އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ފުއާދު ފޮޓޯ/ ޕީއެސްެއެމް)

އީސީގެ ރައީސް ފުއާދު ކޮމިޝަންގެ ޖަލްސާތަކުގައި ބައިވެރި ނުވާތާ މަހެއްހާ ދުވަސްވެއްޖެ

ފުއާދު ވިދާޅުވީ، މެންބަރުންނާ ވާހަކަ ދައްކައިގެން މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް

މެންބަރުންގެ މެދުގައި ކުރިމަތިވި ހިޔާލުތަފާތުވުންތަކަށް ފަހު، 'މަސްލަހަތައްޓަކައި' ކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ޖަލްސާތަކުގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތަައުފީގު ބައިވެރިވެ ވަޑައިނުގަންނަވާތާ މަހެއްހާ ދުވަސް ވެއްޖެ އެވެ. 

މައްސަލައިގެ ފެށުން - ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެެއްދެއްވި ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަރުހަލާގެ ތެރެއިން ކޮމިޝަންގެ މެންބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ފުއާދާއި އެހެން ބައެއް މެންބަރުންނާ ދެމެދު މައްސަލަ ޖެހުނެވެ. އެގޮތުން:

  • ފުއާދު އަވަސް އަރުވާލައިގެން ޑިމޮކްރެޓްސްއަށް ހުއްދަ ދޭން އުޅުއްވާ ކަމަށް ކޮމިޝަންގެ އޭރުގެ މެންބަރު އަލީ ނަޝާތު ތުހުމަތުކުރެއްވި؛ ނަމަވެސް ފުއާދު އެކަން ދޮގުކުރައްވާ

  • ފޯމުތަައް އިތުރަށް ނުބަލައި ހުއްދަ ނުދޭން ކޮމިޝަންގެ ދެ މެންބަރުން ދެކޮޅު ހެއްދެވުމުން، އެ ޕާޓީއަށް ހުއްދަ ދިނުން ލަސްވި

  • މި ކޯޅުންގަނޑުގެ ތެރެއިން ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދަ ދިނީ، އެ ހުއްދައަށް ހުށަހެޅިތާ އެއް މަސް ފަހުން، މި މަހުގެ 2ގައި

  • އޭގެ ފަހުން ފުއާދުގެ އިތުބާރު ނެތް ކަމަށް ކޮމިޝަންގެ ޖަލްސާއެއްގައި ފާސްކުރި

ވީ ކީހިނެއް؟ - މި މައްސަލަގަނޑުގެ ތެރެއިން، ފުއާދު ކޮމިޝަންގެ ރަސްމީ ޖަލްސާތަކުގައި އިންނަވާ ނަމަ، ބައިވެރިވާން ބައެއް މެންބަރުން ދިޔައީ ދެކޮޅު ހަދަމުންނެވެ. އެހެންވެ، ފުއާދު ނިންމީ 'މަސްލަހަތައް ބަލައި' ކޮމިޝަންގެ ބައްދަލުވުންތަކުގެ ރިޔާސަތު ނައިބު ރައީސް އިސްމާއިލް ހަބީބްއާ ހަވާލު ކުރުމަށެވެ. 

ތަފްސީލު  - ހަބީބު މިއަދު 'ދައުރު'އަށް ވިދާޅުވީ، ރިޔާސަތު ބެލެހެއްޓުން އޭނާއާ ހަވާލު ކުރި ފަހުން ފުއާދު ކޮމިޝަންގެ ޖަލްސާތަކުގައި ވެސް ބައިވެރި ވެވަޑައިނުގަންނަވާ ކަމަށެވެ.

"މަސްލަހަތައް ބަލައި ރައީސް [ފުއާދު] ނިންމެވީ، ޖަލްސާތައް ބޭއްވުމާއި ރިޔާސަތު ބެލެހެއްޓެވުމުގެ ކަންކަން އަޅުގަނޑާ ހަވާލު ކުރުމަށް. އެއީ، ކޮމިޝަންގެ މަސައްކަތްތައް ހިނގަން ބޭނުންވާތީ ރައީސް ނިންމެވި ނިންމުމެއް،" އީސީގެ ތަރުޖަމާނުގެ މަގާމު ވެސް ފުުރުއްވަމުން ގެންދަވާ ހަބީބު ވިދާޅުވި އެވެ.

މާޗް 19، 2023: އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާ ދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފާހަގަކޮށްލެވޭ ކަމެއް - ރިޔާސީ އިންތިހާބަށް 40އަކަށް ދުވަސް އޮތް އިރު، އީސީގައި މިހާރު ތިއްބަވަނީ ރައީސް ފުއާދާ އެކު ހަތަރު މެންބަރުންނެވެ. އެއީ، ނަޝާތުގެ ފަސް އަހަރުގެ ދައުރު މި މަހުގެ 25އަށް ހަމަވެފައިވާތީ އެވެ. އެހެން ކަމުން މިހާރު ކޮމިޝަންގެ ބައްދަލުވުންތަކުގައި ބައިވެރި ވަނީ ހަބީބްއާއެކު ޖުމްލަ ތިން މެންބަރުންނެވެ.

މަަސައްކަތް މި ކުރަނީ ވާހަކަ ދައްކައިގެން ހައްލު ހޯދުމަށް: ފުއާދު

ކޮމިޝަންގެ ބައްދަލުވުންތަކުގައި ބައިވެރިވަޑައިނުގެންނެވޭތީ، އެކަމާ ގުޅޭ ގޮތުން މިއަދު 'ދައުރު'އިން ސުވާލު ކުރުމުން ފުއާދު ވިދާޅުވީ، އެއީ އޭނާގެ ވެސް އޮތް ކަންބޮޑުވުމެއް ކަމަށާއި ނަމަވެސް މި މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު މަސައްކަތް މި ކުރަނީ މި ހަފްތާ ތެރޭގައި ވެސް ހައްލު ކުރެވޭތޯ އަދި ކުރިއަށް އޮތް ތަނުގައި އަޅުގަނޑަށް ޖަލްސާތަކުގައި ބައިވެރިވެވޭވޭނެ ގޮތެއްވޭތޯ މަސައްކަތް މި ކުރަނީ،" ދެވަނަ ދައުރެއްގައި ކޮމިޝަންގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ފުއާދު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ހަމަ ޖެހޭނެ. އަޅުގަނޑު މިކަމާ ވަރަށް ވިސްނަން، ކަންބޮޑުވެސްވޭ،" ފުއާދު ވިދާޅުވި އެވެ.

ހައްލު ހޯދަން މަސައްކަތް ކުރަނީ ކިހިނެއްތޯ އެހުމުން އޭނާ ވިދާޅުވީ، ހިޔާލުތަފާތުވި މެންބަރުންނާ ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރަނީ ކަމަށެވެ.

އެނގުން މުހިންމު - ފުއާދުގެ އިތުބާރު ނެތް ކަމަށް ކޮމިޝަނުން ފާސް ކުރި ނަމަވެސް، އެއީ އެއްވެސް ނަތީޖާއެއް ނުކުންނާނެ ވޯޓެއް ނޫނެނެވެ. އެއީ ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުން ރައީސް މަގާމުން ވަކި ނުކުރެވެ އެވެ.  އެއީ، ގާނޫނީ ބުރަދަނެއް ނެތް ވޯޓަކަށް ވާތީ، މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ފުއާދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް