ޖޫން 1، 2023: އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާ 'ދަ ޑިމޮކްރެޓްސް'ގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނާ ހަވާލުކުރުން (ފޮޓޯ/ ޑިމޮކްރެޓްސް)
އީސީގެ ދެ މެންބަރެއް ދެކޮޅު ހަދާތީ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށް ނުދެވިފައި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ބޭފުޅުން އުފައްދަން މަސައްކަތް ކުރާ 'ދަ ޑިމޮކްރެޓްސް' ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދޭން ދެ މެންބަރަކު ދެކޮޅު ހައްދަވާތީ އެ ޕާޓީ ރަޖިސްޓްރީކޮށްދޭން މިއަދު ފާސްވެފައި ނުވާ ކަމަށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އީސީގެ ތެރެއިން ހުރަސްއެޅުންތަކެއް ކުރިމަތިވެ 'ދަ ޑިމޮކްރެޓްސް' ރަޖިސްޓްރީކޮށް ދިނުން ލަސްވާ ކަމަށް ބުނެ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވަނީ މިއަދު ހަވީރުން ފެށިގެން އީސީގެ މައި އިދާރާއަށް ޖަމާވެ މައުލޫމާތު ސާފުކުރަން އެދިފަ އެވެ.
އެކަމާ ގުޅިގެން ކޮމިޝަނުން ބޭއްވި ބައްދަލުވުމަށް ފަހު، ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެތަނުގައި ތިއްބެވި ޑިމޮކްރެޓްސްގެ މެންބަރުންނާ މިރޭ ބައްދަލުކުރައްވައި ވިދާޅުވީ:
-
ޑިމޮކްރެޓްސްއިން ހުށަހެޅި މެންބަޝިޕް ފޯމްތަކުގައި މައްސަލައެއް އޮތް ކަމަށް މިހާތަނަށް ފާހަގަވެފައެއް ނުވޭ
-
ނަމަވެސް ގާނޫނުގައި ބުނާ ތިން މަސް ފާއިތުނުވަނީސް ޕާޓީ އުފެއްދުމުގެ ހުއްދަ ދޭން ދެ މެންބަރަކު ދެކޮޅު ހައްދަވަމުން ގެންދަވާ
-
އެބޭފުޅުން ވިދާޅުވަނީ އިތުރު ކަންކަން ބެލުމަށް ފަހު ނޫނީ ހުއްދަ ދޭން އަދި ވޯޓް ދެވެން ނެތް ކަމަށް
-
ދެކޮޅު ހައްދަވަނީ ކޮމިޝަންގެ މެންބަރު އަލީ ނަޝާތު އާއި މުހައްމަދު އާސިފް ކަމަށް ވިދާޅުވި
"އެބޭފުޅުން ބައްލަވަން ބޭނުންފުޅުވާ ކަންކަން ސީދާ ވިދާޅެއް ނުވޭ. އެބޭފުޅުން ހަޅޭއްލައްވާފައި ވަޑައިގެންފި. ވޯޓް އެއްވަރުވީ. އެހެންވެ، ހުއްދަ ދޭން މިވަގުތަށް ފާސްނުވީ،" ފުއާދު ވިދާޅުވި އެވެ.
ތަފްސީލް - އެއް މެންބަަރަކު ހައްޖަށް ވަޑައިގެންފައި ވުމުން ކޮމިޝަންގެ ޖަލްސާގައި ބައިވެރިވީ މާލޭގައި ތިބި ހަތަރު މެންބަރުންނެވެ. ފުއާދު ވިދާޅުވީ ނަޝާތާއި އާސިފް ވޯޓް ދެއްވީ ދަ ޑިމޮކްރެޓްސް ޕާޓީ މިވަގުތަށް ރަޖިސްޓްރީކޮށް ނުދިނުމަށެވެ. ފުއާދުގެ އިތުރަށް ނައިބު ރައީސް އިސްމާއިލް ހަބީބު ވޯޓް ދެއްވީ އެ ޕާޓީ މިއަދު ރަޖިސްޓްރީކޮށް ދިނުމަށެވެ.
މީގެ އިތުރަށް ފުއާދު ވިދާޅުވީ އޭނާ ހުންނެވީ ބައެއްގެ ނުފޫޒެއްގައި ދަށުވެފައި ކަމަށް ނަޝާތާއި އާސިފް ތުހުމަތު ކުރެއްވި ކަމަށެވެ. އަދި އެގޮތަށް ތުހުމަތު ކުރައްވައި އެބޭފުޅުން ނުރުހުން ފާޅުކުރެއްވި ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - އިލެކްޝަންސް ކޮމިޝަނާ ހަވާލާދީ ދަ ޑިމޮކްރެޓްސް އިން ބުނެފައިވާ ގޮތުގައި އެ ޕާޓީއިން ހުށަހެޅި 3،560 ފޯމުގެ ތެރެއިން 3،000 އަށް ވުރެ ގިނަ ފޯމް ސައްހަ އެވެ. ޕާޓީއެއް އުފެއްދުމަށް ބޭނުން ވަނީ މަދުވެގެން 3،000 މެންބަރުންގެ ފޯމެވެ.
ޕާޓީ އުފެއްދުމަށް ބޭނުންވާ ފޯމް ޑިމޮކްރެޓުން ހުށަހަޅާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު އެވެ.
ކޮމެންޓް (3)
ރިކްރު
ވަގުނީސް
ޚަމާނީ