުތަކުން ވެސް އިންސާފު ހޯދަން ތެދުވަން ބަޝީރު ހިތްވަރުދެއްވަ އެވެ. އޭނާ ވިދާޅުވީ ރަށްތަކާއި ފަޅުތައް މި ގޮތަށް ނެގުމުގެ ކަންބޮޑުވުން "ހުރިހާ ދިވެހި ރައްޔިތުންގެ ވެސް ހުންނާނެ" ކަމަށާއި އެކި މީހުން އެކަން ފާޅުކުރަނީ އެކި ކަހަލަ ޝަކުވާތަކުން ކަމަށެވެ. ފަޅުރަށަށް ފަން ހޮވަން ނުދެވުމާއި އެންމެ ކުޑަ އުޖޫރަ ކަނޑަނޭޅުމާއި މާލެ އިން ޕިކްނިކް ދާނެ ރަށެއް ނެތުން ފަދަ މައްސަލަތަކުގެ ޝަކުވާ އެވެ.

ބަޝީރު ގަބޫލުކުރައްވަނީ، އިންސާފުގެ އޮފީހަށް ދިޔުމުން، ކައުންސިލަކުން މި މައްސަލައިގެ ކަންބޮޑުވުން "ފާޅުކުރަން ޖެހޭ ގޮތަށް ކުރެވުނީ" ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް