މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވާހަކަދައްކަވަނީ (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)
ޑިމޮކްރެޓްސް ރެޖިސްޓާ ނުކޮށްދީ މާގިނަ ދުވަހަކު ނުތިބެވޭނެ: އީވާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އިސްވެ ތިއްބަވާ އުފައްދަވަން މަސައްކަތް ކުރާ، 'ދަ ޑިމޮކްރެޓްސް' ރެޖިސްޓްރީ ނުކޮށްދީ އިލެކްޝަންސް ކޮމިޝަނަށް ތިބެވޭނީ ދެ ދުވަހަށް ކަމަށާއި، އެންމެ ފަހުން ޖެހޭނީ ހަމަ އެ ޕާޓީ ރެޖިސްޓާކޮށްދޭން ކަމަށް ބުނެފި އެވެ.
އެނގުން މުހިއްމު- ؛ދަ ޑިމޮކްރެޓްސް' އުފެއްދުމަށްޓަކައި 3،560 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މި މަހުގެ 1 ވަނަ ދުވަހު އެވެ. އޭގެ ފަހުން ދެ ހަފްތާ ވެގެންދިޔައިރު ވެސް އެ ޕާޓީ ރަޖިސްޓްރީކޮށްދީފައެއް ނުވެ އެވެ.
ޕާޓީ އުފެއްދުމަށް ޖަލްސާ ބާއްވައި ޕާޓީގެ އަސާސީ ކަންކަން ފާސްކުރެވޭނީ އީސީއިން ހުއްދަ ލިބިގެން ކަމަށް ވާތީ، އެ ކަންބޮޑުވުންތައް ހިއްސާކުރުމަށް މިއަދު އެ ޕާޓީގެ މެންބަރުން އީސީއަށް ގޮސްފައިވަނިކޮށް އެ ހުއްދަ ދޭން އެ ކޮމިޝަންގެ ދެ މެންބަރަކު ދެކޮޅު ހެދުމާ ގުޅިގެން ޕާޓީ އުފެއްދުމުގެ ހުއްދަ މިއަދު ނުދޭން ވަނީ ނިންމައިފަ އެެވެ.
ބުނީ ކީކޭ؟- އެކަމާ ނުރުހުން ފާޅުކޮށް، ޑިމޮކްރެޓްސްގެ ހަރުގެ ހ. ވެޔޮވިލާގައި ބޭއްވި ޖަލްސާގައި ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، އެ ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުންތަކުގައި އެ ޕާޓީން ހުށަހެޅި ފޯމުތަކުގެ ފުރިހަމަކަން ކޮމިޝަނަރުން ވެސް ފާހަގަކުރެއްވި ކަމަށެވެ. އެހެންކަމުން އެ ޕާޓީ ރެޖިސްޓްރީނުކޮށްދީ މާ ގިނަ ދުވަހު ހިފަހައްޓާ ނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން،ެ އަޅުގަނޑުމެންގެ ޕާޓީ ރެޖިސްޓްރީނުކޮށް އެއް ދުވަހަކު ދެ ދުވަހަކު ހިފަހައްޓާލެވިދާނެ. އެކަމަކު މި ޕާޓީ ޖެހޭނީ ރެޖިސްޓާ ކޮށްދޭން" އީވާ ވިދާޅުވި އެވެ.
އެކަން ފާހަގަކުރައްވަމުން ސަޕޯޓަރުނަށް އޭނާ ދެއްވީ 'ޑިމޮކްރެޓްސް' ރެޖިސްޓާކޮށް، އެ ޕާޓީގެ ފަރާތުން ނުކުންނަ ރިޔާސީ ކެންޑިޑޭޓްގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމުގެ ޔަގީންކަމެވެ. މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ އީވާ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް އެ އިންތިހާބުން ބަލިކުރާނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ކަމަށެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އާ ޕާޓީއެއް ރެޖިސްޓާކޮށްނުދިނުމަށް އުޅެނީ ރައީސް ސޯލިހުގެ ވެރިކަން "ކުރިއަށް އޮތް 30 އަހަރަށް" ދައްމާލުމުގެ ބޭނުމުގައި ކަމަށެވެ.
އޭނާ ވިދާޅުވީ މި ސަރުކާރާ ދެކޮޅަށް މިހާރު މަގު މައްޗަށް ނުކުންނަން ޖެހޭ ކަމަށެވެ. އެކަމަކު މިހާ ދުވަހު އެކަން ނުކޮށް ތިބީ، ތަރުތީބުނުވެ ނުކުމެއްޖެ ނަމަ އެކަމަށް ޒިންމާ ނަގާނެ މީހަކު ނުހުންނާނެތީ އެވެ. އަދި އެ ޕާޓީ އުފެއްދުމަށް ސަރުކާރުން ހުރަސްއަޅަނީ ސަރުކާރުން "ބިރު ގަންނާތީ" ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވެގެން މި ބުނަނީ ޕާޓީ ހެދުމުގެ ފުރުސަތު ދޭށޭ. ފުރުސަތު ނުދޭން އެއުޅެނީ ބިރުގަނޭ. ބޮޑުކޮށް ބިރުގަނޭ. އެއީ އަޅުގަނޑުމެން މި ވެރިކަން ނިމުމަކަށް ގެންނާނެތީވެ،" އާޒިމް ވިދާޅުވި އެވެ.
އޭނާ ގޮވާލެއްވީ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުތުމަށެވެ. އެއީ "ޖަލަށް ދާން ޖެހުނަސް" "ޕެޕާ ސްޕްރޭ ޖެހިޔަސް" ހެޔޮ ކަމަށް ނިންމައިގެން ނެވެ.
ކޮމެންޓް (2)
ސްމޭޝް
އިބްރާހީމް