އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުއާދާއި ހަބީބު. (ދައުރު ފޮޓޯ/ހުސެން ސުނޭން)

3 މެންބަރުން ފުއާދަށް އިތުބާރު ނުކުރާތީ އިސީގެ ރިޔާސަތު ބަލަހައްޓަވަނީ ހަބީބު

ފުއާދަށް އިތުބާރު ނެތް ކަމަށް ތިން މެންބަރުން ވަނީ ވޯޓު ދެއްވާފައި؛ ނަމަވެސް، ގާނޫނު ބުނާ ގޮތުން ފުއާދު ވަކިކުރެވޭނީ މަޖިލީހުން

ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގަށް އެ ކޮމިޝަންގެ ތިން މެންބަރުން އިތުބާރު ނުކުރައްވާތީ، ނައިބު ރައީސް އިސްމާއިލް ހަބީބު އެ ކޮމިޝަންގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވަން ފައްޓަވައިފި އެވެ.

މައްސަލައިގެ ފެށުން - ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުއްދަ ދިނުމުގެ މަރުހަލާގެ ތެރެއިން ފެންމަތިވި ކޮމިޝަންގެ މެންބަރުންގެ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ފުއާދާއި އެހެން ބައެއް މެންބަރުންނާ ދެމެދު މައްސަލަ ޖެހުނެވެ. އެގޮތުން:

  • ފުއާދު އަވަސް އަރުވާލައިގެން ޑިމޮކްރެޓްސްއަށް ހުއްދަ ދޭން އުޅުއްވާ ކަމަށް ކޮމިޝަންގެ މެންބަރު އަލީ ނަޝާތު ތުހުމަތުކުރެއްވި؛ ނަމަވެސް ފުއާދު އެކަން ދޮގުކުރައްވާ

  • ފޯމުތަައް އިތުރަށް ނުބަލައި ހުއްދަ ނުދޭން ކޮމިޝަންގެ ދެ މެންބަރުން ދެކޮޅު ހެއްދެވުމުން، އެ ޕާޓީއަށް ހުއްދަ ދިނުން ލަސްވި

  • އެންމެ ފަހުން މި ކޯޅުންގަނޑުގެ ތެރެއިން ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދަ ދިނީ، އެ ހުއްދައަށް ހުށަހެޅިތާ އެއް މަސް ފަހުން، މި މަހުގެ 2ގައި

ވީ ކިހިނެއް؟ - އެ ހުއްދަ ދިނުމަށް ފަހު، ކޮމިޝަނުން ބޭއްވި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި ހަތަރު މެންބަރުންގެ ތެރެއިން ތިން މެންބަރަކު ވަނީ ފުއާދަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފަ އެވެ. މިކަން އެ ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު ހަބީބު މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.

ތަފްސީލު - ހަބީބު ވިދާޅުވީ ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމާ ގުޅޭ ގޮތުން ކޮމިޝަންގެ ތެެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ބައެއް މެންބަރުން ބޭނުންވީ ފުއާދު ރައީސްކަމުން ވަކިކުރުމަށް ކަމަށެވެ. ނަމަވެސް ގާނޫނު އޮންނަ ގޮތުން އެއީ ކޮމިޝަންގެ މެންބަރުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"[މި މައްސަލަގަނޑަށް ފަހު] ކޮމިޝަންގެ ރައީސް [ފުއާދު] ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގައި އެ މެންބަރުން ބައިވެެރިވެވަޑައިނުުގަންނަވާ. އެހެންވެ، ޖަލްސާގެ ރިޔާސަތު ބަލަހައްޓަނީ އަޅުގަނޑު،" އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި ހަބީބު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ހަބީބު ވިދާޅުވި ގޮތުގައި އެ މެންބަރުން އަދިވެސް އެ ގޮތަށް ދެކޮޅަށް ހައްދަވަމުން ގެންދަވާތީވެ، ރިޔާސަތު ބެލެހެއްޓުމުގެ ޒިންމާ އާއި ޖަލްސާ ބޭއްވުމުގެ ކަންކަން އިންތިޒާމްކުރުން ފުއާދު ވަނީ އޭނާއާ ހަވާލުކުރައްވާފަ އެވެ.

"ކޮމިޝަންގެ ރައީސް ވެސް ބޭނުންފުޅުވަނީ ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް. އެހެންވެ އަޅުގަނޑާ އެ ޒިންމާ ހަވާލުކޮށްފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ފުއާދަށް އިތުބާރު ނުކުރާ ތިން މެންބަރުންނަކީ:

  • ނަޝާތު

  • ޑރ. މުހައްމަދު ޒާހިރު

  • މުހައްމަދު އާސިފް

އެނގުން މުހިންމު - އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 10 ވަނަ މާއްދާގައި، ކޮމިޝަންގެ ރައީސް މަގާމު ހުސްވާނެ ދެ ހާލަތެއް ބަޔާންކޮށްފައިވެ އެވެ. އެއީ:

  • ކޮމިޝަންގެ މެންބަރު ކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތުގައި

  • އަމިއްލައަށް އިސްތިއުފާ ދިނުމުން

ގާނޫނުގައިވާ ގޮތުން، ކޮމިޝަނަށް ރައީސަކު އައްޔަން ކުރަނީ މެންބަރުން ތެރެއިން، ކޮމިޝަންގެ މެންބަރުންނެވެ. މެންބަރުން ކޮމިޝަނުން ވަކިކުރުމުގެ ބާރު އޮންނަނީ މަޖިލީހަށް އެކަންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް