އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާ ދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި އެ ކޮމިޝަންގެ ފަސް މެމްބަރުން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އީސީގައި ވެސް މަރުތަޅު އެޅި، ޑިމޮކްރެޓްސް ރަޖިސްޓްރީކުރުން މަޑުޖެހިއްޖެ
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޖަލްސާގެ ކޯރަމް ހަމަވާ ވަރަށް މެމްބަރުން ހާޒިރު ނުވެ، އެ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ނުގެންދެވުމާ ގުޅިގެން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ 'ދަ ޑިމޮކްރެޓްސް' ރަޖިސްޓްރީ ނުވެ، އަނެއްކާވެސް ލަސްވެއްޖެ އެވެ.
ވީ ކިހިނެއް؟ - އީސީގެ ރައީސް ފުއާދު ތައުފީގު މިއަދު 'ދައުރު'އަށް ވިދާޅުވީ އެ ކޮމިޝަންގެ ދެ މެމްބަރަކު ކޮމިޝަންގެ ޖަލްސާތަކުގައި ބައިވެރިވުމަށް ދެކޮޅުހެއްދެވުމުގެ ސަބަބުން އީސީގެ ޖަލްސާތައް ކުރިއަށް ނުގެންދެވި، ހުއްޓިފައިވާ ކަމަށެވެ.
އެނގުން މުހިންމު - އިލެކްޝަންސް ކޮމިޝަންގައި ތިއްބަވާ ފަސް މެމްބަރުންނަކީ:
-
ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
-
ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް
-
މެމްބަރު އަލީ ނަޝާތު
-
މެމްބަރު މުހައްމަދު އާސިފް
-
މެމްބަރު ޑރ. މުހައްމަދު ޒާހިރު
ތަފްސީލް - އެ ބޭފުޅުންގެ ތެރެއިން ޖަލްސާތަކުގައި ބައިވެރިވުމަށް ދެކޮޅުހައްދަވަނީ ނަޝާތު އާއި އާސިފް އެވެ.
ފުއާދު ވިދާޅުވީ ޖަލްސާ ބޭއްވުމަށް ކޯރަމް ހަމަކުރުމަށް ޒާހިރުއާ ގުޅަން އީސީން މިއަދު މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އޭނާ ފޯނު ނުނަންގަވާ ކަމަށެވެ.
"މަދުވެގެން ތިން މެމްބަރުން ހާޒިރުވެގެން ކޯރަމް ހަމަވާނީ،" އޭނާ ވިދާޅުވި އެވެ.
ނަޝާތު އާއި އާސިފަކީ މީގެ ކުރިން ގަވައިދުން ޖަލްސާތަކުގައި ބައިވެރިވާ ބޭފުޅުންކަން ފާހަގަކުރައްވައި ފުއާދު ވިދާޅުވީ މިހާރު އެ ބޭފުޅުން ކޮމިޝަންގެ ޖަލްސާތަކުގައި ބައިވެރިވާން ދެކޮޅު ހައްދަވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ނޫން ކަމަށެވެ.
ކޯރަމް ހަމަވާ ވަރަށް މެމްބަރުން ޖަލްސާތަކުގައި ބައިވެރިވާން ދެކޮޅު ހެދުމުން އީސީގައި މި އެޅުނު މަރުތަޅު ފިލުވޭނެ ހަމައެކަނި ގޮތަކީ، ފުއާދު ވިދާޅުވި ގޮތުގައި، މެމްބަރުން ޖަލްސާތަކުގައި ބައިވެރިވުމެވެ. ޖަލްސާތައް ނުބޭއްވޭހާ ހިނދެއްގައި އީސީގެ އިދާރީ މަސައްކަތްތައް ފިޔަވައި އެހެނިހެން ބޮޑެތި މަސައްކަތްތައް ހުންނާނީ ހުއްޓިފައިކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެ ބޭފުޅުން [ޖަލްސާއަށް] ވަޑައިގަތުން އޮތީ. އެ ބޭފުޅުންނަކީ ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ތިއްބަވާ ބައެއްކަން ދަނެގެން، އެ ވާޖިބު އަދާނުކުރައްވާހާ ހިނދަކު، އެ ފައިސާ ހަލާލު ނުވާނެކަން ދަނެގެން، އެ ބޭފުޅުންގެ ވާޖިބު އަދާކުރެއްވުން [މިކަމުގެ ހައްލަކީ]،" ފުއާދު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އީސީގެ ރައީސް ފުއާދު މި ދަނޑިވަޅުގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ބައެއްގެ ނުފޫޒުގެ ދަށުން ކަމަށް ތުހުމަތުކުރައްވައި އެކަމުގެ ސަބަބުން އޭނާގެ އިތުބާރު ގެއްލިފައިވާ ކަމަށް ނަޝާތު އާއި އާސިފް ވިދާޅުވެ އެވެ.
ނަޝާތު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ޖަލްސާތަކުގައި ބައިވެރިވުމަށް ދެކޮޅު ހައްދަަވަނީ ފުއާދުގެ އިތުބާރު ނެތުމުންނެވެ. އަދި މަޝްވަރާކުރުމަށް ފަހު، އެ މައްސަލައަށް ހައްލެއް ލިބުނުހާ އަވަހަކަށް ޖަލްސާތަކުގައި ބައިވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެނގުން މުހިއްމު - އީސީގެ ބައެއް މެމްބަރުން ޖަލްސާގައި ބައިވެރިވާން ދެކޮޅު ހައްދަވަމުން ދާއިރު، 'ދަ ޑިމޮކްރެޓްސް' ރަޖިސްޓްރީ ކުރުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ނިމި، އެ ކަމަށް ދޭން ޖެހޭ ހުއްދަ ދިނުން މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވެ އެވެ.
-
ރައްޔިތުންގެ މަޖިލިސް ވެސް ހުއްޓި، އެ ތަނުގައި ވެސް މަރުތަޅު އެޅިފައި ވަނިކޮށް، އީސީގައި މަރުތަޅު އެޅިގެން ދިޔައީ، ސަރުކާރުގެ ނުފޫޒުގެ ސަބަބުން އީސީގެ ބައެއް މެމްބަރުން ޑިމޮކްރެޓްސް ރަޖިސްޓްރީ ވިޔަނުދޭން މަސައްކަތް ކުރަމުންދާ ކަމަށް އެ ޕާޓީން ތުހުމަތުކޮށްފައި ވަނިކޮށް
-
ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް މިދިޔަ އާދިއްތަ ދުވަހު އީސީން ނެގި ވޯޓުގައި ވެސް ނަޝާތު އާއި އާސިފް ވޯޓު ދެއްވީ އެ ޕާޓީ މި ވަގުތަށް ރަޖިސްޓްރީކޮށް ނުދީ، އިތުރަށް ބައެއް ކަންކަން ބެލުމަށް
-
ފުއާދު އާއި ހަބީބު ވޯޓް ދެއްވީ އެ ޕާޓީ ރަޖިސްޓްރީކޮށްދިނުމަށް
"އަޅުގަނޑު ވަރަށް ހިތާމަ ކުރަން [ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރުން] އެ ގޮތަށް ލަސްވަމުންދާ ކަމަށްޓަކައި. އަޅުގަނޑު ވަރަށް އުންމީދުކުރަން އެކަން އަވަހަށް ބޭއްވިގެން ދާނެ ކަމަށް،" ފުއާދު މިއަދު ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން -