އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މީގެ ކުރިން 'ދައުރު'އަށް ދެއްވި އިންޓަވިއުއެްގައި ވާހަކަ ދައްކަވަނީ (ދައުރު ފައިލް ފޯޓޯ/ މުޒައްޔިން ނާޒިމް)

އީސީގައި އަދިވެސް ބައިބައިވުމެއް؛ ފުއާދު އިސްތިއުފާ ދޭން ވިސްނަނީ

ފުއާދު ވިދާޅުވި ގޮތުގައި، ކޮމިޝަންގެ ތިން މެންބަރަކު އުޅުއްވަނީ އޭނާއާ 'ޖައްސާލައިގެން'

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތެރޭގައި މީގެ ހަ މަސް ކުރިން އުފުދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އަދިވެސް އެެ ކޮމިޝަންގެ މެންބަރުންނަށް އެއްގަލަކަށް ނޭރި، ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެ މަގާމުން އިސްތިއުފާ ދެއްވުމާ މެދު ވިސްނަވަމުން ގެންދަވާކަން އޭނާ މިއަދު ހާމަކުރައްވައިފި އެވެ.

މައްސަލައިގެ ފެށުން - ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި މިދިޔަ ޖުލައި މަސް ތެރޭ ކޮމިޝަންގެ މެންބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ފުއާދާއި އެހެން ބައެއް މެންބަރުންނާ ދެމެދު މައްސަލަ ޖެހުނެވެ. އެގޮތުން:

  • ފުއާދު އަވަސް އަރުވާލައިގެން ޑިމޮކްރެޓްސްއަށް ހުއްދަ ދޭން އުޅުއްވި ކަމަށް ކޮމިޝަންގެ މެންބަރު އަލީ ނަޝާތު ތުހުމަތުކުރެއްވި؛ ނަމަވެސް، ފުއާދު އެކަން ދޮގުކުރައްވާ

  • ފޯމުތަައް އިތުރަށް ނުބަލައި ހުއްދަ ނުދޭން ކޮމިޝަންގެ ދެ މެންބަރުން ދެކޮޅު ހެއްދެވުމުން، އެ ޕާޓީއަށް ހުއްދަ ދިނުން ލަސްވި

  • މި ކޯޅުންގަނޑުގެ ތެރެއިން ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދަ ދިނީ، އެ ހުއްދައަށް ހުށަހެޅިތާ އެއް މަސް ފަހުން

  • މިދިޔަ ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އުފެދުނު މި ހިޔާލު ތަފާތުވުންތަކާ ގުޅިގެން ފަހުން އެ ކޮމިޝަނުން ބުނެފައި ވަނީ މެންބަރުންގެ މެދުގައި ޖެހުނު މައްސަލަ ހަލުވެފައިވާ ކަމަށް

ވީ ކިހިނެއް؟ - ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފުއާދު ކޮމިޝަންގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް މިހާރު ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް، މިއަދު 'ދައުރު'އާ ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ، އެއީ "މުޅިން ތެދު ވާހަކައެއް ނޫން" ކަމަށެވެ.

ބުނީ ކީކޭ؟ - "އަދި އަޅުގަނޑު އިސްތިއުފާއެއް ނުދެން، އިސްތިއުފާ ދިނުމަށް ނުވެސް ނިންމަން... [ނަމަވެސް] އަޅުގަނޑަށް އަދިވެސް ކޮމިޝަންގެ ތެރޭގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން، އިސްތިއުފާ ދިނުމަށް އެބަ ވިސްނަން،" ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ދެ ވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ ފުއާދު ވިދާޅުވި އެވެ.

ތަފްސީލު - އީސީގެ މެންބަރުންގެ މެދުގައި ޖެހުނު މައްސަލަތަކުގެ ތެރެއިން އޭރު، ގާނޫނީ ބުރަދަނެއް ނެތް ވޯޓެއް ނަގައި ފުއާދު ކޮމިޝަންގެ ރައީސް ކަމުން ވަކިކުރުމަށް ވެސް ނިންމި އެވެ. ނަމަވެސް، ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން، އެއީ އެ ގޮތަށް ކުރެވޭނެ ކަމެއް ނޫނެވެ.

ފުއާދު މިއަދު 'ދައުރު'އަށް ވިދާޅުވީ:

  • އޭނާ ވިސްނަވަނީ ކޮމިޝަންގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ފަހު، އެހެން މަގާމަކަށް ނުވަތަ ވަޒީފާއަކަށް ވަޑައިގަތުން

  • ކޮމިޝަންގެ ތިން މެންބަރަކާ މެދު އަދިވެސް ހިޔާލު ތަފާތުންތައް ބޮޑު؛ އެ ތިން މެންބަރުންގެ އެއްބާލުމެއް ނުލިބޭ

  • އެކަން ކަމާ ބެހޭ ފަރާތްތަކާ ވަނީ ހިއްސާކޮށްފައި

"ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރަކު ދިމާކޮށްފައި ހުންނަ ތަނެއްގައި އުޅުމަކީ، ހަގީގަތުގައި ވެސް ނަފްސާނީ ގޮތުންނާއި ހުރިހާ ގޮތްތަކުން ވެސް ވަރަށް އުނދަގޫ ކަމެއް. މަސައްކަތް ވެސް އެންމެ ރަނގަޅަކަށް ކުރިއަށް ނުގެންދެވޭނެ،" ފުއާދު ވިދާޅުވި އެވެ.

ފުއާދު އާއި ކޮމިޝަންގެ ނައިބު ރައީސް ހަބީބު، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/ މަޖިލީސް

ފުއާދު ފާހަގަކުރެއްވި ގޮތުގައި، މި ކަންބޮޑުވުންތައް މަޖިލީހާ ހިއްސާކުރި ނަމަވެސް، އަދިވެސް ހައްލެއް ނާދެ އެވެ.

"ދެން އެހެންވީމަ، އަޅުގަނޑަށް ކުރެވެން އޮތް ކަމެއް ކޮށްފައި، ރީތި ގޮތުގައި ދިއުން ކަންނޭނގެ އޮންނާނީ،" ވަރަށް މާޔޫސްކަމާ އެކު ފުއާދު ވިދާޅުވި އެވެ.

"އެހެންވީމަ، އެކަމާ ދޭތެރޭ [އިސްތިއުފާ ދިނުމާ މެދު] ވިސްނަމުން މި ދަނީ. އެހެން ނަމަވެސް، އަދި އިސްތިއުފާއެއް ނުދެން."

ފުއާދުއާ ހިޔާލު ތަފާތުވި ތިން މެންބަރުންނަކީ:

  • ޑރ. މުހައްމަދު ޒާހިރު

  • މުހައްމަދު އާސިފް

  • އަލީ ނަޝާތު

"އެ މީހުން [އެ ތިން މެންބަރުން] ބޭނުންހާ ގޮތަކަށް ކަންކަން ނުގެންދެވޭތީ، އެ މީހުން ބޭނުންވަނީ އަޅުގަނޑު ބޭރުކޮށްލަން. އަޅުގަނޑަށް ވެސް އެއްބަހެއް ނުވެވޭނެ، ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެގެން [އަދި] ޕާޓީއެއް ރަޖިސްޓްރީ ކުރަން އައިމަ، އެކި ސަބަބުތައް ދައްކައި އެކަންކަން ނުކުރާކަށް،" ފުއާދު އިތުރަށް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާ ދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެެއިން އެ ކޮމިޝަންގެ މެންބަރުން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޭގެ އިތުރަށް، ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ބެހުން ފަދަ ކަންކަމުގައި ވެސް އޭނާ ލަފާ ދެއްވައި އެކަން ރަނގަޅަށް ކުރުމަށް ވަކާލާތު ކުރެއްވި ކަމަށް ފުއާދު ވިދާޅުވި އެވެ.

"އެހެންވީމަ، އުނދަގޫވާނެ ކޮމިޝަންގެ ރައިސްއަކަށް ހުންނަ މީހަކު، އެ މީހުން ބޭނުންހާ ގޮތަށް އެއްބަސް ނުވާ ކަމަށްވާ ނަމަ، ކަންކަން ކުރަން. މީގައި އެންމެ ބޮޑު މައްސަލަ އަކީ އެ މީހުން ބޭނުންވާ ގޮތަށް ކަންކަން ނުކުރެވުން،" އާނާ ތަކުރާރުކޮށް ވިދާޅުވި އެވެ. 

ރިޔާސީ އިންތިހާބުގެ ތެރޭގައި ފުއާދު ދެއްކި ޕްރޮފެޝަނަލިޒަމް އާއި ވަކި ކޮޅަކަށް ބުރަ ނުވެ، މިނިވަންކަމާ އެކު މަސައްކަތްކޮށްފައި ވާތީވެ، ބައެއް އާންމުންގެ ތައުރީފު އޭނާއަށް އަމާޒުވި އެވެ. އެކަމަށްޓަކައި ފުއާދު ޝުކުރު އަދާކުރެއްވި އެވެ.

"އަޅުގަނޑު މި ތަނުގައި ހުރިހާ ދުވަހަކު، ގާނޫނާއި ގަވައިދާ އެއްގޮތަށް މަސައްކަތް ކުރާނަން އަދި ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރި ވާނަން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

އިބްރާހީމު

19 ނޮވެމްބަރު 2023
އިލެކްޝަން ރަނގަޅަށް ބޭއްވުނީ ހުރިހާ ކުރެޑިޓެއް ފުއާދަށް، މައްސަލައެއް އުޅެންޏާ ދެންތިބި މެމްބަރުންގެ ބޮލަށް. އެއީ އަބަދުވެސް ފުއާދު ކުރާ ކަމެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް