ރިސޯޓް ހަދަން ހުޅުވާލި ށ. ކުޑަޅައިމެންދޫ.

ޓޫރިޒަމް

ރިއަލް އެސްޓޭޓް ޓޫރިޒަމް ފަށަން ތައްޔާރު، ބޮޑު އާމްދަނީއެއް ނެރެވޭނެ: އަމީރު

ރިސޯޓު ތަރައްގީ ކުރަން ރަށް ދޫކޮށްގެން އަންނަ އަހަރު 148 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައި

ރާއްޖޭގެ ހަތަރު ތަނެއް ހިއްކައިގެން ރަށްތަކެއް ހަދާ ވިއްކައިގެން އާމްދަނީ ހޯދުމަށް ބަޖެޓުގައި ހިމަނާފައިވާ ރިއަލް އެސްޓޭޓް ޓޫރިޒަމް މަޝްރޫއު ފަށަން ހުރިހާ ކަމެއް މިހާރު ތައްޔާރުވެފައިވާ ކަމަށް ވިދާޅުވެ އަންނަ އަހަރު އެ މަޝްރޫއުން ރަނގަޅު އާމްދަނީއެއް ހޯދޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ދެއްވައި އެވެ.

އެނގުން މުހިންމު - މިއަހަރުގެ ބަޖެޓުގައި ވެސް ރިއަލް އެސްޓޭޓް ޓޫރިޒަމާއި އެހެން ވެސް އާމްދަނީ ހޯދަން ބަޖެޓުގައި އާ ކަންތައްތަކެއް ހިމެނި ނަމަވެސް އެ ކަންތައްތަކުން މިއަހަރު އާމްދަނީ ލިބޭ ގޮތެއް ނުވި އެވެ. އެހެންވެ މިއަހަރުގެ ބަޖެޓް ޑެފިސިޓް ނުވަތަ ބަޖެޓު ދަރަނީ ވަނީ އިތުރަށް ބޮޑުވެފަ އެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމް މަޝްރޫއު: 

  • ރާއްޖޭގެ އެކި ސަރަހައްދުތަކުން ހަތަރު ރަށް ހިއްކާނެ

  • އެކަން ކުރަނީ ސަރުކާރުގެ ކުންފުނި މޯލްޑިވްސް ފަންޑު މެނޭޖުމެންޓް ކޯޕަރޭޝަނުން

  • އެ މަޝްރޫއު ހިންގަން އެ ކުންފުންޏަށް ހަތް މިލިއަން ރުފިޔާ ދޭނެ

  • އަލަށް ހިއްކާ ރަށްތައް ޕްރައިވެޓް އައިލެންޑް ހަދަން ދޭނެ، ސެކަންޑް ހޯމް ހަދާނެ

  • މަޝްރޫއުން އާމްދަނީން 231 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ

ބުނީ ކީކޭ؟ - އާމްދަނީ ހޯދަން އަލަށް ހިމަނާފައިވާ ކަންތައްތައް ތަންފީޒުނުވެ އިތުރު އާމްދަނީ ނުލިބިދާނެތީ ވަރަށް ގިނަ މެންބަރުން މިއަދުގެ ބަޖެޓު ކޮމިޓީގައި ސުވާލު ކުރައްވާ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ސުވާލު ކުރެއްވީ ރިއަލް އެސްޓޭޓް ޓޫރިޒަމުން 148 މިލިއަން ރުފިޔާ ލިބޭނޭ ކަމަށް ބަޖެޓު ކޮށްފައިވީ ނަމަވެސް އެކަމުން މި އަހަރު ވެސް އާމްދަނީއެއް ނުލިބި ވަނިކޮށް އަންނަ އަހަރަށް އެކަން ބަޖެޓުކުރީ ކިހާ ވަރެއްގެ ޔަގީންކަމެއް އޮވެގެންތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ:

  • އެކަމަށް ބޭނުންވާ ގަވާއިދުތައް މިހާރު ވަނީ ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައި ނިންމާފައި

  • ރަށްތައް ހިއްކައިދޭނެ ފަރާތްތައް މިހާރު ވަނީ ހޯދާފައި

  • ރަށްތައް މާކެޓްކޮށް ގަންނާނެ ފަރާތްތައް ހޯދުމުގައި މަސައްކަތް ވަނީ ފަށާފައި

"އެހެންކަމުން އަޅުގަނޑަށް ޔަގީން އަންނަ އަހަރު ރިއަލް އެސްޓޭޓް ޓޫރިޒަމް މަޝްރޫ ހިންގާ އެކަމުން އާމްދަނީ ހޯދޭނެކަން. އެ މަޝްރޫއު ފަށަން ހުރިހާ ކަމެއް ވަނީ މިހާރު ހަމަޖެހިފައި،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ޓޫރިޒަމަށް ރަށްތައް ވިއްކޭނެ ކަމާ މެދު ޔަގީންކަން

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަން ތަރައްގީކުރުމަށް ނެރޭ ރަށްތައް ވިކޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި، ރަށްތައް ވިއްކައިގެން ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާ ކޮށްފައިވާ އާމްދަނީ ލިބޭނެ ކަމަށެވެ.

އާ ރިސޯޓު ތަރައްގީ ކުރަން ރަށް ދޫކޮށްގެން އަންނަ އަހަރު 148 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ ބުނެފަ އެވެ.

"މިއަހަރު މާކެޓިން އާއި ދުބާއީގައިވެސް އެކްސްޕޯގެ ތެރެއިން މާކެޓިންގެ މަސައްކަތްތަކެއް ކުރެވޭ. އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް އުއްމީދު އެބައޮތް ތިވަރަށް އަޅުގަނޑުމެންނަށް އާމްދަނީ ރެއިޒް ކުރެވޭނެ ކަމަށް،" އަމީރު ވިދާޅުވި އެވެ.

މިއަހަރު ވިކުނީ އެންމެ ރަށެއް

އާ ރިސޯޓު ތަރައްގީ ކުރުމަށް ރަށް ދޫކޮށްގެން މިއަހަރުވެސް އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައި އޮތް ނަމަވެސް މި އަހަރު ވިއްކަން ހުޅުވާލި ރަށްރަށުގެ ތެރެއިން ވިކިފައިވަނީ އެންމެ ރަށެކެވެ. އެކަން ފާހަގަކޮށް، އެމްއެމްއޭ އިން ވެސް ވަނީ ރިސޯޓު ހަދަން ރަށް ވިއްކައިގެން، އަންނަ އަަހަރު ލިބޭނެކަމަށް ލަފާކުރާ 148 މިލިއަން ރުފިޔާގެ އާމްދަނީ ނުލިބިދާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.


ކޮމެންޓް (1)

566666

15 ނޮވެމްބަރު 2021
ކޮންމެ އެއްޗެއްވެސް ފަހަތަށް ނުވަތަ ކުރިއަށް ޓުއަރިޒަމް ކިއީމަ ނިމުނީ. ތިއީ ދިވެހިން ނޫން މީހުން ރާއްޖޭގެ ބިންވިއްކާ ވަޒަންވެރިކުރުވަން ކުރާ ކަމެއް. ނަތީޖާ އަކީޥެސް އެކީ. ގަުއމަށް ޓަކާ ދީނަށްޓަކާ އުޅޭ ކުދިންކޮޅަށް އަދި މިކަން ފަހުމު ނުވަނީތަ ނޫނީ ލާރި ވެއްޖެއްޔާ އޯކޭވަނީ ކަމެއް ނޭނގެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް