އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު 'ދައުރު'އަށް އިންޓަވިއު ދެއްވަނީ (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

އަޅުގަނޑުގެ ހަށިގަނޑު ކޮނެލައިފިއްޔާ އޮންނާނީ އެމްޑީޕީ: ފުއާދު

ސަރުކާރުގެ ނުފޫޒު އީސީއަށް އޮތް ކަމަށް ކޮމިޓީގެ މެންބަރުން ތުހުމަތު ކުރުމުން ފުއާދު މިއަދު ވަނީ ކޮމިޓީގައި ވަރަށް ޖަޒުބާތުގައި ޖެހިވަޑައިގެން ވާހަކަ ދައްކަވާފައި

އޭނާއަކީ އެމްޑީޕީގެ ވިސްނުމުގެ ބޭފުޅެއް ކަމަށާއި ހަށިގަނޑު ކޮނެލައިފިއްޔާ އޮންނާނީ އެ ޕާޓީކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު މިއަދު މަޖިލިސް ކޮމިޓީގައި ވަރަށް ޖަޒުބާތުގައި ވާހަކަ ދައްކަވައިފި އެވެ.

ވީ  ކިހިނެއް؟ - ފުއާދު މިގޮތަށް ވާހަކަ ދެއްކެވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރު އަދި ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. 

އެގޮތުން އާޒިމް ވިދާޅުވީ:

  • ރޯދަ މަހު މަޖިލިސް އިންތިހާބުު ނުބޭއްވުމަށް ޕާޓީތަކުން އެދެމުން ދަނިކޮށް ވެސް އެ ކޮމިޝަނުން އޭރު ނިންމީ ސަރުކާރުން ބޭނުންވި ގޮތަށް ރޯދަ މަހު އިންތިހާބު ބޭއްވުމަށް؛ އެއީ އޭނާ ވަރަށް ކަންބޮޑުވެ، ހިތާމަކުރި ކަމެއް

  • އީސީން ހިމެނޭ ގޮތަށް މިނިވަން މުއައްސަސާތަަކުގެ އަމަލުތައް ހުންނަނީ، އަބަދުވެސް ކޮންމެ ސަރުކާރެއްގައި ވެސް އެ ސަރުކާރު ބޭނުންވީމަ، އެ ބޭނުންވާ ގޮތަށް ކަންތައް ކުރަން؛ މި ސަރުކާރު ވެރިކަމަށް އައުމުން ވެސް އީސީން އަމަލު ކުރަނީ އެގޮތަށް ކަމަށް އާޒިމް ތުހުމަތު ކުރެއްވި

އަޅުގަނޑަށް އެނގޭ މިއީ ރިކޯޑް ކުރެވެމުންދާ އެއްޗެއްކަން، ޖެހިލުމެއްވެސް ނުވޭ މިހަވާހަކަ ދަންނަވަން. އަޅުގަނޑަށް ކިތަންމެ ގޮތަކުން އެނގިފައިވީ، އޭރު އަޅުގަނޑު ބޭރުކޮށްލަންވެން [ނުވަތަ] އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުން އެއްލާލަންވެގެން އެ މަސައްކަތް ކުރެއްވި ތިން މެންބަރުންގެ ފަހަތުގައި ތިއްބެވީ އެމްޑީޕީން. އެމްޑީޕީއަކީ އެއީ އަޅުގަނޑުގެ އެއްބައި ގޮތަށް ދެކޭ ޕާޓީއެއް. ދެން މިވަގުތު މިނިވަން މުއައަސާއެއްގައި ހުންނަވާއިރު، އަޅުގަނޑަށް އެއްވެސް ޕާޓީއަކަށް ނުއެއް ހުރެވޭނެ. އެކަމަކު އަޅުގަނޑުގެ އެކަލަހެން އެތެރެހަށި ކޮނެލާފިއްޔާ، ހަމަ އަޅުގަނޑަށް ހީވަނީ އެހެން އެއްޗެއް ނުފެންނާނެހެން

އިލެކްޝަންސް ކޮމިޝަންގެ ރައީސް/ ފުއާދު ތައުފީގު

ތަފްސީލު - އާޒިމް އެދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ފުއާދު ފުރަތަމަ ވިދާޅުވީ އެއީ "ވަރަށް ރަނގަޅު ވާހަކަތަކެއް" ކަމަށާއި އަދި އެ ވާހަކަތަކަށް އޭނާ ވެސް އެއްބަސްވާ ކަމަށެވެ. ނަމަވެސް އެކަމާ ފުންކޮށް ވިސްނާވަޑައިގަތުމަށް އެދުމުން ފުއާދު ވާހަކަ ފެއްޓެވީ މީގެ ކުރިން އޭނާ 2014ގައި ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވިއިރު އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދިމާވި ކަންތައްތަކުގެ ވާހަކަތަކުންނެވެ. 

"އިއްޒަތްތެރި މެންބަރު [އާޒިމް]އަކީ ވެސް އަޅުގަނޑަށް ވަރަށް ހަމުދަރުދީ ވެވަޑައިގެންނެވި ބޭފުޅެއް. މަޖިލިސްގައި އެފަހަރު އެމްޑީޕީގެ ހުރިހާ ބޭފުޅުންގެ ވެސް ތާއީދާއި އެހީތެރިކަމާއި ހިތްވަރާ މި ހުރިހާ އެއްޗެއް ދެއްވި އިލެކްޝަންސް ކޮމިޝަންގެ އޭރުގެ ރައީސްއަކަށް ހުރި އިރު،" ޔާމީންގެ ސަރުކާރުގައި ކުރިމަތިވި 'ފިއްތުންތަކު'ގެ ވާހަކަ ފައްޓަވަމުން ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭރު ސުޕްރީމް ކޯޓުގެ 'ހުރުމަތް ކެނޑީކަމަށް ހަދާފައި' އޭނާގެ މައްޗަށް ކުރި އަމުރަކީ، އެ ސަރުކާރުގައި އައި ބައެއް ކަންކަމަށް 'ބޯނުލެނބީމާ' ނެރުނު އަމުރެކެވެ.

"ބަސްނާހައިފިއްޔާ ޖަލަށް ވެސް ލާ ގޮތަށް، ބަސްއަހައިފިއްޔާ އެއް އަހަރު ދުވަހުގެ ތެރޭގައި ހުރެވޭ ގޮޮތަށް ހެއްދެވީ. ދެން ބަސްނޭހިދާނެތީ، އަޅުގަނޑު ފުރައިގެން ރާއްޖެއިން ބޭރަށް އެފަހަރު ދިޔައީ،" ފުއާދު ވިދާޅުވި އެވެ.

 އަޅުގަނޑަށް އެމްޑީޕީއެކޭ، ދަ ޑިމޮކްރެޓްސްއެކޭ އަދި އެހެން ޕާޓިއެއްވެސް ނެތް އެއްވެސް ތަފާތެއް. ޑިމޮކްރެޓްސްގެވެސް އަދި އެމްޑީޕީގައިވެސް ތިއްބެވީ އަޅުގަނޑާ ވަރަށް ގާތް، ވަރަށް އެކީގައި މަސައްކަތްކުރައްވާފައި ތިބި [ބޭފުޅުން]. ފުރަތަމައިން އެއް ވިސްނުމެއްގައި އުޅުނު މީހުން

އިލެކްޝަންސް ކޮމިޝަންގެ ރައީސް/ ފުއާދު ތައުފީގް

އެ އަމުރާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ:

  • މަޖިލީހުން އޭރު [މެންބަރުން] ވިދާޅުވި ސުޕްރީމް ކޯޓުގެ އަމުރަކީ، ގާނޫނުއަސާސީއާ ހިލާފަށް ނެރުނު އަމުރެއް ކަމަށް؛ އެއީ މިނިވަން މުއައްސަސާގެ މެންބަރަކު ވަކި ކުރެވޭނީ މަޖިލީހަށް ކަމަށް ވާތީ

  • އެ ވާހަކަތައް އަޅުގަނޑު ވެސް މަޖިލީހުގައި ދެންނެވިން؛ އެހެން ނަމަވެސް، 'މަޖިލީހުން ވީކަމެއް ނެތް'

  • އިލެކްޝަންސް ކޮމިޝަނަށް ވެސް އަޅުގަނޑު ލިޔުނިން، އަޅުގަނޑުގެ މެންބަރުކަމުގެ ދައުރު އެ އަހަރު ނޮވެމްބަރުގައި ހަމަވާން އޮއްވާ، އެޕްރީލްގައި ވަކިކުރުމުން އެ މުއްދަތަށް އަޅުގަނޑުގެ މުސާރަ ހޯދުމަށް

  • ކޮމިޝަނުން އޭރު ބުނީ އެ ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ލިޔުއްވާނެ ވާހަކަ؛ ނަމަވެސް ކޮމިޝަންގެ އެ ސިޓީއަށް މިއަދާ ހަމައަށް ވެސް ޖަވާބެއް ދީފައެއް ނުވޭ

  • ދެން އެމްޑީޕީގެ ސަރުކާރު 2018ގައި އައުމާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ދެންނެވިން، ގާނޫނާއި ގަވައިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނޯންނާނޭ؛ އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރުން ވަޒީފާއިން ވަކިވެފައިވުމުން، އެ މުއްދަތުގެ މުސާރަ ދެއްވުމަށް

"އެކަމަކު އެމްޑީޕީގެ ރައީސް [ވެރިކަމުގައި] ހުންވައިގެން 2019ވަނަ އަހަރު އަޅުގަނޑަށް ޖަވާބުދެއްވާފައި ވަނީ، މިހާރު ވެސް އޮންނާނެ އަޅުގަނޑު [އަތުގައި] ރައީސް އޮފީހުން ލިޔުމުން ދެއްވި ޖަވާބު. ޖަވާބު ދެއްވާފައި ވަނީ، އަޅުގަނޑު އެދިފައިވާ ގޮތަށް އެކަންތައް ހަމަޖައްސަވަން ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް [ސޯލިހް] ވިދާޅުވިއޭ،" މިދިޔަ 10 ވަރަކަށް އަހަރު ފުއާދުއަށް ކުރިމަތިވި ކަންތައްތަކުގެ ވާހަކަތައް ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތައް މިނިވަންކޮށް މަސައްކަތް ކުރުމަށް ދިމާވާ "އެންމެ ބޮޑު އެއް މައްސަލައަކީ މިނިވަން މުއައްސަސާތަކަށް ހިމާޔަތެއް ނެތުމެ"ވެ.

"ފަހަރެއްގައި ވެދާނެ [މިއީ] އެއްވެސް ބަޔަކަށް ނޯންނަ ހިމާޔަތަކަށް ކަމަށް ވެސް. މިހެން މި ދެންނެވީ، އަޅުގަނޑު މިހާރު ވެސް ހަނދާން ހުރޭ ސިފައިން އައިސް، އިއްޒަތްތެރި [މަޖިލިސް] މެންބަރުން އަތުލައިގަނެގެން ގެންދާ މަންޒަރާ އެއްޗެއްހި ވެސް. އެހެންވީމަ، އިއްޒަތްތެރި މަޖިލީހަށް ވެސް ނޯންނަނީ ކަމަށް ވެދާނެ މި ހިމާޔަތާއި އެއްޗެއްހި،" ފުއާދު ވިދާޅުވި އެވެ.

އޭރު ކޮމިޝަންގެ ރައީސްއަކަށް ހުންނަވައިގެން ކުރެއްވި ތަޖުރިބާ ހިއްސާކުރެއްވުމަށް ފަހު ފުއާދު ވިދާޅުވީ، "ދެވަނަ ފަހަރަށް [ކޮމިޝަންގެ ރައީސްކަމަށް] އައިސް އަޅުގަނޑު މިއުޅެނީ ތަންކޮޅެއް ވިސްނުންތެރިކަމާ އެކު" ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑަށް އެމްޑީޕީއެކޭ، ދަ ޑިމޮކްރެޓްސްއެކޭ އަދި އެހެން ޕާޓީއެއް ވެސް ނެތް އެއްވެސް ތަފާތެއް. ޑިމޮކްރެޓްސްގެ ވެސް އަދި އެމްޑީޕީގައި ވެސް ތިއްްބެވީ އަޅުގަނޑާ ވަރަށް ގާތް، ވަރަށް އެކީގައި މަސައްކަތްކުރައްވާފައި ތިބި [ބޭފުޅުން]. ފުރަތަމައިނުން އެއް ވިސްނުމެއްގައި އުޅުނު މީހުން،" ފުއާދު ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ފުއާދު ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/ މަޖިލިސް)

އެއާ އެކު ފުއާދު ދެން ވާހަކަ ދައްކަވަން ފެއްޓެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީން ވަކިވެވަޑައިގެން އުފައްދަވަން މަސައްކަތް ކުރެއްވި 'ދަ ޑިމޮކްރެޓްސް' ޕާޓީ އުފެއްދުމުގައި އެ ދިމާވި ކަންތައްތަކުންނެވެ.

"ދެން ޑިމޮކްރެޓްސް އުފެއްދުމުގެ ކަންތަކުގައި އަޅުގަނޑު އުޅުނީ ޑިމޮކްރެޓްސްއަށް ވީހާ ވެސް އަވަހަކަށް އެކަންތައް [ޕާޓީ ރަޖިސްޓްރީކުރުމުގެ ކަންތައްތައް] ފަހިކޮށްދިނުމަށް. އެހެން ނަމަވެސް، ކޮމިޝަންގައި ތިއްބެވި ތިން މެންބަރަކު ދިމާކުރެއްވީ، އަޅުގަނޑު މިތަނުން ނަގާ އެއްލާލަން،" އޭރު އެ ޕާޓީ އުފެއްދުމުގައި ކޮމިޝަންގެ މެންބަރުންގެ ތެރޭގައި ދިމާވި ހިޔާލު ތަފާތުވުންތަކުގެ ވާހަކައަށް އިޝާރާތް ކުރައްވާ ފުއާދު ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ މިއީ ރިކޯޑް ކުރެވެމުންދާ އެއްޗެއްކަން، ޖެހިލުމެއް ވެސް ނުވޭ މި ވާހަކަ ދަންނަވަން. އަޅުގަނޑަށް ކިތަންމެ ގޮތަކުން އެނގިފައިވީ، އޭރު އަޅުގަނޑު ބޭރުކޮށްލަން ވެސް [ނުވަތަ] އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުން އެއްލާލަންވެގެން އެ މަސައްކަތް ކުރެއްވި ތިން މެންބަރުންގެ ފަހަތުގައި ތިއްބެވީ އެމްޑީޕީން. އެމްޑީޕީއަކީ އެއީ އަޅުގަނޑުގެ އެއްބައި ގޮތަށް ދެކޭ ޕާޓީއެއް. ދެން މިވަގުތު މިނިވަން މުއައަސާއެއްގައި ހުންނަވާއިރު، އަޅުގަނޑަށް އެއްވެސް ޕާޓީއަކަށް ނުއެއް ހުރެވޭނެ. އެކަމަކު އަޅުގަނޑުގެ އެތެރެހަށި ކޮނެލައިފިއްޔާ، ހަމަ އަޅުގަނޑަށް ހީވަނީ އެހެން އެއްޗެއް ނުފެންނާނެހެން."

ފުއާދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ވަރަށް އިންސާފުވެރިވާނެ ކަމަށް އުންމީދު ކުރެއްވި ކަމަށެވެ. އެކަމަކު އެއްލާނުލާ ސަލާމަތްވީ "ކިރިޔަކިރިޔާ" ކަމަށް ވިދާޅުވި އެވެ. 

"ދެން ޑިމޮކްރެޓްސްއިން އެފަހަރު ވަރަށް އެހީތައް ވެދެއްވައިގެން އަޅުގަނޑު މިތަނުގައި މި ގޮނޑީގައި މިއިނީ،" ފުއާދު ވިދާޅުވި އެވެ.

އޭނާ ތަކުރާރުކޮށް ވިދާޅުވީ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ.

"އެއްވެސް ސަރުކާރެއްގެ ބިރު ދެއްކުމަކަށް، އިންޒާރަކަށް [ބޯނުލަަނބަން]. އެހެން ނަމަވެސް އަޅުގަނޑު ކުރިން އެ ހިފާވަރަށް، އިނގޭތޯ، އެ ހިފާވަރަށް މިހާރު ނޯވޭ ހިފޭކަށް،" ފުއާދު ވިދާޅުވި އެވެ.

އެ ވާހަކައިގެ ތެރެއިން ދެން ވިދާޅުވީ، ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމުގެ މައްސަލަގަނޑުގައި މިނިވަން މުއައްސަސާ ކޮމިޓީގެ މުގައްރިރު، އައްޑު މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވެސް އޭނާއަށް ގުޅުއްވި ކަމަށެވެ. 

"އިއްޒަތްތެރި މުގައްރިރު [ރޮޒައިނާ] ވެސް އެފަހަރު އަޅުގަނޑު ކައިރީ ވިދާޅުވި، މެޖޯރިޓީއަށް ދޫދީގެން ކަންތައް ކުރާށޭ. އެއީ އަޅުގަނޑުމެންގެ [ކޮމިޝަންގެ މެންބަރުންގެ] ތެރޭގައި މިކަލަ [ހިޔާލުތަފާތުވުމެއް] އޮތީމަ އަޅުގަނޑު ދެންނެވިން މިކަހަލަ ކަމެކޭ އޮތީ. ދެން [ރޮޒައިނާ] ވިދާޅުވީ، އެހެންވީމަ އެކީގައި މަސައްކަތް ކުރަން ޖެހޭއިރު މެޖޯރިޓީއަށް ވެސް ދޫދީގެންނޭ [މަސައްކަތް ކުރެވޭނީ]،" ފުއާދު ވިދާޅުވި އެވެ.

އެހެންވީމަ، ރޮޒައިނާ އޭރު ދެއްވި އިރުޝާދުގެ ދަށުން މިހާރު އޭނާ މަސައްކަތް ކުރައްވަނީ "މެޖޯރިޓީއަށް ދޫދީގެން" ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެގޮތަށް ދޫދޭއިރު، މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ގާނޫނާއި ގަވައިދާ ހިލާފު ކަމެއް ކޮށްފައި ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"އަޅުގަނޑުމެން ހުރިހާ މިނިވަން މުއައްސާތަކުގެ ރައްކާތެރިކަމަށްޓަކައި، އަދި އަޅުގަނޑު [ދައުރު] ނޮވެމްބަރާ ހަމައަށް މި އޮތީ މުއްދަތު، ދެން ކުރިއަށް އޮތް ތަނުގައި ވެސް މި ރައްކާތެރިކަން ލިބިގެންވާ ބައެއް ކަމަށް ހައްދަވައިދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް،" ފުއާދު ވިދާޅުވި އެވެ.

އެނގުން މުހިންމު - އިލެކްޝަންސް ކޮމިޝަން މިއަދު މިނިވަން މުއައްސާ ކޮމިޓީއަށް ހާޒިރު ކުރީ، ރޯދަ މަހު މަޖިލިސް އިންތިހާބު ނުބާއްވާ ގޮތަށް މިދިޔަ ބުދަދުވަހު މަޖިލީހުން ފާސްކުރި އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅިގެންނެވެ. 

އެ ބިލު ރައީސް މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގު ކުރެއްވުމުން، ކޮމިޝަނުން އެރޭ ނިންމާފައި ވަނީ ރޯދަމަހު އިންތިހާބު ނުބޭއްވުމަށެވެެ. އެގޮތުން އާ ތާރީހެއްގެ ގޮތުގައި ކޮމިޝަނުން މިހާރު ކަނޑައަޅާފައި ވަނީ 21 އެޕްރީލް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް